އިޒްރޭލު ޕާސްޕޯޓު މަނާކުރުމުުގެ މަސައްކަތް އަވަސްކުރުމަށް ޕީއެންސީން އިލްތިމާސްކޮށްފި

Wed, 16 Oct 2024 01:24 AM

View on this article on One Online

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުުގެ މަސައްކަތް އަވަސްކުރުމަށް ޕީއެންސީން އިލްތިމާސްކޮށްފި

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުން އަވަސްކުރުމަށް ސަރުކާރު ހިންގާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.

މިދިޔަ ޖޫން މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ނިންމަވައިފައެވެ.

އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވި ނަމަވެސް، އެ މަސައްކަތް ކުރިއަށްގޮސްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.

"މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ..،" މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ބުންޏެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.





More from One Online