ރުހުން ދީފާނުހޭ - 26

Wed, 16 Oct 2024 12:31 AM

View on this article on One Online

ރުހުން ދީފާނުހޭ - 26

މައުސޫމާ ފުން ނޭވައެއް ދޫކޮށްލާފައި ޖޯލީގައި ބުރަކަށި ދަމާލިއެވެ. ހަށަން ބަނދެލާފައި އޭނާގެ ނަޒަރު ހާމައަށް އޮތް އުޑަށް ހުއްޓާލިއެވެ. ދޭތެރެއަކުން ޖެހިލާ ގުދުރަތީ ވައިރޯޅިން އޭނާ އަޅާފައި އޮތް ކަޅު ކުލައިގެ ކަން ބުރުގަލުގެ ކަނުން ތެޅިލައެވެ. މައުސޫމާ އޮތީ ފިކުރު ބޮޑުވެފައިކަން އެނގުމުން ޒޭބާ ކަންބޮޑުވިއެވެ. އެކަން ވާނީވެސް އެހެންކަން މާކުރިންވެސް އޭނާއަށް އެނގެއެވެ.

"މަންމާ، ޒެއްލު މެލީ ވަރިކުރާނެހެން ހީވޭތަ؟" ޒޭބާ އަހާލިއެވެ.

"ކުރާނެ. މިހުރިހާ ދުވަހުވެސް އޭނާ މެލެކް ވަރިނުކޮށް ހުރީ އަހަރެމެންގެ ދެމަފިރިންގެ ސަބަބުން. މިހާރު އަހަރެން މިބުނީނު ވަރިކުރާށޭ. އޭނަ ހިތުން މިހާރު ނުކުރާކަމެއްވެސް ނޭނގޭ" މައުސޫމާ ބުންޏެވެ. އޭނާގެ ދެލޮލުގެ އަރިމަތިން ރޮނގަކަށް ކަރުނައެއް ފައިބައިގެން ދިޔައެވެ.

"އޭރުން މުޅި އުމުރަށް މެލީ އަހަރެމެންނަށް ގެއްލުނީ. ފަހަރެއްގަ.... ފަހަރެއްގަ ލޫލުވެސް ގެންދަން އައްޒާމްބެ ބޭނުންވެދާނެ. އޭރުން މެލީއާއެކު ލޫލުވެސް ގެއްލުނީ" ޒޭބާ ބުންޏެވެ.

"ހުރިހާ ކަމަކާ ހެއްދެވިފަރާތާ ވަކީލު. ދުނިޔޭގައި ހުއްޓާ ﷲ ދެއްކެވި ކޮންމެ ދުވަހަކާ ކުރިމަތިލުމުގެ ހެޔޮ ތައުފީގު އަޅަމެންގެ ދެމަފިރިންނަށް ދެއްވާށި" މައުސޫމާގެ ހިތަށް ވަނީ އިންތިހާއަށް ފުންއަސަރުތަކެއް ކޮށްފައެވެ.

****

އިތުރަށް މެލެކްގެ ހާލު ގޯސްނުވާތީ އޭނާ މާލެ ގެނެވުނީ ދުވަހުގެ އިރުއޮށްސުނު ފަހުންނެވެ. ހޮސްޕިޓަލުގެ އައިސީޔޫގައި ވަގުތުން މެލެކް އަށް ފަރުވާދޭން ފެށުނެވެ. އައިސީޔޫ އަށް ބޭނުން ކޮންމެ ވަގުތަކު ނުވަދެވޭތީ ތަބައްސުމް ގޮވައިގެން އައްޒާމް އައީ މާލޭގައި ހުންނަ އޭނާގެ ހަތް ބުރީގެ އިމާރާތަށެވެ. އޭނާ އައީ އެކުގައި ޒިޔާދުވެސް ގޮވައިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް އެ އާއިލާ ޒިޔާދު ދޫކޮށްނުލައެވެ. އައްޒާމް އާއި ތަބައްސުމް އާ މެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވުނަސް ދެމަފިރިން ތިބެނީ އެކަކު އަނެކަކު ވާހަކަދެއްކުމުގެ އިންތިޒާރުގައެވެ.

ކޮޓަރީގައި އޮވެފައި މައިލީން ނިކުތީ ޑޮކްޓަރ އަހަދުގެﷲ ފޯނު ކޯލު ލިބުމުންނެވެ. މައިލީން ސިޓިންގރޫމަށް ނިކުމެ ދެކޮޅު ބަލައިލިއެވެ. ސޯފާގައި ހިމޭންވެފައި އިން މަންމަ ފެނުމުން އޭނާގެ ފިޔަވަޅުތައް ލަސްވިއެވެ. މައިލީން ގޭތެރޭގެ ހުރިހާ ދިމާލެއް ބަލައިލިއެވެ. ބައްޕަ ފެންނާކަށް ނެތެވެ. ދޮރުގައި މީހަކު ބެލްއަޅާލި އަޑު އިވުމުން މައިލީން ބަލައިލިއެވެ. ރަނގަބީލުގެ އަޑަށްވެސް ތަބައްސުމް އަށް އަސަރެއް ނުކުރިއެވެ. މައިލީން ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ބޭރު އަންހެނެކެވެ. އެއީ ބޭރު މީހެއްކަން އެނގޭތީ މައިލިން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. އެމީހާ ގޮވައިގެން ބަދިގެ އާ ދިމާލަށް މައިލީން ދިޔައީ ތަބައްސުމް ކުރިމަތިންނެވެ. އެވަރުންވެސް ތަބައްސުމްއަށް ހިލަމެއް ނުވެއެވެ. ދަތްދޮޅީގައި އަތްވިދެލައިގެން އިން ތަބައްސުމް ކައިރީގައި މައިލީން އައިސް އިށީނެވެ.

"މަންމާ" ތަބައްސުމް ސިހިފައި މައިލީން އަށް ބަލައިލިއެވެ.

"މިދަނީ ހޮސްޕިޓަލަށް. ހަވީރު މަންމަ އާދޭ ބައްޕައާއެކު" އޯގާތެރިކަމާއެކު މައިލީން ބުންޏެވެ.

ފިކުރު ބޮޑުވެފައި އިން ތަބައްސުމް ބޯޖަހާލިއެވެ. އަނގައިން ބަހެއްބުނެލާނެ ހިތްވަރެއްވެސް އޭނާގެ ނެތީއެވެ.

"މަންމާ، އެހާ ފިކުރުނުކޮށްބަލަ. މެލީގެ ހާލު ފަހުން ގޯހެއްނުވޭ. އިރާދަކުރެއްވިއްޔާ ދެން ދާނީ ރަނގަޅަށް" މައިލީން ތަބައްސުމްގެ ގައިގައި ބައްދާލާފައި ބުންޏެވެ.

"މިދަނީ އެނގޭ. ޑރ އަހަދު ދެންމެވެސް ގުޅައިފި" މައިލީން ބުންޏެވެ.

މައިލީން ގޭ ދޮރުން ނިކުންނަންދެން ތަބައްސުމް ބަލަން އިނެވެ. މުޅިންވެސް ފިކުރުބޮޑުވާންޖެހޭ ފަދަ ކަންތަކެވެ. ހަގުދަރިފުޅު މަރާ ހަނގުރާމަ ކުރަނީއެވެ. ދިރިއުޅުމުގައި ދުވަހަކުވެސް އަންނަން ބޭނުންނުވާ ތަނަކަށް އޭނާ އައިސް ބޭންދީއެވެ. ދުވަހަކުވެސް އައްޒާމްގެ އެހީތެރިކަމެއް ބޯހިޔާވަހިކަމެއް ބޭނުންވެދާނެ ކަމެއް އޭނާއަށް ނޭނގެއެވެ. އެހެންނަމަވެސް ވަގުތާ ހާލަތު ހުރިހާ ކަމެއް ބަދަލުކޮށްފިއެވެ. އޭނާ އިނީ އައްޒާމްގެ މުއްސަދިކަމުގެ ތެރެއަށް ވަދެފައެވެ. އެފަދަ ތަނަވަސް ދިރިއުޅުމެއް އޭނާ ބޭނުންނުވެއެވެ. އެހެންނަމަވެސް މިއަދު އެނޫންގޮތެއް ނެތެވެ. ކުއްލިއަކަށް ދިރިއުޅުން އޭނާ ގެނެސް ބެހެއްޓި ހިސާބުން ފުރަގަސްދީފައި ދެވޭކަށް ނެތެވެ. މިހާރު އޭނާއަށް އިހުސާސްވާ ކަހަލައެވެ. ދަރިންނާ މެދު މައިންނާއި ބަފައިންގެ ހިތުގައި ލޯބި އޮންނަ މިންވަރު ތަފާތު ނަމަވެސް ދެ ދަރީންދެކެ އައްޒާމް ވާލޯބި މިއަދު އޭނާއަށް ފެނިއްޖެއެވެ. ދަރިންގެ ކަންތަކާއި މާޒީގެ ވާހަކަތައް ދައްކައިގެން އިތުރަށް އައްޒާމް އަށް އެއްޗެއް ބުނަން އޭނާ ބޭނުމެއް ނުވެއެވެ.

"ތާބާ..." ކައިރިން އިވުނު އައްޒާމްގެ އަޑަށް ތަބައްސުމް ސިހުނެވެ. 'ތަބައްސުމްގެ މޫނާ ދެލޮލުން މާޔޫސްވެރިކަމާ އުދާސްތައް އައްޒާމް އަށް ފެނުނެވެ. ތަބައްސުމް ތެދުވެގެން ދާން އުޅެފައިވެސް އޭނާ މަޑުޖެހުނެވެ. ފުރަގަސްދީފައި ދާންވީ ކޮންތާކަށް ހެއްޔެވެ؟ ގެއަށް އައިފަހުން އެންމެ ސިކުންތަކަށްވެސް އޭނާ ނުފެންނަ ހިސާބަކަށް އައްޒާމް ނުދެއެވެ.

"މިއައީ މަސް ހިފައިގެން. ތާބާ އާ މައި އަށް މީރު ފަރުމަސް ވެސް ހުންނާނެ. ތާބާ ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް. މީހަކު ހުންނާނެ ހުރިހާ މަސައްކަތެއްކުރަން" އައްޒާމް ބުންޏެވެ.

"އަހަރެންގެ މައިންބަފައިންނަކީ ލޯބޯކޮށިވަންދެން މަސައްކަތްކުރި ބައެއް. އެއީ ތަނަވަސްކަމެއް މަރުދުވަހާ ހަމައަށް ލިބުނު ބައެއްނޫން. އަހަންނަކީ ފަގީރު ދެމަފިރިއަކަށް ލިބިފައި އިން ރާއްޖެތެރެއަށް ނިސްބަތްވާ ބުރުސޫރަ ރީތިނޫން އާދައިގެ އަންހެނެއް" ތަބައްސުމް ބުންޏެވެ. މިފަހަރު އޭނާގެ އަޑުގައިވީ ހަރުކަށިކަމެއް ނޫނެވެ. އަދި ހިތްހަމަނުޖެހުމެއްވެސް ނޫނެވެ. ދެވަނަ ފަހަރަށް އައްޒާމްގެ އަތުން އޭނާގެ ކަރުގައިހިފާފާނެ ކަމަށްޓަކައި ހަނދާންކޮށްދިން ހަނދާންކޮށްދިނުމެކެވެ.

"އެއްވެސް ކަމެއް ބަދަލެއްނުވޭ އައްޒާމް"

އައްޒާމް ދެލޯމަރާލިއެވެ. ތަބައްސުމް އަށް ނޭނގި އޮވެދާނެއެވެ. ތަބައްސުމް އަށް ވުރެ ފުރިހަމަ އެއްވެސް އަންހެނެއް މިއަދާ ހަމައަށްވެސް އައްޒާމަށް ފެނިފައެއް ނެތެވެ. އޭނާގެ ހިތުން ހައްގު ޖާގައެއް ކަށަވަރުކުރި އެއްވެސް އަންހެނެއް މިދުނިޔޭގައި ނެތެވެ. އޭނާގެ ހިތުން ތަބައްސުމް އެއްފަރާތް ކުރެވޭނެ އެއްވެސް ބާރެއް ނުވެއެވެ. އެ އިހުސާސް އޭނާގެ ހިތުގައި ލެއްވުމަށް މިންވަރު ކުރެއްވި ފަރާތް ފިޔަވައެވެ.

"މިއީ ތާބާގެ ތަނެއް. މިތަނަށް ބޭނުންގޮތެއް ހެދުމުގެ ބާރު ތާބާއަށް އޮންނާނެ: މިގެއިން ތާބާ އެހެންތަނަކަށް ބަދަލުވިޔަސް މިގެ ތަޅާ ބިމާ ހަމަކުރިޔަސް ތާބާއަށް އެއްވެސް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ. މިއީ އަހަރެން ތި ތިންމައިންޓަކައި ކުރި ބުރަ މަސައްކަތް" އައްޒާމް ބުންޏެވެ. ތަބައްސުމްގެ ވާހަކަތައް ފެށިގޮތުން އޭނާ ބުނަން އުޅުނީ ކީކޭ ކަން އައްޒާމަށް އެނގުނެވެ.

"ތި ބާރު އަހަންނަށް ދިނީތީ މިބުނަނީ. މަސައްކަތްކުރާނެ ނޯކަރުން އަހަރެން ބޭނުމެއްނުވޭ. އެތަނަކީ ކިތަންމެ ބޮޑު ތަނަކަށް ވިޔަސް އަހަރެންގެ ހަތަރެސްފައި ހެލޭހާ ހިނދެއްގައި މަސައްކަތްކުރާނަން" ތަބައްސުމް ބުންޏެވެ. އައްޒާމްއަށް އޭރުވެސް އެނގުނެވެ. ނޯކަރުންނެއް ތަބައްސުމް ބޭނުމެއް ނުވާނެއެވެ. އެއީ ހަތަރެސްފައި ހެލޭ ހީވާގި އަންހެނެކެވެ. ކުރަން ނޭނގޭ ހަމަ އެއްވެސް ކަމެއް ތަބައްސުމްގެ ނެތެވެ. އެހެންނަމަވެސް ބޭރު މީހަކު އައްޒާމް ހޯދީ ގޭތެރޭގެ ހާލަތު މިވަގުތު އޮތް ގޮތުންނެވެ.

އައްޒާމްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ކިހިނެއް ހަދަންވީ؟ ތާބާ ބުނޭ. އެ އަންހެންމީހާ ފޮނުވާލަންވީތަ؟" އައްޒާމް ބުންޏެވެ.

"އުނހު. އެއީވެސް ދިރިއުޅުމުގެ މުހުތާދުތައް ފުއްދަން ބޭނުންވާތީ މަސައްކަތްކުރާ އަންހެނަކަށް ވާނީ. އޭނަ ބަހައްޓާ" ތަބައްސުމް ބުނިގޮތުން އައްޒާމް އަށް ހެވެސް އުޅުނެވެ. އެހެންނަމަވެސް މޫނަށް އިތުރު ހަރަކާތެއް އައުމުގެ ކުރިން އޭނާ ކޮންޓްރޯލު ކުރިއެވެ.

****

ލޫލު ރީތިކޮށްގެން ބޭރު ޖޯއްޔަށް ނިކުންނަން ދޮރާދިމާލަށް ދިޔަ މައުސޫމާއަށް ބާޒިލް ގޮވާލިއެވެ. މައުސޫމާ ބަލައިލާފައި މަޑުކޮށްލިއެވެ. ބާޒިލް އާ މައުސޫމާ ރަނގަޅަށް ވާހަކަނުދައްކާތާ ދެތިން ދުވަސް ވެއްޖެއެވެ. މައިންބަފައިން އޭނާ އާ ރުޅިވެގެން އުޅުންވީ އޭނާއަށް ލިބޭ ތަކުލީފަކަށެވެ. އޭނާ ކާން އިންނަ ތަނެއްގައި މަންމަ ނުވެސް ހުރެއެވެ. މުޅި ދުވަސް ނިމިގެންދާއިރު ގިނަފަހަރަށް މަންމަގެ މޫނުވެސް ފެނިނުލައެވެ.

"މަންމަ ހާދަ ބަދަލުވެއްޖޭ" ކައިރީގައި ހުއްޓިފައި ބާޒިލް ބުންޏެވެ.

"ކީއްކުރަން އަހަރެން ތިމަޑުކުރުވީ" މައުސޫމާ އަހާލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

"ސޮރީ އޭ މަންމާ" ބާޒިލް ބުންޏެވެ.

މައުސޫމާގެ އަތުގައި ބާޒިލް ހިފިއެވެ. ގަދަހަދަން އުޅެފައިވެސް މައުސޫމާ ގޮތްދޫކުރިއެވެ. މައުސޫމާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ބައިންދާފައި ބާޒިލް އިށީނީ ކައިރީގައެވެ.

"ބާޒިލް ހީކުރަނީ ކޮންމެފަހަރަކު ސޮރީ އޭ ބުނެގެން މައިންބަފައިންގެ ހިތުގައި ލެވިފައިވާ ޒަހަމްތަކުގައި ބޭސްމަލަން އެޅުނީކަމަށްތަ؟ ދުވަހަކުވެސް މިވަރަށް ވެސް ބާޒިލް ކައިރީގަ މަންމަ ޝަކުވާއެއް ކޮށްފައެއް ނޯންނާނެ. ބާޒިލް ގެ އަލަތު ކައިވެނި މައިންބަފައިން އެދުނު މީހަކާ ކުރުވައިގެން މިހާ ބޮޑު އަދަބެއްދޭކަށް ނުވާނެއްނު. ބާޒިލްގެ ތި އަޅާލުންކުޑަކަމާ ނުލަފާކަން ފޫބައްދަން ބާޒިލްގެ ބައްޕަ ފަކީރު ކިހާވަރަކުން އެ އުޅެނީ. ކޮލެސްޓްރޯލަށާ ހަކުރަށް ނުވީތާކަށް މައިބަދައަށް ދާއިމީ ގޮތެއްގަ ގަވައިދުން ބޭސްކާ މީހެއް އެއީ. އެ ފަކީރު އެ އުޅެނީ ބޭސްތައްވެސް ބަހައްޓާފަ ގޮސް. ކީއްވެ؟ ހަމަ ބާޒިލްގެ ސަބަބުން" މައުސޫމާ ވާހަކަދެއްކިއެވެ.

އިސްޖަހައިގެން ބާޒިލް އިނެވެ. އޭނާ އަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. މައުސޫމާގެ ރުޅިގަނޑު އަދިވެސް މައިތިރިނުވާކަން އޭނާއަށް އެނގުނެވެ. މަންމަގެ ކޮންމެ ވާހަކައަކުން އޭނާއަށް އިހުސާސްވަނީ އޭނާގެ ކުށެވެ. ފަރުވާކުޑަކުރެވިފައިވާ ހުރިހާ ކަމެއް ރަނގަޅުކުރާނެ ގޮތަކާމެދު އޭނާ ވަރަށް ވިސްނައިފިއެވެ. ނަތީޖާއަކާ ހަމައަށް އޭނާއަށް އާދެވިއްޖެއެވެ. އޭނާ ބޭނުންވަނީ އޭނާ ނިންމާފައިވާގޮތް މަންމަ ކައިރީގައި ބުނާށެވެ.

"ބާޒިލް އަށް ތި އުނދަގޫ ދުވަސްތަކުން ނިކުންނާނެ މަގެއް މަންމަ ދައްކައިފީމެއްނު. ﷲ ރަހުމަތެއް ލައްވައިގެން މެލެކް އަށް މިރަށަށް އާދެވުނުހާ އަވަހަކަށް މިކަން ނިމޭނެ. ކޯޓުގެ ހަތަރުފާރުން އެތެރެއަށް ފޯމު ވައްދާފަ ބާއްވާ" މައުސޫމާ ބުންޏެވެ. ބާޒިލް އަށް ހަތަރުކަޅި ހަމަކޮށް މަންމައަށް ބަލައިލެވުނެވެ.

"އެކަމަކު..." ބާޒިލް އަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

"ކޮން އެކަމަކުއެއް. މަންމައަށް ކަމެއް ކޮށްދެންޏާ ބާޒިލް ލޯބިވާ މީހާ އާ ކައިވެނިކޮށް ދެންވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާ. އަދި އެއްވާހަކަ. ބާޒިލްގެ ކައިރިން މެލެކް ވަރިވެގެންދާއިރު މެލެކް ދާ ހިސާބަކަށް މިކުއްޖާވެސް ދާނެ. އެއީ އަހަރެން ބޭނުމެއްނޫން ހުރިހާ އެއްޗެއް މެލެކް އަތުން އަތުލާކަށް. އޭނައަށް ވެސް އުފާވެރިކަމާ ހިތްހަމަޖެހުން ހައްގު. އެއީ ހަމައެކަނި ބާޒިލްގެ ހައްގެއްނޫން" މައުސޫމާ ބުންޏެވެ.

ލޫލު އުރާލައިގެން މައުސޫމާ ހިނގައިގަތެވެ. މައުސޫމާގެ ބޯމަތިން ލޫލުގެ ނަޒަރު ހުއްޓިފައިވަނީ ބާޒިލްގެ މޫނަށެވެ. ދަރިފުޅަށް އަތުން ހަނާއަޅާލަންވެސް ، ހިނިތުންވުމެއް ދޭންވެސް ނޭނގިފައި ބާޒިލް އިނެވެ. ދަރިފުޅުގެ ދެލޯ އޭނާ ކައިރީގައި ބުނާ ކަހަލައެވެ. ލޫލު މަންމަވެސް އަދި ބައްޕަ ވެސް ބޭނުމެވެ.

****

އިތުރު ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ހުކުރު ދުވަހެވެ. މެންދުރަށް ކައްކާފައި ލޫލު ގޮވައިގެން ޒޭބާ ވަނީ ކޮޓަރިއަށެވެ. އޭނާ ފެންވަރައިގެން ކޮޓަރިން ނިކުތީ ލޫލު ނިންދަވާފައެވެ. މޭޒު ކައިރިއަށް އައިރު ބާޒިލް އިނެވެ. މަންމަ އާ ކޫ އޭނާއަށް އެއްވެސް ކަމެއްގައި އެހީނުވާނެކަން އެނގޭތީ އޭނާ އިނީ އަމިއްލަ އަށް ރޮށިތަށި މޮޑޭށެވެ. އޭނާ އަތުން ތަށި އަތުލަން އުޅެފައިވެސް ޒޭބާ އަޅާނުލިއެވެ. އައިސްއަލަމާރިން ފަނި ފުޅި ހިފައިގެން އައިސް އޭނާ ބިއްލޫރިތައްޓަށް އެއޅިއެވެ. ބާޒިލް އާ ތަށި ކައިރިކޮށްލާފައި ޒޭބާ އިށީނެވެ.

"ކޫ ނުކަނީތަ؟" ބާޒިލް އަހާލިއެވެ.

"މަންމަ އައިމަ" ޒޭބާ ބުންޏެވެ.

ކުރިއަށް ވުރެ ޒޭބާ ވެސް ބާޒިލް އާ ވާހަކަދެއްކުން މަދުކުރިއެވެ. އެހެންވެ އެއްޗެއް ބުނަން ބޭނުންވިޔަސް ގިނަފަހަރަށް ބާޒިލް އިންނަނީ ވާހަކަނުދައްކައެވެ. އިރުކޮޅަކުން މައުސޫމާ އައިސް އިށީނެވެ. ކުޑަކޮށް ނަމަވެސް ކާއެތިކޮޅެއް ކެވޭތޯ އޭނާ ތައްޓަށް ބަތް ސަމްސަލެއް އެޅިއެވެ.

"ބާޒިލް ކައިރީގަ މަންމަ ވާހަކައެއް ބުނަންވެފަ އެބައޮތް" މައުސޫމާ ބުންޏެވެ.

"ކޮންވާހަކައެއް؟ ބުނޭ." ބާޒިލް ބުންޏެވެ.

މަންމަގެ ތައްޓަށްވެސް ފަނި އަޅާފައި ޒޭބާ އިށީނެވެ. މަންމަ ބުނަން އުޅޭ އެއްޗެއް އޭނާވެސް އިނީ އަހާހިތުންނެވެ.

"މިއަހަރުގެ ބޮޑު އީދަށް ހިބާ އާ ލައިބާވެސް އަންނަ ވާހަކަބުނި. ސާރާ އާ ވާހަކަދައްކައިގެން އެހާތަނަށް ތައްޔާރުވޭ. އަދި މި ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދަން ބޭނުންވާގޮތް އެއްބަނޑު ތިންއަންހެނުންނާ ހިއްސާކޮށްގެން ކުރިއަށްގެންދޭ. އެމީހުންތިބީ ބާޒިލްއަށްޓަކައި ކޮންމެ ކުރަންވެސް ތައްޔާރަށް" މައުސޫމާ ވާހަކަދެއްކިއެވެ.

ބާޒިލް ކެއުން ލަސްކޮށްލިއެވެ. މިފަހަކަށް އައިސް މަންމަ ދައްކާ ވާހަކަތަކުން އޭނާއަށް ހިތްހަމަޖެހުމެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟

"މަންމަ ކީއްވެތަ އަބަދު އަބަދު ތިހަނދާންކޮށްދެނީ އަހަރެން ކަންތައްކުރަނީ ރަނގަޅަކަށްނޫންކަން" ބާޒިލް ބުންޏެވެ.

"އެގޮތަށް ބާޒިލް އަށް އިހުސާސްވެއްޖެތަ؟ ތިވަރު އިހުސާސް ވިކަމަށްޓަކައި ވެސް މަންމަ ﷲ އަށް ޝުކުރުކުރަން" މައުސޫމާ ބުންޏެވެ.

"އަހަރެން ބޭނުމެއްނޫން މެލެކް ވަރިކުރާކަށް. އަހަރެން ދެން ބަލާނަން ހުރިހާ ކަމެއް ރަނގަޅުކުރެވޭތޯ" ބާޒިލް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.

ބާޒިލްގެ ހިތަށް އަސަރުތަކެއް ކޮށްފިކަން މައުސޫމާއަށް އެނގުނެވެ. ދެއަތުން ބޮލުގައި ބާޒިލް ހިފަހައްޓައިގެން އިންގޮތުން މައުސޫމާގެ ހިތުގައި ރިއްސާލިއެވެ. އެކަމަކު އޭނާ އެއްޗެއް ނުބުނެ ޒޭބާ އަށް ބަލައިލިއެވެ.

"އެކަކުވެސް އަހަރެން ގުޅީމަ ފޯނެއް ނުނަގާ. ބައްޕަ އެތާ ހުރެވެސް ފޯނު ނުނަގާ. މެލެކްގެ ހާލު ބަލާނެގޮތެއް އަހަންނަކަށް ނޭނގުނު" ބާޒިލް ބުންޏެވެ.

"ތެދެއް ބުނަންތަ ދަރިފުޅާ" މައުސޫމާ ބުންޏެވެ. ބާޒިލް ބަލައިލިއެވެ.

"މެލެކްގެ އެއްވެސް ކަމަކާ ބާޒިލް އުޅޭކަށް މަންމަ ބޭނުމެއްނޫން. މެލެކްއަށް ބާޒިލް އެކަށީގެނެއްނުވޭ. ނަސީބު މުށުތެރޭގައި އޮވެމެ ބާޒިލް ތިއީ އެއަށް ފުރަގަސްދޭ މީހާ. އަދި އެއްދުވަހުން މަންމަ މިބުނި އެއްޗެއް ބާޒިލް އަށް ވިސްނޭނެ. އެހެންވީމަ ރަނގަޅުވާނީ އެއްވެސް ކަމެއް ރަނގަޅު ކުރަން ބާޒިލް ނޫޅުނިއްޔާ" މައުސޫމާ ބުންޏެވެ.

ބާޒިލް އާއި ޒޭބާ އިނީ ހައިރާންވެފައެވެ. މަންމަގެ ވާހަކަތައް ހުންނާނީ އެގޮތަށް ކަމަށް އެއިން އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. މިފަހަރު ޒޭބާ ބަލައިލީ ކަންބޮޑުވެފައި ބާޒިލް އަށެވެ. އެއްޗެއް ނުބުނެ ރޮށި ތައްޓަށް ބަލަހައްޓައިގެން ބާޒިލް އިނެވެ.

****

ފުލުހުންގެ މަރުކަޒުން ކައިގެން ނިކުމެ ރައްޔާން އިށީނީ ދިމާލަށް ހުރި ޖޯލީގައެވެ. އާދައިގެމަތިން މިއަދުވެސް އޭނާ އެންމެ ފުރަތަމަ ކަމަކަށް ގުޅީ މައިލީން އަށެވެ. އޭނާ ގަވައިދުން މެލެކްގެ ހާލު ބަލައެވެ. ނަސީބު ކަންދިމާކުރި ގޮތުން މެލެކްއަށް އެ ހާދިސާ ދިމާވިއިރު ރައްޔާން ހުރީ ކަނޑުމަތީގައެވެ. އޭނާ އަށް އެހަބަރު ދިނީ މައިލީން އެވެ. އޭނާ ކިތަންމެ ދާން ބޭނުންވިޔަސް ހާލަތުގެ ގޮތުން މެލެކް އާއެކު އެދަތުރުގައި އޭނާއަށް ބައިވެރި ނުވެވުނެވެ. އެހެންނަމަ އޭނާއަށް މެލެކް ފަހަތުން ދެވުނީހެވެ. މައިލީންގެ ފަރާތުން މެލެކްގެ ފަހުގެ ހަބަރުތައް ލިބުމުން އޭނާއަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. ލިބުނު ހިތްހަމަޖެހުމުގައި އޭނާ އައީ ފިހާރަ އާ ދިމާލަށެވެ. ފިހާރަތެރޭގައި ހުރި ބާޒިލް ނިކުތީ ރައްޔާން އެފިހާރައަށް ވަންނަނިކޮށެވެ. ދެ ޒުވާނުން އެކަކު އަނެކަކަށް ބަލައިލިއެވެ. ބާޒިލްގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ރައްޔާނަށް އެއްޗެއް ނުބުނެ ދާހިތެއް އޭނާ ނުވިއެވެ. އޭނާއަށް އިހުސާސް ނުވިޔަސް ރައްޔާނާ މެދު ހަސަދަވެރިވެވެނީ މާވަރަކަށެވެ.

"އަހަރެން އަންތަރީސްޑް. ކަލޭ މެލެކް ފަހަތުން ނުދިޔައިމަ" ބާޒިލް ބުނެލީ މަލާމާތުގެ ރާގެއްގައެވެ.

"އަހަރެން ހުރީ ފުރުސަތަކަށް ބަލަން. ނަސީބު އެއްބައިނުވީ. އެންމެންނަކީ ކަލެއެއް ނޫން. ކަލޭ މެލެކް ފަހަތުން އަދި ދުވާނެ. އިރާދަކުރެއްވިއްޔާ އެމަންޒަރު އަހަރެން ދެކޭނަން" ރައްޔާން ބުންޏެވެ.

"ކަލޭ މިހާރު ފަހަތަށް ޖެހެން ވެއްޖެއްނު. މެލެކް ކަލެޔަކާ ހިތައެއް ނުވާނެ. މިރަށުން ރީތި ބިޓެއް ކަލެއަށް ނުވަނީތަ؟ އަހަރެން ހޯދަދެންތަ؟" ބާޒިލް ބުންޏެވެ.

"ކޮންމެހެން އެބުރަ ކަލޭ އުފުލާނެ ކަމެއް ނެތް. އަހަރެން މިއީ ފިރިހެނެއް. ފިރިހެނެއްގެ ސިފަޖެހިގެން ހުރި އަންހެނެއް ނޫން. ކަލޭ ކަހަލަ" ހިނިގަނޑަކާއެކު ބާޒިލް ހުރަސްކޮށްފައި ރައްޔާން ވަނީ ފިހާރައިގެ އެތެރެއަށެވެ. ބާޒިލް ވަރަށް ހިތްހަމަނުޖެހުނެވެ. އޭނާ ރައްދުދޭން ބޭނުންވެގެން ރައްޔާން ފިހާރައިން ނިކުންނަންދެން ފިހާރަ ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

****

ޑރ އަހަދުގެ ކޮޓަރީގައި ތަބައްސުމް އާ އައްޒާމް އިނެވެ. އައްޒާމް އެދުމުގެ މަތިން ޒިޔާދުވެސް ވަކިން ހުރި ގޮނޑިއެއްގައި އިނެވެ. އިރުކޮޅަކުން ޑޮކްޓަރ އަހަދު އާއި މައިލީން ވަދެގެން އައެވެ. ދެކުދިންވެސް ތިބީ ފިޔާތޮށި ކުލައެއްގެ ޔުނީފޯމެއްގައެވެ. ކުރިމަތީގައި ހުރި ދެ ގޮނޑީގައި ދެކުދިން އިށީނުމާއެކު ތަބައްސުމްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ޑޮކްޓަރަކު ފެނުމާއެކު ތަބައްސުމްގެ ހާލަކީ އެއެވެ. ކަމާ ނުގުޅޭ ޑޮކްޓަރެއް ފެނުނަސް އޭނާއަށް ހީވަނީ މެލެކް އާ ގުޅުވައިގެން އެމީހަކު ނުބައި ހަބަރެއް ދީފާނެހެންނެވެ.

"މެލީ ކިހިނެއް މިހާރު؟ ކުރިއެރުމެއް ލިބިއްޖެތަ؟" ކެތްތެރިކަން ކުޑަވެފައި ތަބައްސުމް އަހާލިއެވެ.

"އަލްހަމްދުލިއްލާހް. މެލެކްގެ ހާލު މިކޮޅަށް ގެނައިފަހުން އަންނަނީ ރަނގަޅުވަމުން. ރާއްޖެއިން ބޭރަށް ދާކަށް ނުފެނޭ. ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ލިބިއްޖެ. ސިކުނޑީގެ ދުޅަކަން ވަރަށް ބޮޑަށް ކުޑަވެއްޖެ. ބަރާބަރަށް ކަޅި ހަރަކާތްކުރޭ. ބޮޑީ ޓެމްޕަރޭޗަރ މިހާރު ހަމަޔަކަށް އެޅިއްޖެ. ޕްރެޝަރ ވެސް ރަނގަޅު. މެލެކް އޮތީ މިހާރު ކޯމާއެއްގައެއް ނޫން. ނިންދަވާފަ. ހޭއަރައިގެން ކަންކަމާ ފިކުރުކޮށް ހިތުގައި ސުވާލުތައް އުފެދި ވިސްނުމަށް ވަގުތު ނުދޭންވެގެން އަބަދު ނިންދަވާފަ ބާއްވަނީ. މެލެކް ކައިރިއަށް ވަދެފައިވެސް އެއްވެސް މީހަކު އަނގައިން ނުބުނިއްޔާ ރަނގަޅީ" ޑޮރ އަހަދުﷲ ފަހުގެ މައުލޫމާތުތައް ހިއްސާކުރިއެވެ.

(ނުނިމޭ)





More from One Online