އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވި މީހާ ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު

Wed, 16 Oct 2024 12:16 AM

View on this article on One Online

އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި މައްސަލައިގައި ކާރު ދުއްވި މީހާ ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ މަހުގެ ކުރީކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން ހަސަން ސަމާހު ވަނީ މަރުވެފައެވެ. އެ މައްސަލައިގައި ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ވަނީ ހައްޔަރުކޮށްފައެވެ.

ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވިސާމް ވަނީ އޭނާގެ ބަންދު އަމުރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އޭނާ އިސްތިއުނާފުކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ ފުލުހުން ދޮގު މައުލޫމާތު ދިނުމާއި މި މައްސަލަ ބެލުމުގެ އިހުތިސޯސް މިހާރު އޮންނަނީ ކުރިމިނަލް ކޯޓަށް ކަމަށް ބުނެއެވެ. އެހެންވެ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވަނީ ސައްހަ އަމުރެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިފައިވެއެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވުމުގައި ރިއާޔަތްކޮށްފައިވަނީ ތަކުރާރުކޮށް ލައިސަންސް ނެތި ދުއްވުމުގެ ހިސްޓަރީއެއް އޮތުމާއި އިސްތިއުނާފުކުރާ ފަރާތުން ބާރު ސްޕީޑެއްގައި އުޅަނދު ދުއްވާފައިވާ ދުއްވުމުގެ މައްޗަށާއި އެކްސިޑެންޓުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިފައިވުމުގެ މައްޗަށްކަން އެނގޭ ކަމަށެވެ.

"މުއްދަތުގެ މަޖިލީހުގެ ދެކެވުނު ވާހަކަތަކުގެ ރެކޯޑިން އަށް ބަލާއިރު، ނިޔާވި ފަރާތުން އުޅަނދު ދުއްވާފައިވަނ،ީ ވަންވޭ އެއްގެ އިދިކޮޅަށްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ފުލުހުން ބަޔާންކޮށްފައިވަނީ އެ ހިނދަށް ލިބިފައިވާ ވީޑިއޯ ފްޓޭޖުންނާއި ސްކެޗުންނާއި ހެކިންގެ ބަޔާނުން އެނގެނީ، ތުހުމަތުކުރެވޭ ފަރާތް ބާރު ސްޕީޑެއްގައި ދުއްވާފައިވާ ކަމެވެ. އަދި ކާރުގެ ބަފަރަށް ގެއްލުން ލިބިފައިވުމުން ކާރު ސައިކަލުގައި ޖެހުނީ ކަމަށް ބެލެވޭ ކަމަށެވެ. އަދ،ި އެއީ ތުހުމަތުގެ ވަރަށް ކުރީ މަރުހަލާ ކަމުގައި ވުމުން އެ ހިނދަށް ކަށަވަރުކުރެވެނީ އެ މައުލޫމާތު ކަމަށެވެ. މިކަންކަމަށް ބެލުމުން ފުލުހުން ސައްހަ ނޫން މައުލޫމާތެއް ކޯޓަށް ހުށަހަޅާފައިވަނީ ނޫން ކަމާއި ޝަރީއަތުގައި ފާހަގަކޮށްފައިވަނީ އެ ހިނދަށް ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތައްކަން އެނގެއެވެ. އަދި ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، އެ ކޯޓުން ގޮތް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ވާގިއާތައް ސުވާލު އުފެދިފައިވާ ވާގިއާގެ ސަބަބުން ނަފީވެގެން ދާކަމުގައިވެސް ނުބެލެވެއެވެ،" ހުކުމުގައިވެއެވެ.

އެ ހާދިސާގައި މަރުވި މީހާ ސައިކަލު ދުއްވީ ވަން ވޭއަށް ކަމަށްބުނެ، ވިސާމްގެ ފަރާތުން ފާހަގަކުރާ ކަންކަމަކީ ދަށު ކޯޓަށް ހުށަހަޅާފައިވާ ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އެ ކޯޓަށް ކަށަވަރު ނުކުރެވޭ ކަމަށްވާތީ އާއި ދަށު ކޯޓަށް ހުށަނާޅާ ކަންކަން ހައި ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން މި މައްސަލަ ބެލުމުގެ އިހުތިސޯސް މިހާރު އޮންނަނީ ކުރިމިނަލް ކޯޓަށް ކަމަށާއި އެ ކޯޓު ހުޅުމާލޭގައި ހިންގަމުންދާތީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސޯސް ނެތް ކަމަށްބުނެ ހުށަހަޅާފައިވީ ނަމަވެސް ހުޅުމާލޭ ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

އެހެންވެ، ވިސާމް ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އަޣުލަބިއްޔަތުންނެވެ.

ނަމަވެސް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ މި އަމުރު ބާތިލު ކުރުމެވެ.





More from One Online