އިންގްލެންޑް ކޯޗުކަމާ ހަވާލުވާން ޓުޗެލް އެއްބަސްވެއްޖެ

Tue, 15 Oct 2024 04:18 PM

View on this article on One Online

އިންގްލެންޑް ކޯޗުކަމާ ހަވާލުވާން ޓުޗެލް އެއްބަސްވެއްޖެ

އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ޖަރުމަނުގެ ތޯމަސް ޓުޗެލް އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.

އިންގްލެންޑާ މިވަގުތު ހަވާލުވެ ހުރީ ލީ ކާސްލޭއެވެ. އެއީ ވަގުތީގޮތުން އެ މަގާމާ ހަވާލުވެ ހުރި ކޯޗެކެވެ. އިންގްލެންޑްގެ ކޯޗުކަމުގައި ކުރިން ހުރި ގެރެތު ސައުތުގޭޓް ގިނަ ދުވަސްތަކަކަށްފަހު އެ މަގާމު ދޫކޮށްލީ ޔޫރޯ 2024 އަށްފަހުއެވެ. އެ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދިޔަ ނަމަވެސް ބަލިވީ ސްޕެއިން އަތުންނެވެ. އެއީ އިންގްލެންޑުން ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ކުޅުނު ދެވަނަ ޔޫރޯ ފައިނަލެވެ. އެ ދެ ފައިނަލުންވެސް އިންގްލެންޑް ވަނީ ބަލިވެފައެވެ.

އިންގްލެންޑްގެ ދާއިމީ ކޯޗަކަށް ނަން ހުށަހެޅުމަށް ދާދިފަހުން އެގައުމުގެ އެފްއޭއިން ވަނީ އާއްމުކޮށް ފުރުސަތު ހުޅުވައިލައިފައެވެ. އެހެންނަމަވެސް އެގައުމުގެ އެފްއޭއިން ދިޔައީ ވަރުގަދަ ކޯޗުންނާ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރެއިން އެއް ކޯޗަކީ ކުރިން ބަޔާނާއި ޗެލްސީއަށް ކޯޗުކަން ކޮށްދިން ޓުޗެލްއެވެ. އަދި އަނެއް ކޯޗަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެވެ.

ނޫސްތަކުން ބުނެފައިވަނީ ޓުޗެލް އިނގިރޭސި ކޯޗަކަށް ދާން އެއްބަސްވެ، މިހާރު އެއްބަސްވުން ތައްޔާރުވަމުންދާ ކަމަށާއި، މި ހަފުތާ ތެރޭގައި ރަސްމީކޮށް އެކަން އިއުލާނު ކުރާނެ ކަމަށެވެ.

ޓުޗެލްއަކީ ކްލަބު ފުޓުބޯޅައިގައި ކާމިޔާބު ކޯޗެކެވެ. އޭނާ ޑޯޓްމުންޑާއެކު ޖަރުމަނު ކަޕް ހޯދައި، ޕީއެސްޖީއާއެކު ލީގު ހޯދުމުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފައިވެއެވެ. އޭގެފަހުން ޗެލްސީއާ ހަވާލުވެ، އަހަރެއް ތެރޭގައި ޗެމްޕިއަންސް ލީގާއި ސުޕަ ކަޕްގެ އިތުރުން ކްލަބު ވޯލްޑް ކަޕްވެސް ޓުޗެލް ހޯދިއެވެ. އެންމެފަހުން ބަޔާން މިއުނިކާއެކު މަސައްކަތްކޮށް، އޭނާ ވަނީ ޖަރުމަނު ލީގު އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ.





More from One Online