ހަރަދު ކުޑަކުރުމަށް ފާގަސަން ޔުނައިޓެޑްގެ އެމްބެސެޑަރު ރޯލުން ދުރަށް

Wed, 16 Oct 2024 11:09 AM

View on this article on One Online

ހަރަދު ކުޑަކުރުމަށް ފާގަސަން ޔުނައިޓެޑްގެ އެމްބެސެޑަރު ރޯލުން ދުރަށް

މެންޗެސްޓާ ޔުނައިޓެޑްގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ކުރީގެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންއަށް ދީފައި އޮންނަ އެމްބެސެޑަރުގެ ރޯލުން އޭނާ ދުރަށް ޖެހިލަން ނިންމައިފިއެވެ.

ޔުނައިޓެޑްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ފާގަސަން، އެ ކްލަބުގެ ކޯޗުކަމުން ރިޓަޔާކުރީ 2013 ވަނަ އަހަރުއެވެ. އެފަހުން މިއަދާ ޖެހެންދެންވެސް ޔުނައިޓެޑުން ދަނީ އޭނައަށް މިލިއަނުން ކޮންމެ ސީޒަނެއްގައި ފައިސާ ދެމުންނެވެ.

ރިޓަޔާމަންޓަށްފަހު އުމުރުން 82 އަހަރުގެ ފާގަސަން އެ ކްލަބުގައި އަދާކުރަމުން ދަނީ ގްލޯބަލް އެމްބެސެޑަރެއްގެ ރޯލުގެ އިތުރުން ކްލަބު ޑިރެކްޓަރެއްގެ ރޯލެވެ. އެ މަސައްކަތުގެ ތެރެއިން އޭނާ ގިނަ މެޗުތައް ބަލަން ޔުނައިޓެޑް ދަނޑަށްވެސް ދާތަން ފެނިގެން ގޮސްފައިވެއެވެ.

ކްލަބުން ބުނީ ފާގަސަންގެ އެމްބެސެޑަރު މަގާމު މި ސީޒަނަށްފަހު އުވާލަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ޔުނައިޓެޑްގެ ކޯ އޯނަރު، ސާ ޖިމް ރެޓްކްލިފާއި ފާގަސަންއާ ދެމެދު ވާހަކަ ދެކެވިގެން ކަމަށްވެސް ޔުނައިޓެޑުން ބުންޏެވެ.

ރެޓްކްލިފް ޔުނައިޓެޑްގެ ހިއްސާ ގަނެ، އެ ކްލަބުގެ ފުޓުބޯޅަ ކަންތައްތައް ރަނގަޅުކުރަން މަސައްކަތްތައް ކުރަމުންދާ އިރު، ހަރަދު ކުޑަކުރުމަށް މި ސީޒަނަށް 250 އެއްހާ މުއައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެ ނިންމުމުގެ ސަބަބުންވެސް އަހަރަކަށް 10 މިލިއަން ޕައުންޑް ހަރަދު ކުޑަވާނެ ކަމަށް ކްލަބުން އަންދާޒާ ކޮށްފައިވެއެވެ.

މިދިޔަ މަސް ތެރޭގައި ޔުނައިޓެޑުން އިއުލާނުކުރި ގޮތުގައި ކްލަބަށް މި އަހަރުވެސް މިހާތަނަށް ގާތްގަނޑަކަށް 113 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެފައިވެއެވެ. އެއީ ޕްރިމިއާ ލީގުގެ ގެއްލުމުގެ ލިމިޓް ކަމަށްވާ، 115 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެކެވެ.

ފާގަސަންގެ އެމްބެސެޑަރު މަގާމުން އޭނާ ދުރަށް ޖެހިލި ނަމަވެސް، އަދިވެސް ކްލަބާއެކު މަސައްކަތްތައް ކުރާނެ ކަމަށް މެނޭޖުމަންޓުން ބުންޏެވެ. ފާގަސަން ވަނީ އޭނާގެ ކޯޗުކަމުގެ ދަށުގައި އެ ކްލަބަށް 13 ޕްރިމިއާ ލީގު ތަށި ހޯދައިދީ، ދެ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދައިދީފައެވެ. އޭގެ އިތުރުން ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ ފަސް އެފްއޭ ކަޕާއި ހަތަރު ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ.





More from One Online