ވޭޕް މަނާކުރަން ނިންމުމުން ޑަބްލިޔުއެޗްއޯ އިން މަރުހަބާ ކިޔައިފި

Wed, 16 Oct 2024 09:48 AM

View on this article on One Online

ވޭޕް މަނާކުރަން ނިންމުމުން ޑަބްލިޔުއެޗްއޯ އިން މަރުހަބާ ކިޔައިފި

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަރުހަބާ ކިޔައިފިއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ގޮފިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވޭޕް ކުރުމުގެ އާދަ، ޅަފުރާގެ ކުދީންގެ ގައިގައި ކަންބޮޑުވާ ދަރަޖައަކަށް އަށަގަންނަމުންދާއިރު، ވޭޕް ބޭނުން ކުރުން މަނާކުރުމަކީ އެކަމާ ދެކޮޅަށް ރާއްޖެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ، 2019 ވަނަ އަހަރު ހެދި 'ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ" އިން ދައްކާ ގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 23.1 ޕަސެންޓް ފިރިހެން ކުދިން އަދި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުން ކުރެއެވެ.

އޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޒުވާނުންގެ މެދުގައިވެސް އެކި ބާވަތްތަކުގެ އިލެކްޓްރޯނިކް ސިނގިރޭޓް ބުއިން ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންދާ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިސްތިހާރު ކުރުމާއި ހިލޭ ބެހުން މި އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން ރައީސް ނިންމެވީ މިދިޔަ ހޯމަ ދުވަހުއެވެ.





More from One Online