މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޮއްދޫއަށް އަރާ މީހަކަށް ހަމަލާ ދީފި

Sat, 20 May 2023 04:32 AM

View on this article on Muraasilu

މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޮއްދޫއަށް އަރާ މީހަކަށް ހަމަލާ ދީފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ނ. ފޮއްދޫ އަށް އަރާ މީހަކު ޒަހަމް ކޮށްލައިފިއެވެ.



ފޮއްދޫ ސްކޫލުގެ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރުމަށް އެ ރަށުގައި ތިބި ބިދޭސީ މަސައްކަތު މީހަކަށް ހަމަލާ ދިނީ ލޯންޗެއްގައި އައި ބައެކެވެ. މި މީހުން ވަނީ ބިދޭސީ މީހާ ހިފަހައްޓާ ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު ފޯނުވެސް އަތުލާފައެވެ. މިރޭ ގާތްގަނޑަކަށް 08:30 – 09:30 އާ ދޭތޭރޭ އެ ރަށަށް އެރި ގުރޫޕުގައި ހަތަރު ވަރަކަށް މީހުން ހިމެނޭކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. މިމީހުން ތެރޭގައި މުޅިންވެސް ތިބީ ދިވެހިން ކަމަށާއި މިމީހުން ގެ ޓާގެޓަކީވެސް މި ބިދޭސީން ތިބޭ ގެއެވެ. މި ގޮތުން އެ މީހުން ތިބޭ ގޭ ކައިރިއަށް ދިޔައިރު އަނިޔާ ލިބުނު ބިދޭސީ މީހާ ހުރީ ފޯނެއްގައި ބޭރުގައި ކަމަށާއި އޭނާ ފެނުމުން ވަގުތުން ހަމަލާދިނީ ކަމަށެވެ.

ނ. ފޮއްދޫގައި މި ވަގުތު ހުރި މުރާސިލުގެ ނޫސްވެރިޔަކު ވަނީ އަނިޔާ ލިބުނު ބިދޭސީ މީހާއާ ވާހަކަ ދައްކާ މައުލޫމާތު އޮޅުން ފިލުވާފައެވެ. އެ މީހާ ބުނާ ގޮތުން 3 މީހަކު ވެގެން އޭނާ ހިފަހައްޓާފައި ދެން ހުރި މީހާ ވަނީ އޭނަގެ ބޮލަށާއި އަތަށް އަނިޔާ ކޮށްފައެވެ. އެމީހުން އައީ ވެސް އަނދިރި މަގުތަކުން ކަމަށާއި ބޮލާއި މޫނު ނިވާކޮށްފައި ތިބުމުން އެއީ ކޮން ބައެއް ކަމެއް ނޭންގޭ ކަމަށެވެ. ނަމަވެސް އެ ގުރޫޕުގައި މުޅިންވެސް ތިބީ ދިވެހިންނެެވެ.

މި މަރާމާރީ ހިންގުމަށް ފަހު އެމީހުންވަނީ ލޯންޗުގައި ފުރައިގެން ގޮސްފައެވެ. އޭގެ ވިއްސަކަށް މިނެޓް ފަހުން ޕޮލިހުން އައިސް މައްސަލަ ބަލަން ފަށާފައިވިޔަސް އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ.

ނ. އަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ޓުއަރިޒަމް ގެ ހަރަކާތްތައް ހިންގަނީ ފޮއްދޫގައެވެ. މި ރަށަކީ ނ. އަތޮޅުގެ އާބާދި އެންމެ މަދު އެއް ރަށެވެ.

އެ ރަށުގައި ޕޮލިހުންގެ ހިދުމަތް ނުލިބޭތީ ރަށު ރައްތިތުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

މި ދުވަސްކޮޅު ރަށު ތެރޭ ބައެއް މަގުތަކުގެ ހޮޅިބުރިތައްވެސް ނުދިއްލޭތީ ބައެއް މަގުތައް ވަރަށް ބޮޑަށް އަނދިރި ވުމުން، ރަށަށް އެރި ގުރޫޕުވެސް އެހާ ބޮޑަށް ފާހަގަ ނުކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ފާހަގަ ކުރިއެވެ.

މި ހަމަލާގައި ޒަހަމްވި 24 އަހަރުގެ އިންޑިޔާ މަސައްކަތު މީހާ، ނ. ފޮއްދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.



More from Muraasilu