އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވްއާ ނައިބު ރައީސް ބައްދަލުކުރައްފި

Tue, 23 Jul 2024 04:59 PM

View on this article on Muraasilu

އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވްއާ ނައިބު ރައީސް ބައްދަލުކުރައްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.



މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ކުރިއެރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ 2021 ވަނަ އަހަރު އެ ޖަމުޢިއްޔާ ރާއްޖޭގައި އުފެދުމަށްފަހު އެޖަމުޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން:

-މީހުން ޓްރެފިކްކުރުން ހުއްޓުވުން

-ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން

– މަނީ ލޯންޑަރިން ދެކޮޅަށް މަސައްކަތްކުރުމާއި މާލީކަންކަން ޤަވާޢިދުތަކާ އެއްގޮތަށް ގެންދިއުން

– ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީއަށް ބޭނުންވާ ޞިއްހީ އަދި ޤާނޫނީ ޚިދުމަތްތައް ލިބިދިނުން

ބައެއް ނާޒުކު މައްސަލަތައް ހައްލުކުރުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގްރާމުތަކުގެ ޒަރީއާއިން ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށްވެސް އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން މި ބައްދަލުކުރެއްވުމުގައި އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އިޞްލާޙީ ބަދަލުތައް ގެނައުމުގެ ގޮތުން ޝަރުޢީ ދާއިރާއާ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގައުމުގެ ކުރިއެރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ހިއްސާ މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ދާދިފަހުން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކަށް އިޝާރާތްކުރައްވައި ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދައިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ޤައުމުގެ ކުރިއެރުމަށް މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދުއާ ކުރައްވަމުންނެވެ.

އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި އަކީ އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމުޢިއްޔާއެކެވެ. އަދި އެއީ އެމެރިކަން ބާ އެސޯސިއޭޝަންގެ ބައިނަލްއަޤްވާމީ ތަރައްޤީގެ ޕްރޮޤްރާމުގެ ދަށުން އިންޞާފާއި އިޤްތިޞާދީ ފުރުޞަތުތަކާ އަދި ޤާނޫނުގެ ވެރިކަން މެދުވެރިކޮށް އިންސާނީ ކަރާމާތް ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާ ޖަމުޢިއްޔާއެއް ވެސް މެއެވެ.ޝެއަރ: 




More from Muraasilu