ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި

Fri, 19 May 2023 08:30 PM

View on this article on Muraasilu

ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފި

އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އެމްޑީޕީގެ ދިދަ ނަގައިފި އެވެ.



އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތްތައް މިއަދު ހަވީރު 4:00 ޖެހިއިރު ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިޔައީ މާލެއިން އިއްޔެ ދިޔަ ކެމްޕޭން ޓީމުތަކާއި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން ގުޅިގެންނެވެ. ދިދަ ނެގުމުގެ އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް މިއަދު ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ.

400 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ވަފުދެއް، އިއްޔެ މާލެއިން ފުރައިގެން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަނީ ދަތުރު ފަށާފައެވެ. މި ދަތުރުގައި ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުކުރާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕާޓީއަށް މެންބަރުން އިތުރުކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އެމްޑީޕީ އޮފީހުން މައުލޫމާތު ދެއެެވެ.

މާލެ އިން ފުރި އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގައި އިސްކޮށް ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

އެމްޑީޕީ ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ފ.ނިލަންދޫގައި ނަގާފައިވާ ދިދަ.

އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ނުކޮށް ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ރަށްރަށުގެ ރައްޔިތުންނަށް ހިދުމަތްތައް ފަހިވެ ލިބުނު ލުއި ފަސޭހަކަމާއި ހަމަޖެހުމަކީ މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށެއްގައި ޕާޓީގެ ދިދަ ވިހުރުވާލީ މި ސަރުކާރުން ފެށި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އާއި މަގުހެދުމާއި ތަރައްގީގެ އެހެން ޕްރޮޖެކްޓްތައް ނިމި ރަށްރަށުން އުޖާލާ ކުރިމަގެއް ފެންނާތީ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

މި ކެމްޕޭން ފެށުނު އިރު އެމްޑީޕީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީގެ ނުފޫޒު ގަދަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ މަޖްލިސް މެމްބަރުންނާ ބައެއް މެމްބަރުން ޕާޓީން ވަކިވެ އަމިއްލަ ޕާޓިއެއް ހެދުމުގެ މަސައްކަތް ’ފިކުރުގެ ދިރުމުގެ‘ ނަމުގައި ކުރަމުންދާތީއެވެ. އެ މަސައްކަތްވެސް ފަށާފައިވަނީ ވެސް ނިމުނު ހަފްތާގެ ތެރޭގައެވެ.



More from Muraasilu