ބިދޭސީންގެ ފީތަކުން ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

Tue, 22 Oct 2024 10:58 PM

View on this article on Mihaaru

ބިދޭސީންގެ ފީތަކުން ދައުލަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީގެ ގޮތުގައި ދައުލަތަށް ނުލިބޭ ދެ ބިލިއަނެއްހާ ރުފިޔާގެ ތެރެއިން، ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ޖޫން 3 ގައި އެ މިނިސްޓްރީން ކުރި އިއުލާނުގައި ވިސާ ފީ އާއި ވޯކް ޕާމިޓް އަދި ކޯޓާ ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަން ހާމަކުރި ކަމަށެވެ.

އޭގެ ފަހުން، މިިދިޔަ ޖުލައި 24 ވަނަ ދުވަހު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ދައުލަތަށް ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކުގެ ނަމާއި އަދަދު އާއްމުކޮށްފަ އެވެ. ނަމަވެސް، އެއީ އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ފަރާތްތަކެވެ.

އިހުސާން ވިދާޅުވީ އެގޮތަށް އިއުލާން ކުރުމުން މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ ފީތަކުގެ ތެރެއިން ދައުލަތަށް މިހާރު ނުލިބި ހުރީ 703،799ރ. ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ނުދައްކާ ކުންފުނިތައް ވަނީ އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ އެކްސެސް އަލުން ދޭނީ ދައުލަތަށް ފައިސާ ދެއްކުމުން ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްވެ ވަރަށް ގިނަ ރެއިޑް އޮޕަރޭޝަންތައް ހިންގާފައިވާއިރު މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް، އެ ނިއުސް ކޮންފަރެންސްގައި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވި އެވެ.

މިނިސްޓްރީން އަންނަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ވަނަވަރާއި ފޮޓޯ އަދި ފިންގަޕްރިންޓް ނެގުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.

އިހުސާން ވިދާޅުވީ މިހާތަނަށް 6،891 ބިދޭސީންގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. މަސައްކަތުގެ ސްޕީޑު މިހާރު ކުރިއަށްދާ ގޮތުން އޭގެ ފުރަތަމަ ފިޔަވަހި ވެސް އަންނަ ޖެނުއަރީ މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.





More from Mihaaru