ވޭޕާއި ދުންފަތުގެ ގާނޫނު ތަންފީޒުވާނެ، ބަދަލުތައް ވެސް ފެންނާނެ: އިހުސާން

Tue, 22 Oct 2024 06:24 PM

View on this article on Mihaaru

ވޭޕާއި ދުންފަތުގެ ގާނޫނު ތަންފީޒުވާނެ، ބަދަލުތައް ވެސް ފެންނާނެ: އިހުސާން

ވޭޕް އެތެރެކުރުން މަނާކުރުމާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަ ބަދަލުތައް އަކުން އަކުރަށް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، "މިހާރު"އިން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް، އަކުރުން އަކުރަށް ތަންފީޒުކުރައްވާނެ ކަމަށެވެ.

އެ ގާނޫނުން ނުކުންނަ ބަދަލުތައް ވެސް މަގުމަތިން ފެންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، އެ ގާނޫނުގައި އޮންނަ އަކުރާ ފިއްޔާ ދިމާވާ ވަރަށް ރައީސްގެ މި ޒައާމަތުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން އެކަން ކުރައްވާނެ. ތިޔަ ބޭފުޅުންނަށް ތަފާތު މަންޒަރެއް ފެނިގެންދާނެ ދުންފަތް ކޮންޓްރޯލްކުރުމުގައި ވެސް އަޅުގަނޑުމެން ތަންފީޒީ އިދާރާތަކުން މަސައްކަތްކުރާ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ޔަގީންކަން އެބައޮތް އެންފޯސްމަންޓް ސައިޑުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ކޮންޓްރޯލްކުރެވޭނެކަން."

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕޮލިސް ކޮމިޝަނަރު ޝުޖާއު (ކ)، އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ އަދި ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

އިހުސާން ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހުތަކާއެކު، ދުންފަތް ކޮންޓްރޯލްކުރަން ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުރު ދައުރެއް އޮންނާނެ ކަމަށެވެ.

އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި އެ ތަކެތި ބޭނުންކުރުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އަދި ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމާ އެކު ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓް މަތިކުރުން ވެސް ވަނީ ނިންމައިފަ އެވެ.

މީގެއިތުރުން، ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި އެ ފަދަ ބާވަތްތައް ވިއްކާ އުމުރު 18 އަހަރުން 21 އަހަރަށް މަތިކުރަން ވެސް ގާނޫނަށް އިސްލާހެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ވިދާޅުވެފަ އެވެ.

މީގެ 14 އަހަރު ކުރިން އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ. އޭގެ އިތުރުން ކެފޭ/ރެސްޓޯރެންޓުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ އެކަމަށް ހުއްދަ ލިބިފައިވާ ތަންތަނުގައި އެކަންޏެވެ. އެއާ ހިލާފަށް އަމަލުކުރާނަމަ 500ރ. އިން ޖޫރިމަނާކުރަންޖެހެ އެވެ.

ރާއްޖެއަށް ވަގަށް މަސްތުވާތަކެތި އެތެރެކުރާއިރު، އެ މަގުން ވޭޕް އެތެރެކުރުމުގެ ފުރުސަތު ވެސް އޮތުމުގެ ކަންބޮޑުވުންތަކާއެކު، އިހުސާން ވަނީ ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން މިއަދު ދެއްވައިފަ އެވެ.





More from Mihaaru