މަގުމަތީގައި ސަލާން ޖަހާ ޑްރަގްގެ ވަބާގައި އުޅޭ މީހުން ރިމާންޑް ސެންޓަރަށް ބަދަލުކުރަނީ

Tue, 22 Oct 2024 03:33 PM

View on this article on Mihaaru

މަގުމަތީގައި ސަލާން ޖަހާ ޑްރަގްގެ ވަބާގައި އުޅޭ މީހުން ރިމާންޑް ސެންޓަރަށް ބަދަލުކުރަނީ

މަގުމަތީގައި ސަލާން ޖަހާ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހުން ރިމާންޑް ސެންޓަރެއްގައި ބަންދުކޮށް، އެ މީހުންނަށް ފަރުވާދޭ ސަރުކާރުން ނިންމައި އެ މީހުން ގެންދިއުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށަން ނިންމައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ވިދާޅުވީ، ވަންނާނެ ތަނެއް ނެތި މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފާހަގަކޮށް، އެ މީހުންނަށް ފަރުވާ ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"މިއަދު ހަވީރުން ފެށިގެން މާލޭގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޓާގެޓް ކޮށްގެން މިފަދަ މީހުން ނަގަމުން ގެންދާނަން އަދި ރިމާންޑް ސެންޓަރުތަކުގައި އެ މީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނަން. އަދި އެ މީހުން މަގުމަތިވެފައި ތިބި ސަބަބުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ފަރުވާދެނީ ރެސިޑެންޝަލް އާއި ނޮން ރެސިޑެންޝަލް ފަރުވާ އެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑީޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެކެވެ. އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް ޑީޓޮކްސް ފެސިލިޓީއެއް ހުރެ އެވެ.

މުޅި ރާއްޖޭގައި ޑްރަގު ފަރުވާ ދިނުމަށް ހަދާފައިވާ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 350 އެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެފައިވަނީ ދުނިޔޭގައި އެންމެ ބެސްޓް ޕްރެކްޓިސްއަކީ އެފަދަ މީހުން އާއިލާގެ ތެރޭގައި ބައިތިއްބައިގެން ފަރުވާދިނުން ކަމަށެވެ. އެފަދަ ހާލަތެއް ނެތް ނަމަ ސެމީ ރެސިޑެންޝަލް ޕްރޮގްރާމެއް ގެންދިއުން ކަމަށާއި އެ އަށް ވުރެ ވެސް ކުއްޖާގެ ހާލަތު ގޯސް ނަމަ ތަނެއްގައި ބަންދުކޮށްގެން ފަރުވާ ދިނުން ކަމަށް ރާޝިދު ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގައި ހާލަތު ވަރަށް ތަފާތުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުދިކުދި ރަށްރަށުގައި އެންމެން ދަންނަ ތަނެއްގައި ބައިތިއްބައިގެން ފަރުވާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވިދާނެ ކަމެއް ކަމަށް ތަޖުރިބާ ނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ނެތް ކަމަށެވެ.

"މި އުޅެނީ އަޅުގަނޑުމެންގެ ދަރިން ގެއަށް ވެސް ނުވައްދައިގެން. ކޮމިއުނިޓީގައި މިވަގުތު ނެތް އެނޭބަލްވެފައި އަޅުގަނޑުމެން މި ދެންނެވި ހާލަތުގައި ތިބި ކުދިންނަށް ކުއްލި ކަންކަމުގައި ފަރުވާ ހޯދާނެ މަރުކަޒުތަކެއް، ސެންޓަރުތަކެއް ނުވަތަ ރައްޓެހިންތަކެއް،" ރާޝިދު ވިދާޅުވި އެވެ.

އެ ސަބަބާ ހުރެ، ރާޝިދު ވިދާޅުވީ ކުދިންގެ ގައިގައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އެ މީހުން ވަކި މުއްދަތަކަށް ތަނެއްގައި ބަންދުކޮށްގެން އެހީ ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.





More from Mihaaru