އަންނަ އަހަރު ވެގެންދާނީ އެންމެ ބޮޑަށް ޓޫރިޒަމް ޕްރޮމޯޓް ކުރާނެ އަހަރަށް: ފައިސަލް

Tue, 22 Oct 2024 05:15 PM

View on this article on Mihaaru

އަންނަ އަހަރު ވެގެންދާނީ އެންމެ ބޮޑަށް ޓޫރިޒަމް ޕްރޮމޯޓް ކުރާނެ އަހަރަށް: ފައިސަލް

އަންނަ އަހަރު ވެގެންދާނީ އެމްއެމްޕީއާރްސީގެ ތާރީހުގައި ވެސް ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ޕްރޮމޯޓް ކުރާނެ އަހަރަށް ކަމަށާއި އެކަމަށް ރަނގަޅު ބަޖެޓެއް ހޯދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ކްރޮސް ރޯޑުގައި މިއަދު ބޭއްވި ޓޫރިޒަމް ސިމްޕޯސިއަމްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަކި ވަކި މާކެޓުތަކަށް ހާއްސަކޮށް ބޮޑެތި ކެމްޕެއިންތަކެއް ހިންގާނެ ކަމަށެވެ.

"އަންނަ އަހަރު އަޅުގަނޑުމެންގެ މާކެޓިން ވަރަށް ވަރުގަދަ ކުރާނަން. މީގެ ސަބަބުން އަންނަ މީހުން މިސާލަކަށް ރަޝިޔާ މާކެޓު ފަދަ ތަންތަނަށް ހާއްސަ ހަރަކާތްތައް ހިންގާނަން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ސިމްޕޯސިއަމްގައި ބައިވެރިވި ދާއިރާގެ ބައެއް ބޭފުޅުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރުގެ ޓޫރިޒަމް މާކެޓިން ޕްލޭނެއް ހެދުމަށް އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އަންނަ އަހަރުގެ ލޯ ސީޒަންގައި މިއަހަރަށް ވުރެ 10-15 ޕަސެންޓަށް ޓޫރިސްޓުން އިތުރު ކުރުމަށް ވަރަށް ދުރާލާ ކަންކަން ރާވާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރަމުން އަންނަ ގޮތާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގައި ލަގްޒަރީ އާއި ލޯކަލް ޓޫރިޒަމްގެ ވާދަވެރިކަން އޮތް ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ގެސްޓްހައުސްތައް ރިސޯޓު ފެންވަރުގައި ވެސް ހަދާ ކަމަށާއި އެފަދަ ކަންކަމަށް ވެސް އާ އުސޫލުތައް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޓޫރިޒަމް ނެތް އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުން ކަމަށެވެ.

ޓޫރިޒަމް ސިމްޕޯސިއަމްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް -- ފޮޓޯ: ފަޔާޒް މޫސާ / މީހާރު

"އެކަމުން އެންމެ ބޮޑަށްވާ އެއް ފައިދާއަކީ ލޯކަލް ކޮމިއުނިޓީއަށް، އެތަނުގައި ދިރިއުޅޭ ޒުވާނުންނަށް އޭގެ ސަބަބުން ފައިދާ ކުރޭ. އެހެންވީމަ ޓެކްސް ބޭސް ބޮޑުވެގެންދޭ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ހަނިމާދޫގައި އަންނަ އަހަރުގެ މާޗް ހިސާބުގައި އެއާޕޯޓު ނިންމާލެވޭނެ ކަމަށާއި އެ ހިސާބަށް އަމާޒުކޮށް ޓޫރިޒަމް އެނދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އަބަދުވެސް ޓޫރިޒަމް ދާއިރާ ތަރައްގީ ކުރާނީ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ހިޔާލާ މަޝްވަރާގެ މަތިން ކަމަށެވެ.

މިއަދު އެމްއެމްޕީއާރްސީން ބޭއްވި ޓޫރިޒަމް ސިމްޕޯސިއަމްގައި މިވަގުތު އެ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރި އެވެ.





More from Mihaaru