ވީހާވެސް އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން އެބަ މަސައްކަތްކުރަން: އިހުސާން

Tue, 22 Oct 2024 07:18 PM

View on this article on Mihaaru

ވީހާވެސް އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން އެބަ މަސައްކަތްކުރަން: އިހުސާން

މަރުގެ އަދަބު ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން މަސައްކަތްކުރަމުންދާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "މިހާރު"އިން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކޯޓުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމުމާއި އެއީ އަލުން އިއާދަނުކުރެވޭ އަދަބަކަށް ވާތީ އެ ހުރިހާ ކަމަކަށް ބަލަންޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެއާ އެއްގޮތަށް އުސޫލުތަކާއި ގަވައިދުތައް ހަދައި، މަރުގެ އަދަބު ދޭނެ ތަން ހަދައި މުވައްޒަފުން ތަމްރީނުކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، އދ. ގައި ބޭއްވި ހިއުމަން ރައިޓްސް ރިވިއުގައި ވެސް، ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމާއި ގާނޫނުތައް ވެސް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަންނަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި ޑްރާފްޓްވެސްކޮށްފަ އެވެ.

ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.

ނަމަވެސް 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

އިހުސާން ވިދާޅުވީ ކޯޓުގެ ހުރިހާ މަރުހަލާއަކާއެކު ސުވާލު ނުއުފެއްދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ މިހާރު ހަމަ އިއުލާންކުރައްވާފައިވާ ގޮތަށް އެކަން ކުރާނެ ދިވެހި ރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ، މި ދައުރެއް ނޫން އިނގޭތޯ، މި މަސައްކަތް ނިމޭހާ އަވަހަކަށް، އަޅުގަނޑުމެން ނުބުނާން މި ވެނި ދުވަހެއްގައޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް،" އޭނާ ވިދާޅުވި އެވެ.





More from Mihaaru