މާލީ ލަފާ ހޯދަން ބޭރުގެ ފާމާއެކު ކުރިއަށް ނުދާން ނިންމުމުން ނަޝީދުގެ ތައުރީފް ސަރުކާރަށް

Tue, 22 Oct 2024 08:44 PM

View on this article on Mihaaru

މާލީ ލަފާ ހޯދަން ބޭރުގެ ފާމާއެކު ކުރިއަށް ނުދާން ނިންމުމުން ނަޝީދުގެ ތައުރީފް ސަރުކާރަށް

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސް އާ އެކު ކުރިއަށް ނުދާން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަންޏާ ގުޅޭ ގޮތުން ލަފާ ދިނުމަށް ބޮޑު އަގު ދީފައި ކަނޑައެޅި ބޭރުގެ އެޑްވައިޒަރަކާއެކު ކުރިއަށް ނުދާން ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މިފަދަ ބޭރުގެ އެޑްވައިޒަރުން ގައުމުތަކުގެ މާލީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަމަށެވެ.

"މިފަދަ ޑެޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒު ފައިދާ،" ނަޝީދު ވިދާޅުވި އެވެ.

ސެންޓަވިއު ޕާޓްނާސް ފާމް އާއެކު ކުރިއަށް ނުދާން ސަރުކާރުން ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުން ނުވަތަ ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ސީދާ ރައީސް މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައިވާތީ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ބަދަލުގައި އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ބަޔަކަށް ފައިސާ ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި މީރާ އަދި ފޮރިން މިނިސްޓްރީ ގުޅިގެން ދަރަނި މެނޭޖުކުރުމުގެ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ދަރަނި މެނޭޖުކުރުމުގެ ލަފާ ހޯދަން ދިވެހި ސަރުކާރުން ކުރިން ނިންމި ސެންޓަވިއު ޕާޓްނާސް އުފެއްދީ 2006 ވަނަ އަހަރު އެވެ. އެ ފާމުން އަންނަނީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުންނެވެ. އެ ފާމުގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގެ ދަރަނި މެނޭޖު ކުރުމަށް ސަރުކާރުން ރިފޯމް އެޖެންޑާއެއް އިއުލާން ކޮށްފައިވާއިރު، ރިފޯމު އަވަސް ކުރަން މާލީ އިދާރާތަކުން ވަނީ ލަފާދީފަ އެވެ.





More from Mihaaru