އަންހެނަކަށް އިންސާފު ލިބެނީ ދިވެހި ފިލްމަކުން

Tue, 22 Oct 2024 07:57 AM

View on this article on Mihaaru

އަންހެނަކަށް އިންސާފު ލިބެނީ ދިވެހި ފިލްމަކުން

މިއީ އެއްގޮތަކަށް ވެސް، ދިވެހި ފިލްމު "ކަމަނާ" ގެ ރިވިއުއެއް ނޫނެވެ. އެކަމަކު ވިޔަފާރީގެ ގޮތުން އެ ފިލްމު ހޯދި ހީނުކުރާ ބޮޑު ކާމިޔާބީގެ ފަހަތުގައި ފޮރުވިފައިވީ ސިއްރެއްގެ ވާހަކަ އެވެ. އަދި އެންމެނަށް އެނގޭ ދިވެހި ސިނަމާގެ އެންމެ ބޮޑު ސިއްރަކީ ވެސް މި އެވެ.

ދިވެހި ފިލްމެއް ހަމަ އެންމެ ގަދަ އަށް ހިނގަނީ އެ ފިލްމެއްގައި ޓައިޓްލް ރޯލު އަންހެނަކަށް ދީފައި އެ ކެރެކްޓާއަށް ވީވަރެއް ކޮށްލުމުންނެވެ. މި ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ މިސާލަކަށް ވެސް، އޮލިމްޕަސް ސިނަމާގައި ހައުސްފުލް 39 ޝޯ ދެއްކުމަށް ފަހު ޝްވެކް ސިނަމާގައި ވެސް ހައުސްފުލް ޝޯތަކެއް ދެއްކި ފިލްމު "ކަމަނާ" އަކީ ފަހުގެ މިސާލެކެވެ.

އަންހެނުންނަށް އަނިޔާވެރި ދިވެހި ފިލްމުތަކުގެ ކާމިޔާބީގެ ވާހަކަ ލިޔާއިރު މަހުދީ އަހުމަދު ލިޔެ، ހުސެން މުނައްވަރު ޑައިރެކްޓްކޮށްފައިވާ "ކަމަނާ" އޮތީ އަދި މި ދަރަޖައިގެ ވެސް އެންމެ މަތީ ފަޑީގަ އެވެ. މި ފިލްމަކީ އަދި ހަމައެކަނި ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާފައި އޮތް ފިލްމެއް ވެސް ނޫނެވެ. މަތީ ފަޑިއަށް "ކަމަނާ" އަރައި އެ އޮތީ މި މުޖުތަމައުގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ ހުރިހާ "ލެއެއް" ވެސް ވަރަށް ރަނގަޅަށް ބޯލައިގެންނެވެ.

ދިވެހި އަންހެނަކަށް ދިމާވި ހަގީގީ ހާދިސާއެއްގެ އަސްލަށް އުފައްދާފައިވާ ފިލްމަކަށް ވުމާއި ގެވެށިއަނިޔާއާ ދެކޮޅު އަދި އަންހެނުން ބާރުވެރިކޮށްދޭ ފިލްމެއްގެ ގޮތުގައި މާކެޓްކުރުމުގެ ސަބަބުން ހަގީގަތުގައި ވެސް "ކަމަނާ" އަށް ލިބިގެން ދިޔައީ ފަހުގެ ތާރީޚެއްގައި ދިވެހި ފިލްމަކަށް ނުލިބޭ ވަރުގެ ބޮޑު ސަމާލުކަމެކެވެ. ފިލްމުގެ ޓިކެޓު ވިކި ހުސްވީ ސާޓަނުގޭ ގުޅަހެންނެވެ. ހުސްނޫގޭ ބަޖިޔާ ލަދުން އަނދައިފި އެވެ.

ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްގެން ގެނެސްދޭ "ކަމަނާ" ގެ ޕްރިމިއާގައި އެ ފިލްމުގެ ޑައިރެކްޓަރު ހުސައިން މުނައްވަރު އޭނާގެ އަންހެނުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. .-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވީމަ ބުނެބަލާށެވެ؛ ކަމަނާ އެވަރަށް ހިނގީ ކީއްވެގެން ހެއްޔެވެ؟ ދިވެހި ސިނަމާގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު ބެލި އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް އެ ފިލްމުވީ ކޮން ސަބަބަކާ ހެދިގެން ހެއްޔެވެ؟ އެ ފިލްމު، ދިވެހިން އެހެން ފިލްމުތަކާ އަޅާ ބަލާއިރު "އާދަޔާހިލާފަށް" މޮޅުވެފައި ތަފާތީ ހެއްޔެވެ؟

ނުވަތަ ރެކޯޑްތައް މުގުރައި ކުދިކުދިކޮށްލި އޯޑިއަންސެއް އެ ފިލްމާ ދިމާލަށް ދަމައިގެން ގެންދިޔައީ ހަމައެކަނި އިޝްތިހާރު ކުރުމުގައި ގެންގުޅުނު އުކުޅުތަކުން ހެއްޔެވެ؟

މި ހުރިހާ ސަބަބުތަކެއް ވެސް ފިލްމުގެ އެ އާދަޔާހިލާފު ކާމިޔާބީގައި ހިއްސާވާކަން ޔަގީނެވެ. ނަމަވެސް ފިލްމުގެ މެއިން ސްޓޯރީ ލައިން ދިވެހި މުޖުތަމައުގައި ހިނގާފައިވާ ގެވެށި އަނިޔާގެ އަސްލަށް ބަލައިގެން ވިޔެފައި އޮތް އޮތުމަކީ ފިލްމުގެ އެންމެ ކާމިޔާބު ފޯމިއުލާ އެވެ. އަދި ދިވެހި ސިނަމާގެ ތާރީޚު ވެސް ބުރަވަނީ މިގޮތަށެވެ.

އެހެން މިސާލުތަކެއް ނަގަމާ ހިނގާށެވެ؛ ދިވެހި ސިނަމާގެ ތާރީޚުގައި އެންމެ ކާމިޔާބު ހައުސްފުލް ޝޯތައް ދެއްކި ފިލްމުތަކުގެ ލިސްޓަކުން ފަށާ ނަމަ ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުގެ "ދެރިޔާ" އެވެ.

މިހާރުގެ އަގުތަކުގައި ޓިކެޓް ނުވިއްކިޔަސް، އޮލިމްޕަސް ސިނަމާގައި އެ ފިލްމުގެ ހައުސްފުލް 32 ޝޯ ދެއްކި އެވެ. އެއީ 90ގެ ކުރީކޮޅެވެ. އަދި އޭރު، އޮލިމްޕަހުގައި މިހާރަށް ވުރެ ގޮނޑި ވެސް ގިނަވާނެ އެވެ. "ދެރިޔާ" ވެސް އެ ކާމިޔާބީ ހޯދި ހަގީގީ ފޯމިއުލާ އަކީ ގެވެށި އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާގެ ހިތާމަ އެވެ.

ޔޫސުފް ރަފީއު 1996 ވަނަ އަހަރު ގެނެސްދިން ފިލްމު "ހައްގު" އަކީ އަނެއްކާވެސް ދިވެހި ސިނަމާގެ މި ކާމިޔާބު ފޯމިއުލާ ސާބިތުކޮށްދިން ވަރުގަދަ އުފެއްދުމެކެވެ. އެ ފިލްމުގެ ވާހަކަ އަދި ސްކްރިޕްޓް ލިޔުނު ބިންމާ އިބްރާހިމް ވަހީދު ބުނީ "ދިވެހިންނަށް ފިލްމެއް ނުވަތަ ވާހަކައެއް ވިޔަސް ކަމުދާނީ އޭގައި އުޅޭ އަންހެނަކަށް ވީވަރެއް ކޮށްލުމުން" ކަމަށެވެ. އަދި ވަރަށް ގިނަ ދިވެހިން "ފިލްމަށް ދަނީ ނުވަތަ ވާހަކައެއް ވެސް ކިޔަނީ ރޯން ބޭނުންވެގެން" ކަމަށެވެ.

"އެ ފިލްމެއް ބަލައިގެން ރޮވިއްޖެ ނަމަ ނުވަތަ އެ ވާހަކައެއް ކިޔައިގެން ރޮވިއްޖެ ނަމަ އެންމެން ބުނާނެ ހާދަ މޮޅު ފިލްމެކޭ އެއީ،" ތަޖުރިބާކާރު ވާހަކަ ކިޔުންތެރިންޔާ ބުންޏެވެ.

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ ވެސް އެކަމާ އެއްބަހެވެ.

ފާތިމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްމް "ބޮސް" އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ހަފުލާގެ ތެރެއިން. -- ފޮޓޯ: ހުސެން ވަހީދު/ މިހާރު

"ގިނަ އަންހެނުން ހަމަ ފިލްމަށް ދަނީ ރޯން. ފިލްމު ބަލައިގެން ރޯލަން ބޭނުންވާ މީހުން ވަރަށް ގިނަވާނެ ދިވެހިންގެ ތެރޭގައި. އެތެރޭގައި ހުންނަ އިހުސާސްތައް ބޭރުކޮށްލަން ބޭނުންވޭ ބައެއް މީހުން. އެހެންވީމަ އެމީހެއްގެ ދިރިއުޅުމާ ގުޅޭ ފިލްމެއް ބަލާލީމަ ވަރަށް ގިނަ މީހުންނަށް ރޮވޭނެ. އެ ހުރިހާ އިހުސާސްތައް ބޭރުވެގެންދާނެ،" ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތައް ލިޔެ ޑައިރެކްޓްކުރި ތަޖުރިބާކާރު ބުންޏެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނުވަތަ އަންހެނުންގެ ހިތާމަ ދައްކުވައިދޭ އެންމެ މަޝްހޫރު ފިލްމުތައް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން އެއް ޑައިރެކްޓަރަކީ ވެސް ނަހުލާ އެވެ. ނާއުއްމީދު، ކަލާޔާނުލާ އަދި ޒުލޭޚާ އަކީ އަންހެނުންގެ އިހްސާސްތަކާ ވަރަށް ރަނގަޅަށް ކުޅެލި ފިލްމުތަކެވެ.

"ކަމަނާ"ގެ ކުރިން ހުސެން މުނައްވަރު ގެނެސްދިން "ސަޒާ" އަކީ ވެސް އަންހެނަކަށް ލިބޭ އަނިޔާ ދައްކުވައިގެން މުޅި ރާއްޖޭގައި ހިޓުވި ފިލްމެކެވެ. ނިއުމާ މުހައްމަދު ޑައިރެކްޓްކޮށް ލީޑްރޯލު ކުޅުނު "ނިއުމާ" ވެސް ހިޓުވީ ހަމަ އެ ފޯމިއުލާ އިންނެވެ. އައި ފިލްމްސް އިން ގެނެސްދިން "ނީނާ" ވެސް އެ ފޯމިއުލާ ކާމިޔާބުކުރި ފިލްމެކެވެ. އަންހެނުންނަށް ލިބޭ އަނިޔާ އަކީ ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ފޯމިއުލާ ކަމާ މެދަކު އެހެންވީމަ ސުވާލެއް ވެސް ނުއުފެދެ އެވެ.

އެކަމަކު މިފަދަ ފޯމިއުލާއެއްގެ މައްޗަށް އުފައްދާ ދިވެހި ފިލްމަކުން މި މުޖުތަމަ އަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އޭގެ ޕްރޮޑިއުސަރުންގެ ޖީބަށް މިލިއަނުން ފައިސާތަކެއް ވަނުމުގެ އިތުރުން މީގެ ދިވެހި ފިލްމެއްގައި ވަނީ ކޮން މޮޅު އިތުރު ކަމެއް ހެއްޔެވެ؟

ދިވެހި ފިލްމެއް އުފައްދާ ގޮތަކުން މުޖުތަމައަށް ކުރާނީ ކޮން އަސަރެއް ހެއްޔޭ މީހަކު ހިތަށް އަރާފާނެ އެވެ. މުޖުތަމައަށް އަސަރުތަކެއް ނުކުރަންވީ ސަބަބެއް ނިކަން ބުނެދީބަލާށެވެ. ޓިކްޓޮކްގައި ދެ މީހަކު ޒުވާބެއްކޮށްލިޔަސް މުޅި ގައުމު ވަރިފަށަށް އެބަ އަރަ އެވެ. ހަގީގަތަކީ މި އެވެ؛ ސިނަމާ އަކީ ހިޔާލު ފާޅުކުރުމުގެ މީޑިއަމްތަކަށް ބަލާއިރު އެންމެ ބާރުގަދަ ހަތިޔާރެވެ.

ދީނީ، ސިޔާސީ، އިޖުތިމާއީ އަދި ސަގާފީ އިލްމާއި ހިލްމާއި އަދަބު ކިތާބު ބައެއްގެ މެދުގައި ފަތުރަން ފިލްމަކީ އެފަދަ ދެ ވަނައެއް ނެތް ބާރެކެވެ. ރާއްޖޭގެ ނިސްބަތުން މިސާލެއް ނަގާ ނަމަ އިޖުތިމާއީ އެތައް މައްސަލައަކަށް މުޅި ދިވެހި ރާއްޖެ "ހިޕްނޮޓައިޒް" ކޮށްލި ޑްރާމާ "ކައްތިރި" ފުދެ އެވެ.

"މިސާލަކަށް، ކައްތިރި އަކީ ދޭތެރެ ދުރުކުރުމާ މެދު މުޅި ރާއްޖޭގައި ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރިކުރުވި ޑްރާމާއެއް. އެހެންވީމާ ފިލްމާއި ޑްރާމާ އިން މުޖުތަމައަށް ކުރާ އަސަރު ހަގީގަތުގައި ވެސް ވަރަށް ބޮޑު،" ކައްތިރި ޑްރާމާ ލިޔުނު ޓީމުގައި މަސައްކަތްކުރި ނަހުލާ ބުންޏެވެ.

އަބްދުލް ފައްތާހު ޑައިރެކްޓްކުރި ދިވެހި ފިލްމު "ހައްދު" ގެ ޝްވެކް ސިނަމާގައި ޕްރިމިއާގައި ބަތަލާ އައްޒަ އަދި ރިޝްފާ. --- މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފިލްމުތަކުން މުޖުތަމަ އަށް ކުރާ ތަފާތު އެކި އަސަރުތަކަށް ގިނަ ބަޔަކު ލޯ ހުޅުވިފައި ވިޔަސް ދިވެހި ފިލްމަކުން އެފަދަ އަސަރުތަކެއް ކޮށްފާނެ ކަމަކަށް އަދިވެސް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ އެވެ. އެކަމަކު 'ކަމަނާ' ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި ޑައިރެކްޓަރު ހުސެން މުނައްވަރު ބުނި ވާހަކައެއް މިހިސާބުން ފާހަގަކޮށްލާނަމެވެ.

"ފިލްމު ސަޒާ އަކީ ވެސް ގެވެށި އަނިޔާ އަށް އާންމުންގެ ލޯ ވަރަށް ބޮޑަށް ހުޅުވާލަދިން ފިލްމެއް. އެފަދަ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ތަފާސް ހިސާބުތައް ބަލާލިޔަސް ކޮންމެ މީހަކަށް އެނގޭނެ،" އޭނާ މިހެން ބުނީ ވަރަށް ޔަގީންކަމާ އެކުގަ އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން، "ސަޒާ" އަދި "ނިއުމާ" ގެ ޝޯތައް ދެއްކި އަހަރު ޖިންސީގޯނާ އާއި ގެވެށިއަނިޔާ ރިޕޯޓްކުރި ނިސްބަތް ބޮޑުތަނުން މައްޗަށް އެރި އެވެ. ނަމަވެސް ގެވެށިއަނިޔާ އާއި ޖިންސީގޯނާއާ ދެކޮޅަށް އަދި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެތައް ބަޔަކު ގައުމުގައި ތިބިއިރު އެ ތަފާސްހިސާބުގެ ހުރިހާ ކްރެޑިޓެއް އެންމެ ދެ ދިވެހި ފިލްމަކަށް ދޭކަށް ނުވާނެކަން ވެސް އެނގެ އެވެ.

އެކަމަކުވެސް، އެއްބަސްވެވޭ ހަގީގަތަކީ މި އެވެ؛ އަންހެނުންނަށް އަނިޔާކުރާތަން ދެއްކީމާ ދިވެހި ފިލްމު ހަމަ ހިނގަނީ އެވެ. ދެބަސްވެވެން ނެތް ކާމިޔާބު ފޯމިއުލާ އަކީ މި އެވެ. އަދި ގެވެށި އަނިޔާ އާއި ޖިންސީގޯނާގެ ތަފާތު އެކި މައްސަލަތަކަށް ބިނާކޮށް ގެނެސްދޭ ދިވެހި ފިލްމުތައް އާންމުން ހޭލުންތެރިކުރުމުގައި މުހިންމު ރޯލެއް އަދާކުރާކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.

"އަސްލު ދިރިއުޅުމުގައި ނުލިބޭ އިންސާފު ބޮޑު ސްކްރީނުގައި ނަމަވެސް ބަލައިލަން ވަރަށް ގިނަ މީހުން އެ ބޭނުންވަނީ. ނުވަތަ ވާހަކައެއް ކިޔާލައިގެން ވެސް ގިނަ މީހުން ހޯދަން ބޭނުންވާ ހިތްހަމަޖެހުމަކީ އަސްލު ދިރިއުޅުމުގައި ނުލިބޭ އިންސާފު ކަމަށް ވެދާނެ،" ބިންމާ ބުނެލީ މިހެންނެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ގިނަ އެވެ. ރިޕޯޓްކުރާ އަދަދު ނިސްބަތުން މަދު ކަމަށް ވިޔަސް އެކި ސިފަސިފައިގައި މި އަނިޔާވެރިކަމުގެ ތެރޭގައި ބަނދެވިފައި ތިބި އެތައް އަންހެނުންނެއް އެބަ އުޅެ އެވެ. އެ މީހުންނަށް އިންސާފަކީ ފަސޭހައިން ލިބޭ އެއްޗަކަށް ނުވެ އެވެ. އިންސާފު ލިބޭތީ ފެންނަނީ ހިޔާލީ ވާހަކަތަކާއި ފިލްމުންނެވެ.





More from Mihaaru