ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

Tue, 22 Oct 2024 11:24 AM

View on this article on Mihaaru

ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި މައްސަލާގައި އެ ކާރު ދުއްވި މީހާއަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ.

އެ މައްސަލާގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާ ބަންދުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް އޮތީ އޭނާ ބަންދުކުރަން ނެރުނު އަމުރަށް ތާއީދުކޮށްފަ އެވެ.

އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ ހާދިސާގައި މަރުވީ، ސްޕޯޓްސް ކާރުން ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ ހަސަން ސަމާހު އެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ސެންޓްރަލް ޕާކުގެ ދެކުނު ފަރާތުގައި ހުންނަ އުރީދޫ އޮފީސް އިމާރާތް ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ސަމާހު މަރުވީ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެންނެވެ.

މޯލްޑިވްސް ކަރެކްޝަނަސް ސާވިސްގެ ޕްރިޒަން ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި، ލ. އިސްދުއަށް އުފަން ސަމާހުއަކީ އެ ދުވަހު ހެނދުނު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވުމަށް މާލެ އައިސް އުޅުނު ޒުވާނެކެވެ. އެ އެކްސިޑެންޓް ހިނގީ ވެސް އެ މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިންނާއެކު އޭނާ ދިޔަ ފަހުންނެވެ.





More from Mihaaru