މާލީ ދަތިތައް ދިމާވުމުން ޗައިނާގެ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި

Tue, 22 Oct 2024 11:35 AM

View on this article on Mihaaru

މާލީ ދަތިތައް ދިމާވުމުން ޗައިނާގެ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި

ޗައިނާގެ އެގްޒިމް ބޭންކުން 2015 ގައި ނެގި ލޯނުގެ ބައެއް ދެއްކުމަށް އިތުރު ލޯނެއް ސަރުކާރުން ނަގައިފި އެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ލިޔުމުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 378 މިލިއަން ޑޮލަރު (5.8 ބިލިއަން ރުފިޔާ) ގެ ލޯނަށް ބޭނުންވާ 75 މިލިއަން ޑޮލަރު ވަނީ ރީފައިނޭންސް ނުވަތަ އެ އަދަދު ދެއްކުމަށް ލޯނެއް ނަގައިފަ އެވެ.

ލޯނުގެ ތަފްސީލު

- ލޯނުގެ ޖުމްލަ އަދަދު: 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)

- އަނބުރާ ދައްކަންޖެހޭ މުއްދަތު: ހަ އަހަރު

- ގްރޭސް ޕީރިއަޑް: ތިން އަހަރު

- އިންޓްރެސްޓް ރޭޓު: ދެ ޕަސެންޓު

- އިންޓްރެސްޓްގެ އަދަދު: 3.3 މިލިއަން ޑޮލަރު (51 މިލިއަން ރުފިޔާ)

- ލޯނު އަނބުރާ ދައްކާ ޖުމްލަ އަދަދު: 78 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)

- ލޯނު އަނބުރާ ދައްކާ ނިންމާ އަހަރު : 2030

މަޖިލީހަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެ ލޯނު ރީފައިނޭންސް ކުރުމަށް ނިންމީ، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

އެއާޕޯޓު ޕްރޮޖެކްޓަށް ނެގި ލޯނު އަނބުރާ ދައްކަން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ. މި ލޯނުގެ ބައެއް ރީފައިނޭންސް ކުރުމުން، ކުރިއަށް މި އޮތް ތިން އަހަރު އެ ލޯނަށް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ. އެކަމަކު 2027 ވަނަ އަހަރު އަނެއްކާ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުން، ކުރިން 2015 ވަނަ އަހަރު ނެގި ލޯނުގެ ޕްރިންސިޕަލް ޕޭމެންޓުތައް ވެސް ދައްކަން ޖެހޭނެ ކަމަށް ފިނޭންސްގެ ލިޔުމުގައިވެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެލޯނު ރީފައިނޭންސް ކުރަން ނިންމީ ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރެންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާތީ ކަމަށް ފިނޭންސުން ބުންޏެވެ. އެ ލޯނު ދެއްކުން އިތުރު ތިން އަހަރަށް ފަސްކުރުމުން މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިންގަން ފަސޭހަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުގެ ދަރަނި މިހާރު ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އަދި އަހަރު ނިމޭ އިރު އެ އަދަދު ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.





More from Mihaaru