ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރުމުގެ ބިލް ކޮމިޓީ އަށް

Tue, 22 Oct 2024 12:51 PM

View on this article on Mihaaru

ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރުމުގެ ބިލް ކޮމިޓީ އަށް

އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި ބިލްގެ ބަހުސް ނިންމައި އެ ބިލް ދިރާސާކުރުމަށް މުޅި މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް އަދި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ. އެހެންވެ، އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކަށް އެ މަނިކުފާނު ވަނީ މި މަހުގެ 14 ގައި އަންގަވައިފަ އެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓާއި ވޭޕް ސްޓިކް އަކުން 8 ރުފިޔާ ނެގުމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލަތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން 8 ރުފިޔާ ނަގަން ވެސް އިސްލާހުގައި ވެ އެވެ.

މި އިސްލާހުތަކުގެ ސަބަބުން ދައުލަތަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަމަކު ބަދަލު ގެނެސްފި ނަމަ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އަންނަ އަހަރު ލިބޭ އާމްދަނީ 1.5 މިލިއަން ރުފިޔާ އަށް އިތުރުކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބިލްގައިވެ އެވެ.

އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ ރެވެނިއު މާފުކުރެވޭނެ ހާލަތްތަކަށް އިސްލާހު ގެނައުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

އާއްމުކޮށް ސިނގިރޭޓް ފޮއްޓެއް މިހާރު ވިއްކަނީ 100-110ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ގެންނަން ޖެހޭ އިސްލާހު މަޖިލީހަށް ހުށަހަޅާން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.





More from Mihaaru