ދުންފަތުގެ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން ފައިދާއެއް ނުވާނެ: ނާޒިމް

Tue, 22 Oct 2024 10:53 AM

View on this article on Mihaaru

ދުންފަތުގެ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން ފައިދާއެއް ނުވާނެ: ނާޒިމް

ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން މަގްސަދު ހާސިލް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ދުނިޔޭގައި ދުންފަތުގެ ބާވަތްތަކުން ޓެކްސް ނަގާ މިންވަރުތަކާ އަޅާކިޔާއިރު މި ބަދަލު ގެނައުމުން ސިނގިރޭޓު ފޮއްޓަކުން ދެވަނަ އަށް އެންމެ ބޮޑު ޓެކްސްއެއް ނަގާ ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ.

ބާޒާރުގައި މިހާރު 100ރ. އަށް ސިނގިރޭޓު ފޮއްޓެއް ލިބެން ހުރި އިރު ޓެކްސް ބޮޑުކުރުމާ އެކު އެ އަގު 250ރ. އަށް ބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް ދުންފަތާ މީހުން ދުރަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ހެދިފައި ހުރި ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ސިނގިރޭޓު އަގު ބޮޑުވިޔަސް ހައްލެއް ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ސަރުކާރުން ތަންފީޒު ނުކޮށްފި ނަމަ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބައެއް ގައުމުތަކުގައި ސިނގިރޭޓު އަގު ބޮޑުކުރުމާ އެކު ބްލެކްމާކެޓެއް އުފެދިގެން ދިޔަ ކަމަށާއި އަދި އަގު ހެޔޮ ސިނގިރޭޓު ބާޒާރަށް ނުކުންނަ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރާ ސިނގިރޭޓުގެ ބްރޭންޑްތަކަކީ ދުނިޔޭގައި ވަރަށް ކޮލިޓީ ރަނގަޅު އަދި ފުންނާބު އުސް ކުންފުނިތަކަކުން އުފައްދާ ވައްތަރުތަކެއް ކަމަށާއި ނަމަވެސް އޭގެ އަގު ބޮޑުވުމުން އަގު ހެޔޮ ސިނގިރޭޓުތައް މާރުކޭޓަށް ނުކުތުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަށް ކޮލިޓީގެ ސިނގިރޭޓަކީ ސިއްހީ ހިރާސް [ރިސްކް] މިހާރު ބޭނުންކުރާ ސިނގިރޭޓަށް ވުރެ މާ ބޮޑު އެއްޗެއް. އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވި އަދި ބްލެކްމާކެޓުގައި އެއްޗެހި ނުގެނެވޭނެ ގޮތަށް ރާވައި ސްމަގުލް ނުކުރެވޭނެ ގޮތްތައް ޖެހޭ ރާވަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ވޭޕްގެ މައްސަލަ ރާއްޖޭގައި ބޮޑުވެގެން ދިޔައީ ވެސް ރެގިއުލޭޓްކުރުމާ ބެހޭ ފިޔަވަޅުތައް ކުރީ ސަރުކާރުތަކުން އަޅަން ފަސް ޖެހުމުންނެވެ. އެހެންވެ މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ އަށް ވޭޕް އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެގޮތުން 2022 ވަނަ އަހަރު 250،000 ވޭޕް ޑިވައިސް އެތެރެ ކުރި ކަމަށާއި މިދިޔަ އަހަރު 394،000 އަދި މި އަހަރުގެ މިހާތަނަށް 253،000 ވޭޕިން ޑިވައިސް އެތެރެ ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.





More from Mihaaru