ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި

Fri, 26 Jul 2024 05:09 PM

View on this article on Mihaaru

ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި

ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން "ހޯޕް އައިލެންޑު"ގެ ގޮތުގައި ދ. ވާނީ ހަމަޖައްސައިފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކުރަން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު، ވަކި ރަށެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮންސެޕްޓު ކުރިއަރުވަން، މީގެ ކުރިން މީހުން ދިރިއުޅުނު ރަށެއް ކަމުގައިވާ ވާނީ ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާނީއަކީ، ފުލުހުންގެ އޮޕަރޭޝަނަލް ޓްރެއިނިންތައް ހިންގަން މިހާރު ހާއްސަ ކޮށްފައިވާ ރަށެކެވެ. އެނގިފައިވާ ގޮތުގައި، ޕޮލިސްގެ ރެކްރޫޓް ޓްރެއިނިންގެ ބެކްލޮގު ބޮޑުވުމުން، ފުލުހުން އަންނަނީ އެ ރަށުގައި ރެކްރޫޓު ޓްރެއިނިން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

އިހުސާން ވިދާޅުވީ ވާނީގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތުކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންދު ދުވަސް އެ ކުދިން ކައިރިއަށް އެއްފަހަރާ 60 އާއިލާ އައިސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާއިލާތަކަށް ރައްކާތެރި މާހައުލެއް ނުދެވިފައި އަދި މުޖުތަމައު އެ ކުދިންނަށް ރައްކާތެރި މާހައުލެއް ނުދެވިފައި އޮތް އޮތުމުގައި ހައްލަކަށް އަޅުގަނޑުމެން މި ގެންނަނީ މި ދަންނަވާ ހޯޕް އައިލެންޑު. ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށް ވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުއްމީދުގައި،"

"އެ ތަނުގައި ވަކި ރަށެއް މިހާރު އޮތީ ކަނޑައަޅާފައި. ދ. އަތޮޅު ވާނީއޭ އެ ރަށަށް ވާނީ. ކެބިނެޓުން އެ ޑިސިޝަން ނަންގަވައިފި." އިހުސާން ވިދާޅުވި އެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ނިންމައިފަ އެވެ.

އިހުސާން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ، 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ އެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެކަން ފާހަގަކުރެއްވި އެވެ.

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

"ބާރަ އަހަރާ ފަނަރަ އަހަރާ ދެމެދުގެ ކުދިން، ކުށުގެ މަސްއޫލިއްޔަތު އަދާކުރުމަކީ އެ ކުދިންނަށް މެންޑެޓަރީ ރިހިބިލިޓޭޝަން، އަޅުގަނޑުމެން މި ދަންނަވާ ހޯޕް އައިލެންޑުގައި އެ ކުދިންނަށް ގެންދިއުން. ހޯޕް އައިލެންޑުގެ ކޮންސެޕްޓް އަޅުގަނޑުމެން މި ގެނައީ."

ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ނިންމާފައި ވަނީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. މި މުޖުތަމައުގެ ތެރޭގައި ކުށަށް ކުޑަކުދިން އަރައިގަންނަ ސަބަބުތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރޫޅިފައިވާ އާއިލާތަކާއި ވަށައިގެންވާ މާހައުލަކީ އެކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ފަހިވެގެންދާ ކަންކަމެވެ.

އިހުސާން ވިދާޅުވީ 18 އަހަރު ވުމުން އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ނުވަތަ އަދި ވެސް ނުރައްކަލަށް އެޅުމުގެ ފުރުސަތު އޮތްނަމަ ސިފައިންނާއި ފުލުހަށް ވަންނަން ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ކުރިން، އެ ކުދިން ސްޓޭބަލްވެ، އެސެސްމަންޓުތަކުން އެ ކުދިންނަކީ ރަނގަޅު، މުޖުތަމައުގެ ތެރޭގައި އުޅެވޭނެ އަދި އާއިލާއާ މުޖުތަމައުގެ ރައްކާތެރިކަން ލިބޭނެ ކުދިންނަށްވާނަމަ އާއިލާއަށް ފޮނުވާނެ އެވެ.

ހޯޕް އައިލެންޑު ޑިޒައިން ތަރައްގީކުރުމާއި އެ ރަށް ތަރައްގީކުރަން ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ޔުނިސެފް އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ ކަމަުގެ ޔަގީންކަން ދީފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ކޮންސެޕްޓް ފައިނަލްކުރުމަށް ފަހު، ކުރެހުމުގެ މަސައްކަތް ކުރާނެ އެވެ. އުއްމީދަކީ ތިން އަހަރުގެ ތެރޭގައި އެ ތަން ނިންމައި ބޭނުންކުރަން ފެށުމެވެ.

އިހުސާން ވިދާޅުވީ އެތަން ބޭނުންކުރުމާ ހަމައަށް ދ. ކުޑަހުވަދޫގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އަދި ހއ. ހޯރަފުށީގައި ހަދާފައިވާ ހާފްވޭ ހައުސް، ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓަކަށް ބަދަލުކޮށް އެ ދެ ތަނުގައި ކުދިން ރިހެބިލިޓޭޓްކުރަން ވަރަށް އަވަހަށް ފަށާނެ އެވެ.

ޕޮލިސް ޓްރެއިނިންއަށް މިހާރު ހުރި ރިކުއަމެންޓުތައް ނިމުމުން، ޕޮލިސް ޓްރެއިނިން ތަންތަން ވެސް އެ ކުދިން ރިހިބިލިޓޭޓްކުރަން ފަށާނެ ކަމަށެވެ.

"މި ހުރިހާ ދިމާލެއްގައި ވެސް ހުރި ރިސޯސަސްއެއް ބޭނުންކޮށްގެން މި ތިން އަހަރު މި ފެސިލިޓީ ހެދެންދެން ދޫކޮށްނުލާނެ. އެއްކޮށް ދޫކޮށްލާފައި ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން." އިހުސާން ވިދާޅުވި އެވެ.





More from Mihaaru