ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ޓީޓީގެ ދީމާ އާއި ޝައްފާނަށް

Fri, 18 Oct 2024 12:45 AM

View on this article on Mihaaru

ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ޓީޓީގެ ދީމާ އާއި ޝައްފާނަށް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު، ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އާއި މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިރޭ ކުރިއަށް ގެންދިޔަ އެވޯޑް ހަފްލާގައި ދީމާ، އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑް ދިފާއު ކުރި އިރު، އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ދިމާ ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެންމެ އުންމީދީ އަންހެން އެތުލީޓުގެ އެވޯޑް ވެސް ހޯދައިފަ އެވެ.

ޝައްފާން ވަނީ އަހަރުގެ އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. އަދި އަހަރުގެ އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނީ ޓީޓީ ކުޅުންތެރިޔާ އަޚްޔާރު އަހުމަދު ހާލިދެވެ.

ޓީޓީ އާއި ބޮޑީބޯޑިން އެސޯސިއޭޝަނާ ވާދަކޮށް، އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ހޯދީ ހޭންޑްބޯޅަ އެސޯސިއޭޝަނެވެ.

ދީމާ އާއި ޝައްފާން ވަނީ، މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ކާމިޔާބު ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޝައްފާން ވަނީ އެ ގޭމްސްގައި ތިން ކެޓަގަރީއަކުން ރާއްޖެ އަށް ރިހި މެޑަލް ހޯދައި ދީފަ އެވެ. އެއީ ފިރިހެން ސިންގަލްސް، މޫސާ މުންސިފް އަހްމަދާ އެކު ހިއްސާވެ ޑަބަލްސް އަދި ޓީމު އިވެންޓުންނެވެ. އަދި ދީމާ އާ އެކު ހިއްސާވެ މިކްސްޑް ޑަބަލްސް ކެޓަގަރީން ލޯ މެޑަލް ހޯދި އެވެ.

ސްޕޯޓްސް އެވޯޑްގައި އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑް ދީމާ މި ހޯދީ ވިދިވިދިގެން ތިންވަނަ ފަހަރަށެވެ. 2022 ގައި ބާއްވަން ފެށި އެ އެވޯޑްގައި އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ދީމާ ނޫން އެހެން އެތުލީޓަކަށް ހޯދިފައެއް ނުވެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދީމާ ވަނީ ތިން ރަން މެޑަލް ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާ ވެފަ އެވެ. އެއީ ސިންގަލްސް އަދި ރަފާ ނާޒިމާ އެކު ހިއްސާވެ ޑަބަލްސް އަދި ޓީމު އިވެންޓުންނެވެ.





More from Mihaaru