މައްސަލަ ބޮޑުވެ، ވޭމަންޑޫގައި އުޅޭ ކުދިންތައް ގެންދަން 24 ގަޑިއިރު!

Thu, 17 Oct 2024 11:55 PM

View on this article on Mihaaru

މައްސަލަ ބޮޑުވެ، ވޭމަންޑޫގައި އުޅޭ ކުދިންތައް ގެންދަން 24 ގަޑިއިރު!

ތ. ވޭމަންޑޫގައި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި އަންހެން ކުއްޖަކު، އެ ތަނުގައި މަސައްކަތް ކުރާ އެ ރަށުގެ މުވައްޒަފަކަށް ހަމަލާދިން މައްސަލަ ހޫނުވެ، އެ ކުދިން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި އެވެ.

މައްސަލަ ބޮޑުވެފައިވާ އުމުރުން 16 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާއަކީ މީގެ ނުވަ މަސް ކުރިން އެ ރަށަށް ގެންދިޔަ ކުއްޖެކެވެ. އެހެން ކުދިންނަށް އަނިޔާ ކުރުން ފަދަ ކަންކަމުގައި މީގެ ކުރިން ވެސް ކަމާ ބެހޭ އިދާރާތަކަށް ރަށު ރައްޔިތުންގެ ފަރާތުން އެ ކުއްޖާގެ މައްސަލަ ހުށަހެޅި އެވެ.

އެކަމަކު ސްކޫލުގައި ކިޔަވާ ކުދިންގެ ކަރުގައި ހިފައި މާރާމާރީ ހިންގުން ފަދަ މައްސަލަތަކެއް ވެސް ހޫނުވެފައިވަނިކޮށް، މި ފަހުން ކުއްޖާ ވަނީ އެފްސީއެސްސީގައި މަސައްކަތްކުރާ މުވައްޒަފަކަށް ވެސް ހަމަލާދީފަ އެވެ.

އެހެންވެ، އިއްޔެ އާއި މިއަދު ވެސް ވޭމަންޑޫގެ ރައްޔިތުން ނުކުމެ ކުއްޖާ ރަށުން ބޭލުމަށް ގޮވާލައި މުޒާހަރާ ކުރި އެވެ. މިއަދު އެ ރަށަށް ވަނީ ފެމިލީ މިނިސްޓްރީގެ މުވައްޒަފުން ވެސް ގޮސް، މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފަ އެވެ.

ވޭމަންޑޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ މިނިސްޓްރީން އެދިފައި ވަނީ ކުދިން ގެންދިއުމަށް ވަކި މުއްދަތެއް ދިނުމަށް ކަމަށެވެ. އެހެންވެ ރަށު ކައުންސިލުން 24 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިރޭ 10:30 އިން މާދަމާ ރޭ 10:30 އަށް. މިނިސްޓްރީން ނިންމީ ހުރިހާ ކުދިން ރަށުން ގެންދަން މާދަމާ ރޭ 10:30 ގެ ކުރިން،" އޭނާ ބުންޏެވެ.

އެ ރަށު ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ފަސް ކުދިން ތިބެ އެވެ. އެކަމަކު މިނިސްޓްރީން މި ކުދިން ބަދަލުކުރަނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ.

ވޭމަންޑޫގައި މިރޭ ކުރި މުޒާހަރާ ހޫނުވެ ފުލުހުން ނިކުމެ ވަނީ ޓިއާ ގޭސް ވެސް ޖަހައިފަ އެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތްކުރަނިކޮށް ބައެއް މީހުންނަށް އަނިޔާވެސް ވި އެވެ.





More from Mihaaru