އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި

Fri, 18 Oct 2024 10:22 AM

View on this article on Mihaaru

އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި

އަޖުމަ ބެލުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އާންމު ދަތުރުފަތުރަށް ބޭނުންކުރުމަށް ސޯލާ ފެރީއެއް ބަނދެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އަޖުމަ ބެލުމުގެ ގޮތުން ހިންގާ އެ މަޝްރޫއުގެ ދަށުން ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފެރީއެއް ބަނދެ ނިމިފައިވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ބަން އެ ފެރީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް [ނޫސްވެރިންނަށް] ވެސް ދައުވަތު އަރުވާނަން އެއަށް ވަޑައިގަންނަވަން،" ތޯރިގް ވިދާޅުވި އެވެ.

އަޖުމަ ބެލުމުގެ ގޮތުން ހިންގާ މަޝްރޫއުތައް

- ހަތަރު ރަށެއްގައި ކޮމިއުނިޓީ އެސިސްޑެޓް ސޯލާ އައިސްޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް. ދެ ރަށެއްގައި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ.

- 100 ކިލޯވޯޓްގެ ހަކަތަ ވައިން އުފައްދާ ވިންޑް ޓާބައިން ރަށްރަށުގައި ބެހެއްޓުމުގެ މަސައްކަތް.

- 25 ކިލޯވޯޓްގެ ކަރަންޓު އޮއިވަރުގެ ހަކަތައިން އުފެއްދުން.

- ހަތަރު ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ އިރިގޭޝަން ނިޒާމް ބެހެއްޓުން.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތިމާވެއްޓާ މިނިސްޓްރީން ބުނި ގޮތުގައި، މި ސަރުކާރު އައިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީއަކީ 53 މެގަވޮޓެވެ. އެއީ ބޭނުންކުރާ ހަކަތައިގެ އެންމެ ހަތަރު ޕަސެންޓެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ހަކަތައިގެ ސިޔާސަތެއް ވެސް ސަރުކާރުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.





More from Mihaaru