އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ

Fri, 18 Oct 2024 09:59 AM

View on this article on Mihaaru

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ

ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ކްލަބް އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި، ކ. ދިއްފުއްޓަށް އުފަން އުމުރުން 29 އަހަރުގެ ފޯވާޑް އެވޯޑް ހޯދީ ގައުމީ ޓީމާއި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އައިސަމް އިބްރަހިމް (ޓޯނީ) އާ ވާދަކޮށެވެ. ކުރީ ދެ އަހަރު ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ހަމްޒާ އެވެ.

އެފްއޭއެމުން 2016 ވަނަ އަހަރު ހޮވި އެންމެ އުންމީދީ ކުޅުންތެރިޔާ އަންނަނީ ކްލަބް ލެވެލްގައި ގިނަ ރެކޯޑްތަކެއް ގާއިމް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަންގައި އޭނާ ވަނީ ކުޅުނު ތިން މުބާރާތުގައި ވެސް ގޯލު ޖަހައިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ފިޔަވައި ކުޅުނު ތިން މެޗުން ތިން ގޯލު ކާމިޔާބު ކުރި އިރު، ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި ދެން ކުޅުނު 12 މެޗުން 23 ގޯލު ޖެހި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި އީގަލްސް ކުޅުނު މެޗުގައި ވެސް ގޯލު ޖެހި ރިޒޭ ވަނީ، މިދިޔަ ސީޒަންގައި އީގަލްސް ކުޅުނު 18 މެޗުގައި ވެސް ކުޅެ، 27 ގޯލު ޖަހައިފަ އެވެ.

ލީގުގައި ޖެހިޖެހިގެން 12 މެޗުގައި ގޯލު ޖަހައިގެން މިދިޔަ ސީޒަންގައި ރިޒޭ ވަނީ ދިވެހި ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއެއް ނުހޮވަ އެވެ. އެވޯޑް ބޭއްވި ފުރަތަމަ އަހަރު، 2022 ގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ގައުމީ ޓީމުގެ ގޯލްކީޕަރު އާމިނަތު ލީޒާ (ލިޒީ) އެވެ.





More from Mihaaru