ކަމެއް ވީހެން ވެސް ހީނުވޭ، ކެމިކަލް ގުދަންތަކުން މާލެ ފުރިއްޖެ

Fri, 18 Oct 2024 01:14 PM

View on this article on Mihaaru

ކަމެއް ވީހެން ވެސް ހީނުވޭ، ކެމިކަލް ގުދަންތަކުން މާލެ ފުރިއްޖެ

އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރި އެވެ. މ. ސެންޑްރޯސް ގޭގައި ހިންގި ގަރާޖެއްގައި ރޯވި ބޮޑު އަލިފާންގަނޑާ އެކު މުޅި މާލެ ކަހަލަ ގޮތަކަށް އޮތީ ހުއްޓިފަ އެވެ. ނޮވެމްބަރު 9، 2022 ގެ ރޭ ދަންވަރު އެންމެން ނިދާފައި ތިއްބާ އަލިފާން ރޯވި ސެންޑްރޯސްގޭގެ ތިރީ ފްލޯގެ ގަރާޖުގައި ހުރީ ކެމިކަލާއި އަލިފާން ހިފާ ތަކެއްޗާއި ގޮވާ ޒާތުގެ ތަކެއްޗެވެ.

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ޖެހިގެން އައި ދުވަހު މީޑިއާ ކުރިމައްޗަށް ނުކުމެވަޑައިގަތުމުން ނޫސްވެރިން އުފެއްދި ސުވާލާ އެކު، އެ މަނިކުފާނު ދެއްވި ޔަގީން ކަމަކީ މާލޭގައި ކެމިކަލް ގުދަން ނުހުންނާނެ ކަމެވެ. ހުރި ތަނެއް ވިއްޔާ ހުންނާނީ ތިލަފުއްޓަށް ބަދަލުކޮށްފައި ކަމެވެ.

އެކަމަކު ވަރަށް ޔަގީންކަމާ އެކު، އޭރުގެ ރައީސް އިބޫގެ އެ ވާހަކަފުޅާ ތައާރަޒުވާ މޭރުމަކުން އެޗްޑީސީގެ މެނޭޖުމަންޓުން ބުނެވުނު އެއްޗަކުން ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. ތިލަފުށި ބަލަހައްޓާ އެޗްޑީސީން މީޑިއާގައި ބުނީ 18 ކެމިކަލް ގުދަނެއް ބަދަލުކުރަން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެޗްޑީސީގެ ލިސްޓުން އޭރު ފެނުނު ގޮތުގައި ތިލަފުއްޓަށް ބަދަލު ކުރެވުނީ 34 ތަނެވެ. ބާކީ 18 ވަރަކަށް ގުދަން އޭރު ވެސް މާލޭގައި ހިންގާ ކަން އެޗްޑީސީގެ ކޮމެންޓުން އެނގެ އެވެ.

ކޮންމެހެން ހަދާފައި ވިޔަސް ރައީސް އިބޫގެ ވާހަކަފުޅުގެ ތެދުކަން ހާމަކުރަން ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ރައީސް އޮފީހުގެ މީޑިއާ އިން ރައީސްގެ އިބޫގެ އިންޓަވިއުގެ ތެދުކަން ހާމަކަން އިތުރަށް ކަށަވަރު ކޮށްފައި ބުނީ މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް ނުހުންނާނެ ކަމަށެވެ. އެކަމަކު، އޭރު ވެސް އެޗްޑީސީ އާއި ރައީސް އޮފީހުގެ ވާހަކަތަކުގައި ތައާރަޒެއް އުޅޭކަން މީޑިއާ އަށް އެނގެ އެވެ. ކެމިކަލް ގުދަންތަކުން މާލެ ސަލާމަތްވި ކަން ކަށަވަރު ކަމާއެކު ބުނާކަށް ނޭނގެ އެވެ.

އެއީ ނޮވެމްބަރު 10، 2022 އެވެ. މިއަދު މިއީ އޮކްޓޫބަރު 2024 އެވެ.

މިއަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ މީގެ ދެ އަހަރު ކުރިއާ ވަކި ތަފާތެއް ނެތެވެ. ނުވަތަ މާ ގޯހެވެ. މާލޭގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ ކަމަށް ބުނެ އާންމުން ކުރި ޝަކުވާތަކާ ގުޅިގެން އެމްއެންޑީއެފުން އިސްނަގައިގެން ޗެކް ކުރަން މި މަހު ހިންގި އޮޕަރޭޝަނަށް ފަހު އިވުނީ ބިރުން ފިއްކަނޑައިގެން ދާ ވަރުގެ ވާހަކަތަކެވެ. މާލެތެރެ މި އޮތީ ކެމިކަލް ގުދަނުން ފުރާލައިފަ އެވެ. ކެމިކަލް ގުދަންތައް މާލެ އިން ބޭރުކުރި ކަމަށް ބުނެ ކުރީގެ ސަރުކާރުން ދެއްކި ވާހަކަތަކާ މެދު ސުވާލު އުފެދެ އެވެ.

ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަައެއް މާލެތޭގައި ހުރި ކަން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް ފަޔަރުން އެއްކުރި މައުލޫމާތުތަކުން ކަށަވަރުވެ އެވެ.

މާލޭގައި ރޯވި އަލިފާންގަނޑެއް ނިއްވާލަން ފަޔާމަނަކު ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ކެމިކަލް ގުދަނެއް ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތަކުރާރުކޮށް ހިސާބުތައް ޔަގީން ކުރުމަށް ފަހު މީގެ ދެ އަހަރު ކުރިން ސަރުކާރުން ބުންޏެވެ. ސުވާލަކީ އެ ހުރިހާ ތަނެއް ކޮބައި ހެއްޔެވެ؟ މިދިޔަ ދެ އަހަރުގެ ތެރޭގައި މިހާ ގިނަ ކެމިކަލް ގުދަންތަކެއް މާލެތެރެއަށް ކުއްލި ގޮތަކަށް ގިނަވީ ކީއްވެ ހެއްޔެވެ؟ ނޫން ނަމަ ކޮންމެވެސް ފަރާތަކުން ނުބައި މައުލޫމާތުތަކެއް މީޑިއާ އަށް ދިނީ ހެއްޔެވެ؟

އެނގޭ ކަމަކީ މި އަދަދުތަކުގައި ގޯހެއް އުޅޭ ކަމެވެ. އެހެން ނޫން ނަމަ މިހާ ގިނަ ކެމިކަލް ގުދަންތަކެއް މާލެތެރޭގައި ހުރެގެން ނުވާނެ އެވެ. ނޫނީ ބަޔަކު ގޯސްކޮށް ހުއްދަ ދެނީ އެވެ.

ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް މާލޭގައި، ވޯކްޝޮޕްތަކުގެ އަދަދެއް ނޭނގޭ!

ކެމިކަލް ގުދަންތަންތައް މާލޭގައި ހުރި ކަމުގެ ވާހަކަތައް ފަހުން މި ދެއްކެވެން ފެށީ ކުރީގެ ސަރުކާރު ބަދަލުވެ، މާލޭގައި ކެމިކަލް ގެންގުޅޭ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށް ތޯ ބަލަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރިއަށް ގެންދިޔަ 15 ދުވަހުގެ "އޮޕަރޭޝަން ހިރާސް ފާސް" އަށް ފަހު އެވެ.

ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަ މާލޭގައި ހުރި ކަމަށް ޑިފެންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ހާމަކުރީ އެ އޮޕަރޭޝަންގައި އެއްކުރި މައުލޫމާތުގެ އަލީގަ އެވެ.

ފަޔާ އެންޑް ރެސްކިޔު ޓްރެއިނިން ސްކޫލުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް އަހުމަދު ފާއިޒް ރަޝާދު "މިހާރު" އަށް ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު، މާލެ ސަރަހައްދުގައި ފަސޭހައިން ރޯވާ ގޮތަށް ހުރި ތަންތަން ފާހަގަވި ކަމަށެވެ. އެފަދަ 399 އިމާރާތް ބަލައި ފާސްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަސޭހައިން އަލިފާން ރޯވާ ގޮތަށް ހުރި ތަންތަން ކަމަށް އަޅުގަނޑުމެން [ފަޔާ އެންޑް ރެސްކިއު] އިން މި ބަލަނީ މިސާލަކަށް ދަގަނޑުން ނުވަތަ ޓިނުން ނުވަތަ ލަކުޑިން ހަދާފައި ހުންނަ އިމާރާތްތަކާއި ގަރާޖު، ވޯކްޝޮޕް، ލަކުޑި ވިއްކާ ފަދަ ތަންތަން. އެ ތަންތަނަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ތަންތަން، ނުލިބި ވެސް ހުންނާނެ އަދި،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ކުރިން ހިންގި ކެމިކަލް ގުދަނަކުން ފީފާތަކެއް ޕިކަޕަކަށް އަރުވަނީ.-- ފޮޓޯ: ރިލްވާން ލަތީފް / ޓްވީޓާ

މާލެ ސަރަހައްދުގައި ހުރި އެފަދަ އިމާރާތްތަކުގައި އާންމުކޮށް ދިރިއުޅެނީ ބިދޭސީންނެވެ. ވޯކްޝޮޕެއް ހިންގުމުގެ ބޭނުމުގައި ގޭގެ ވެރިމީހާގެ ހުއްދައާ އެކު ކުއްޔަށް ދިން ނަމަވެސް ފަހުން ތަން ބަދަލުކޮށްލަނީ ބިދޭސީން ދިރިއުޅޭ ތަނަކަށެވެ.

ރެގިއުލޭޓް ކުރާނެ ފަރާތެއް ނެތް ކަހަލަ އެވެ. ތަންތަން ދޫކޮށްލާފައި ވަނީ އެ ބިދޭސީން ބޭނުން ގޮތަކަށް އުޅޭށެވެ.

ހިރާސް އޮޕަރޭޝަނުން، ފާހަގަވީ ގަވާއިދާ ހިލާފު އެތައް ކަމެއް!

ފަޔަރުގެ ކޮމާންޑް ސާޖަންޓް މޭޖާ އާޒާދު ރުޝްދީ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެމިކަލް ގުދަންތައް ޗެކް ކުރުމުގެ އޮޕަރޭޝަން ފެށީ ވެސް އާންމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ފަހަރުގެ އޮޕަރޭޝަންގައި ކެމިކަލް ގެންގުޅޭ ގުދަންތަކާއި ވިއްކާ ފިހާރަތައް ހުރީ ގަވާއިދާ އެއްގޮތަށްތޯ ބެލި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި ފާހަގަވި ކަންކަން މި ފަހަރު ވެސް އެމްއެންޑީއެފްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

ކެމިކަލް ގުދަންކޮށް، ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ތިލަފުށީގެ ވަކި ސަރަހައްދެއް ކެމިކަލް ގުދަން ކުރުމަށް ކަނޑައަޅާފައި ވިޔަސް އެ ރަށުގެ އެކި ސަރަހައްދުތަކުގައި އެކި ކުންފުނިތަކުން ކެމިކަލް ގުދަން ކޮށްފައި ހުރިކަން އެ އޮޕަރޭޝަނުން އެނގުނެވެ.

"އެފަދަ ގުދަންތައް ވެސް ކެމިކަލް ގުދަން ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތަކާ ހިލާފަށް ހުރި ކަން އަޅުގަނޑުމެންނަށް ފާހަގަވި،" އާޒާދު ވިދާޅުވި އެވެ.

ރާއްޖެ އަށް ކެމިކަލް އެތެރެ ކުރެވޭނީ ޑިފެންސް މިނިސްޓްރީން ހުއްދަ ދީގެން ކަމަށާއި ކޮންމެ ތަނެއްގައި ވެސް ކެމިކަލް ބެހެއްޓުމަށް މިނިސްޓްރީން ހުއްދަ ދޫކުރާނީ ވަކި އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމިކަލް ރައްކާ ކުރާ ތަނެއްކަން އެނގޭނެ ނަންބޯޑެއް މާލެތެރޭގެ ގުދަންތަކުގައި ނެތެވެ. ބައެއް ގުދަންތަކުގައި ކެމިކަލް ގެންގުޅެނީ ވެސް ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރަށެވެ.

"ގަވާއިދާ އެއްގޮތަށް ނުވަތަ ގަވާއިދާ ހިލާފަށް ހުރި ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ފާހަގަވި. ހާއްސަކޮށް މި ފަހަރުގެ އޮޕަރޭޝަންގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވި އަލިފާން ނިއްވާ އެއްވެސް ވަސީލަތެއް ނެތްކަން. އެއީ ގުދަނެއް ކަމަށް ވިޔަސް ވޯކްޝޮޕެއް ކަމަށް ވިޔަސް އަދި މީހުން ދިރިއުޅޭ، ފަސޭހައިން އަލިފާން ރޯވާ ގޮތަށް ހަދާފައި ހުރި އިމާރާތްތަކުގައި ވެސް،" އާޒާދު ވިދާޅުވި އެވެ.

މާލޭގައި ކުރިން ރޯވި ގަރާޖެއްގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަލިފާން ނިއްވާ ފުޅިތަކުގެ މުއްދަތު ހުންނަނީ ހަމަވެފަ އެވެ. ބައެއް ފުޅިތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގަ އެވެ. ގިނަ މީހުންނަށް އެ ފުޅި ބޭނުންކުރާކަށް ނުވެސް އެނގެ އެވެ.

"ގިނަ ތަންތަނުގައި މި މަސައްކަތް ކުރަނީ ބިދޭސީން. އަޅުގަނޑުމެންނަށް ވެސް ވަރަށް އުނދަގޫވި އެ ތަނަށް ދާއިރާ ވެރިފަރާތް ނެތި، ހޯދަން ޖެހުން. ބިދޭސީން މަސައްކަތް ކުރާ އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ހުރީ ރަނގަޅަކަށް ނޫން. ކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ވެސް އެ ބޭފުޅުންނަކަށް ނޭނގޭ،" ފާއިޒް ވިދާޅުވި އެވެ.

"ފަޔާ އެވެއާނެސް ޕްރޮގްރާމެއް ވެސް އެ ބޭފުޅުންނަކަށް [ބިދޭސީން] ނުހިންގާ. މިފަދަ ކަންކަމަކީ ކުޑަ ވެސް ކަމެއްވެ، އެ ވަގުތު އަލިފާން ނިއްވާ ފުޅިއެއް އެތާ ތިބި މީހުންނަށް ނޭނގޭ ކަމަށް ވާ ނަމަ އެ ހާދިސާ ބޮޑުވަރު ވެގެން ހިނގައިދާނެ ކަމެއް. މިއީ ވަރަށް ބިރުވެރިވާން ޖެހޭ ކަމެއް."

ޑިފެންސާއި އެމްއެންއެެންޑީއެފްގެ ހާއްސަ އަޮޕަރޭޝަނުން ފާހަގަވި އަނެއް ކަމެއްގެ ގޮތުގައި ފާއިޒް ވިދާޅުވީ އެ މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތަނަށް ދާއިރު، އެ މަސައްކަތްތައް އެހެން ތަނަކަށް ބަދަލު ކޮށްފައި ހުންނަ ހުރުމެވެ. އަލިފާނުގެ ހާދިސާއެއް ދިމާވެގެން ވެސް ފުރަތަމަ ދާނީ ރަޖިސްޓަރީ ކޮށްފައި ހުންނަ އެޑްރެހަށް ކަމަށާއި އެފަދަ ހާލަތެއްގައި އެ ތަން ބަދަލުވެފައިވާ ނަމަ އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކެމިކަލް ގުދަންތަކުގެ ތެރެއިން 30 ތަނެއް އެކި ސަބަބުތަކާ ހުރެ، ބަލައި ފާހެއް ނުކުރެވުނެވެ. އެފަދަ ތަންތަން ދޭތެރެދޭތެރެއިން ބަލައި ފާސް ކުރަން ޖެހޭނެ ކަމަށް ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާން ކޮށްފައިވީ ނަމަވެސް މީގެ ކުރިން އެކަން ނުކުރާ ކަމަށާއި އެކަމަކު ދެން ކައިރިކައިރީ އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ފަޔަރުގެ ބޭފުޅުން ވިދާޅުވި އެވެ.

ކެމިކަލް ގުދަންކޮށް، ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރަނީ: މާލޭގައި މީހުން ދިރިއުޅޭ 300އަށްވުރެ ގިނަ ތަންތަން ވެސް ވަނީ ބަލާފާސްކޮށްފައި.-- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ބަލައިފާސް ކުރުމުގެ ފުރުސަތު ނުލިބުނު 30 ތަން ވެސް ދެން ދެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ބެލުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ހިރާސް އޮޕަރޭޝަންގައި ބަލައިފާސްކުރި ގުދަންތަކުގައި ކެމިކަލް ހުރި އަދަދާއި ހުރި ބާވަތްތައް އެކުލެވޭ ރިޕޯޓެއް ޑިފެންސް މިނިސްޓްރީން އާންމު ކުރާނެ އެވެ.

އެ ރިޕޯޓަށް ފަހު، ހުއްދަ ނުނަގާ ހިންގާ ގުދަންތަކާއި ގަރާޖުތައް އެނގޭނެ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭ ތަންތަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށް ފަޔަރުގެ އިސްވެރިން ވިދާޅުވި އެވެ.

ކުއްލިއަކަށް ކެމިކަލް ގުދަންތައް މާލޭގައި، ޖަވާބެއް ނެތް!

މާލެތެރެއިން ކެމިކަލް ގުދަންތަކާއި ގަރާޖު/ވޯކްޝޮޕް ބޭރުކުރާ ވާހަކަ ދައްކަނީ ހަމައެކަނި ރައީސް އިބޫގެ ސަރުކާރާ ހިސާބަކުން ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު ވެސް އެ ވާހަކަ ދޭތެރެދޭތެރެއިން ދައްކަ އެވެ. ގަރާޖު، ވޯކްޝޮޕްތައް ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކައިގެން ހެދީ އިންޑަސްޓްރިއަލް ވިލެޖެވެ. ނަމަވެސް ޔާމީންގެ ވެރިކަން ބަދަލުވިއިރު އެކަން ހިނގައިގަންނަ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި އިބޫގެ ސަރުކާރުގެ އިސްވެރިންނަށް ފެނިވަޑައިގަތީ ގަރާޖު/ވޯކްޝޮޕްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، އޭރު ވެސް އެކަން ދިޔައީ "ތޮޅި" އަށެވެ. ފަސް އަހަރުގެ ވެރިކަން ނިންމައިލީ އިންޑަސްޓްރިއަލް ވިލެޖު ބޭކާރު ގޮތުގައި ދޫކޮށްލައިގެން ތިބެ އެވެ. އެކަމަކު، ކެމިކަލް ގުދަންތައް މާލެ އިން ބޭރުކުރި ކަމަށް އެ ސަރުކާރުން ދެއްކި ވާހަކައިގެ ނަތީޖާއެއް މިހާރު ނުފެނުނެވެ. އެ ހުރީ ކެމިކަލް ގުދަންތައް މާލޭގަ އެވެ.

މި ހުރިހާ ސަބަބުތަކާ ހެދީ މާލެތެރޭގައި ހިންގާ ކެމިކަލް ގުދަންތަކާއި ވޯކްޝޮޕް/ގަރާޖުތައް މާލެ އިން ބޭރުކުރުން އެއީ އެކި ސަރުކާރުތަކުން ދައްކާ ބޭކާރު ވާހަކައަކަށް އޮންނަނީ ވެފަ އެވެ.

މާލޭގައި ގިނަ އަދަދެއްގެ ކެމިކަލް ގުދަންތަކަކަށް ހުއްދަ ދީފައިވާކަން މިއަދު އެނގި، އޭގެ ނުރައްކަލުގެ ވާހަކަ ކަމާ ބެހޭ ފަރާތްތަކުން ދައްކާއިރު ވެސް އެ ގުދަންތައް މާލެ އިން ބޭރުކުރުމާ ބެހޭ ވާހަކަތަކަށް ދޭނެ ޖަވާބެއް ފަޔަރުގެ އިސްވެރިންގެ ވެސް ނެތެވެ. އެ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުން އަލުން ބާރަށް ކުރިއަށް ގެންދިއުން ނުވަތަ ސަރުކާރުގެ ސިޔާސަތަކާ ހިލާފަށް މާލޭގައި ކެމިކަލް ވިއްކަން ހުއްދަ ދީފައިވާ ސަބަބެއް ވެސް ނޭނގެ އެވެ. ޒިންމާވާނެ ބަޔަކު ވެސް ނެތެވެ.

އެފަދަ ގުދަންތައް ވެސް ކެމިކަލް ގުދަން ކުރުމުގެ ގަވާއިދުގެ ބައެއް މާއްދާތަކާ ހިލާފަށް ހުރި ކަން އަޅުގަނޑުމެންނަށް ފާހަގަވި،"--- ފަޔާ ސާވިސް

މާލޭގައި މިހާރު ހުރި ކެމިކަލް ގުދަންތައް މާލެ އިން ބޭރުކުރުމާ މެދު "މިހާރު" އިން ފަޔަރުގެ އިސްވެރިންނަށް ފޮނުވި ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ. އެ ބޭފުޅުން ވިދާޅުވާ ނަމަ އެއީ ފަޔަރުގެ އިހުސާސުން ބޭރު ސުވާލުތަކެކެވެ. އެކަމަކު، އެނގޭ ކަމަކީ ކެމިކަލް ގުދަން މާލެތެރޭގައި ހުރި މައްސަލާގައި މި ސަރުކާރުން ވެސް ގޮތެއް ހޯދަން ޖެހޭނެ ކަމެވެ. އެހެން ނޫނީ ވަކި ތަފާތެއް ނުފެންނާނެ އެވެ.

މި ދައްކަނީ ވަރަށް ސީރިއަސް ވާހަކައެކެވެ. އަނެއްކާވެސް މާލެތެރޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އޭގެ މެދުވެރިއަކަށް ކެމިކަލް ގުދަނެއް ވުމުގެ ކުރިން ހައްލު ކުރަން ޖެހޭ ވާހަކައެކެވެ. ގައިމު މާލެތެރޭގައި ކެމިކަލް ގުދަންތައް ހިންގަން ހުއްދަ ނުދޭ ސިޔާސަތެއް އޮތް ކަން އެނގެ އެވެ. އެކަމަކު، ހަގީގަތް ބަލާލިއިރު އެ ސިޔާސަތު ވެސް ވަނީ ކޮންމެވެސް "ހަނިދޭތެރެއަކުން" ބޮލާލައިޖަހައިފަ އެވެ. ކެމިކަލް ގުދަންތަކުން މާލެތެރެ ފުރާލަނީ އެވެ.





More from Mihaaru