ސިނަމާލެ ބްރިޖުގައި އަޅާފައި އޮތް ފެން ހޮޅި މި އަހަރު ބޭނުންކުރަން ފަށަނީ

Fri, 18 Oct 2024 02:18 PM

View on this article on Mihaaru

ސިނަމާލެ ބްރިޖުގައި އަޅާފައި އޮތް ފެން ހޮޅި މި އަހަރު ބޭނުންކުރަން ފަށަނީ

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގައި އަޅާފައި އޮތް ފެން ހޮޅި މި އަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި އެއް އަވަށުން އަނެއް އަވަށަށް ފެން ޕަމްޕުކުރަން ސިނަމާލެ ބްރިޖުގައި މީގެ ފަސް އަހަރު ކުރިން ބޮޑު ފެން ހޮޅިއެއް އެޅި ގޮތަށް އަދިވެސް އެ ބޭނުމެއް ނުކުރެ އެވެ. ސަރުކާރުން މިހާރު ވަނީ ޕަމްޕް ސްޓޭޝަންގެ ނިޒާމު ގާއިމްކޮށް އެ ހޮޅިން ފެން ދައުރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މާލެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ކަށަވަރުކުރަމަށްޓަކައި އެ ފެންހޮޅި އެޅި ގޮތަށް މިދިޔަ ފަސް އަހަރު ވެސް އެއްވެސް ވަރަކަށް ބޭނުންނުކޮށް ބޭއްވި ކަމަށެވެ. އަދި އެ ފެންހޮޅީގެ ދެކޮޅު ވެސް އޮތީ ސަރަހައްދުގެ ފެނުގެ ގްރިޑާ ނުގުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި ފެންހޮޅި ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނާއި މާލޭގައި ހުންނަ ޕަމްޕް ސްޓޭޝަނާ ގުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ސަރުކާރުން ވަނީ އެއީ އަބަދުވެސް ފެން ދައުރުކުރެވޭ، ޕަމްޕުކުރެވޭނެ ހޮޅިއަކަށް ހެދުމަށް ނިންމައިފައި،" އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު މަތިން ވެހިކަލް ދުއްވަނީ: މި އަހަރު ނިމުމުގެ ކުރިން މި ފެން ހޮޅި ބޭނުންކުރަން ފަށަން ސަރުކާރުން ވަނީ ނިންމާފައި.-- ފޮޓޯ: މިހާރު

ތޯރިގް ވިދާޅުވި ގޮތުގައި، ޕަމްޕް ސްޓޭޝަންތަކަށް މި ހޮޅި ގުޅާލައި މި އަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެ އެވެ.

"މި މަސައްކަތް ނިމުނީމަ ކިހިނެއްތޯ ވަނީ؟ މި މަސައްކަތް ނިމުނީމަ އަޅުގަނޑުމެންނަށް މާލޭގެ ވޯޓާ ސެކިއުރިޓީ އިތުރަށް ވަރުގަދަވާނެ. މާލެއަށް އިތުރަށް ފެން ބޭނުންވާ ނަމަ، ހުޅުމާލެއިން މާލެއަށް ފެން ޕަމްޕުކުރެވޭނެ. އަދި މާލެއިން ހުޅުމާލެއަށް ވެސް ފެން ޕަމްޕުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށީގައި ވެސް މިހާރު ވަނީ ފެނުގެ ބޮޑު ސްޓޯރޭޖެއް ގާއިމްކޮށްފަ އެވެ.

ސިނަމާލެ ބްރިޖުގައި އެޅި ފެން ހޮޅިއަކީ ގާތްގަނޑަކަށް 200،000 ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަރަދުކޮށްގެން ސަރުކާރުން ކޮށްފައިވާ މަސައްކަތެކެވެ.

އެ ފެން ހޮޅި ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، މާލެ ސަރަހައްދުގައި ސްޕަލައި ފެނުގެ ހިދުމަތް ދޭ އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ ޖުލައި މަހު ބުނެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި ނެޓުވޯކުން މާލެ އާއި ހުޅުމާލެއާ ދެމެދު ފެން ފޯރުކޮށްދޭން ޖެހޭ ހާލަތެއްގައި ގަޑިއިރަކު 800 ޓަނުގެ ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެ އެވެ.





More from Mihaaru