ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް

Fri, 18 Oct 2024 03:18 PM

View on this article on Mihaaru

ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް

ދަ ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކަށް އަންނަ މަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

ދިވެހިންނަށް އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ހުރިހާ ހަރަދެއް ކަވަރުކޮށްދޭ މި ފައުންޑޭޝަނުން ވަނީ ހަތަރު ދާއިރާއަކުން ފުރުސަތު ހުޅުވާލައިފަ އެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ސްޕެޝަލައިޒޭޝަން، ޖާނަލިޒަމް، އެއާކްރާފްޓް އިންޖިނިއަރިން އަދި ކޮމާޝަލް ކުކަރީ އެވެ.

ސްކޮލާޝިޕް ދޭ ދާއިރާތަކުގެ ތަފްސީލު

މެޑިކަލް ސްޕެޝަލައިޒޭޝަން

މިއީ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވާން ދޭ ފުރުސަތެކެވެ. މި ފުރުސަތު ދެނީ ހަމައެކަނި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ސްޕެޝަލައިޒްވުމަށެވެ. މި ސްކޮލާޝިޕް ފުރިހަމަކުރުމަށް ފަހު މާލެ ސަރަހައްދު ނޫން ރާއްޖޭގެ އެހެން ސިއްހީ ހިދުމަތް ދޭ ތަނެއްގައި މަދުވެގެން އެއް އަހަރު މަސައްކަތްކުރަން ޖެހޭނެ އެވެ.

މި ފުރުސަތުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނީ މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް، ބަންގްލަދޭޝް، އިންޑިއާ ނޫނީ ސްރީ ލަންކާއިންނެވެ.

ނޫސްވެރިކަމުގެ ދާއިރާ

މިއީ ނޫސްވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ފުރުސަތު ލިބޭނީ އަންޑަ ގްރެޖުއޭޓް ފެންވަރަށް ތައުލީމު ހާސިލްކުރުމަށެވެ. މި ފުރުސަތުގައި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނީ މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް، ބަންގްލަދޭޝް، އިންޑިއާ ނޫނީ ސްރީ ލަންކާއިންނެވެ.

އެއާކްރާފްޓް އިންޖިނިއަރިން

މިއީ އޭވިއޭޝަން ދާއިރާއަށް ދިވެހިން ބިނާ ކުރުމަށް ދޭ ފުރުސަތެކެވެ. މި ސްކޮލާޝިޕުގައި މެލޭޝިޔާގެ 'ޔުނިކޭއެލް' އިން ދެ އަހަރުގެ މުއްދަތަށް ހިންގާ އެއާކްރާފްޓް މެއިންޓެނެންސް ލައިސަންސް ޕްރޮގްރާމް -އޭއެސްއޭ ޕާޓް 66' ކޯސް ހެދުމަށް ދޭ ފުރުސަތެކެވެ. މި ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުން ޕްރޮގްރާމްއަށް ހޮވުނުކަމުގެ ޕްލޭސްމަންޓް ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.

ކޮމާޝަލް ކުކަރީ

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނާއި ތައުލީމު ލިބިފައިވާ ދިވެހިން އުފެއްދުމަށް ދޭ ފުރުސަތެކެވެ. މި ސްކޮލާޝިޕަކީ ކޮމާޝަލް ކުކަރީގެ ސެޓްފިކެޓް ލެވެލް 3އަށް ކިޔަވަން ދޭ ފުރުސަތެކެވެ. މި ސްކޮލާޝިޕް ހުޅުވާލާފައިވަނީ ސްރީ ލަންކާގެ ދަ ކޮލަމްބޯ އެކެޑެމީ އޮފް ހޮސްޕިޓަލިޓީ މެނޭޖުމެންޓުން ހިންގާ ވިލިއަމް ކޮމާޝަލް އެންގްލިސް އިންސްޓިޓިއުޓް ފޯ ދަ ސެޓްފިކެޓް ލެެވެލް3އިން ކޮމާޝަލް ކުކަރީ ކޯސް ހެދުމަށެވެ. މި ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރުން ކޯހަށް ހޮވިފައިވާކަމުގެ ޕްލޭސްމަންޓް ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.

ދަ ނޮޓިލަސް ފައުންޑޭޝަނުން ދޭ މި ސްކޮލަޝިޕްތަކަށް ހުށަހެޅޭނީ ހަމައެކަނި ދިވެހިންނަށެވެ. ސްކޮލަޝިޕު ލިބި، ކިޔަވަން ދާ ދަރިވަރުން މަދުވެގެން ތިން އަހަރު ރާއްޖެއަށް ހިދުމަތްކުރަން ޖެހެ އެވެ. އަންނަ އަހަރު އެ ފައުންޑޭޝަނުން 6-4 ސްކޯލާޝިޕް ދޭން ވަނީ ނިންމައިފަ އެވެ. އެ ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީގެ އިތުރުން ދެކޮޅު ޓިކެޓު ހަރަދާއި މެޑިކަލް އިންޝުއަރެންސް އާއި ވިސާ އަދި ސްޓައިޕެންޑް ވެސް ދޭނެ އެވެ.

މި ސްކޮލަޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތުތައް މި ފައުންޑޭޝަނުގެ ވެބްސައިޓުން ލިބޭނެ އެވެ.





More from Mihaaru