ވަޒީފާގައި އިހުމާލުން މީހަކު މަރުވެއްޖެ ނަމަ 1.46 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހޭ ގޮތަށް ހަދައިފި

Fri, 18 Oct 2024 02:51 PM

View on this article on Mihaaru

ވަޒީފާގައި އިހުމާލުން މީހަކު މަރުވެއްޖެ ނަމަ 1.46 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހޭ ގޮތަށް ހަދައިފި

ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަދަލެއް ވާރިސުންނަށް ދޭން ޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް ހަދައިފި އެވެ.

މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު"ގައި ވަނީ ވަޒީފާގެ މާހައުލުގައި މީހަކަށް ނުކުޅެދުންތެރިކަމެއް ލިބެއްޖެ ނަމަ ނުވަތަ މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ ބަދަލު ދޭނެ ގޮތުގެ އުސޫލުތައް ހިމަނައިފަ އެވެ.

އެ ގަވާއިދުގައި ބުނި ގޮތުގައި، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، ހަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާއަށް ނަގައިދެވޭނެ އެވެ.

އަނިޔާގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލު

- ލިބުނު އަނިޔާއަށް ބޭސްފަރުވާގެ ހުރިހާ ހަރަދެއް.

- ބޭސްފަރުވާ ކުރަން ޖެހުމުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރަ.

- ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަށް ލިބޭ ގެއްލުމުގެ ބަދަލު.

- ލިބުނު އަނިޔާގެ ސަބަބުން ފުރާ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލު.

މާލޭގައި ހަދަމުންދާ އިމާރާތެއްގައި ބަޔަކު މަސައްކަތްކުރަނީ: ވަޒީފާގެ މާހައުލުގައި އިހުމާލުން މީހަކު މަރުވެއްޖެނަމަ ބޮޑު ބަދަލެއް ދޭން ޖެހޭ ގޮތަށް މިހާރު ވަނީ ހަދައިފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާ މަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލު މަދުވެގެން 10 އަހަރަށް ނަގައިދޭން ޖެހެ އެވެ. ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިއަކަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަގަކީ 19 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ދަށް އަގަކީ 1،260،000ރ. އެވެ. ބަދަލު ދޭ މިންވަރުގެ ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އަދިވެސް އެހެން ބައެއް ކަންކަމަށް ބަލަން ޖެހެ އެވެ.

މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ފުރާނަ ގެއްލިއްޖެ ނަމަވެސް މީހާގެ އުމުރާއި މަސްދުވަހަކަށް ޖެހޭ އެވްރެޖް އާމްދަނީ އާއި މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރަށް ބަލަން ޖެހެ އެވެ. އަދި އިހުމާލަކާ ނުލައި އެކްސިޑެންޓަކުން ހިނގި ކަމެއް ނަމަ ބަދަލު ނަގައިދޭނެ ގޮތް ވެސް އެ ގައިވާއިދުގައިވެ އެވެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000ރ. ވާރިސުންނަށް ދޭން ޖެހޭނެ އެވެ. އަދި އިހުމާލެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވާރިސުންނަށް ދޭން ޖެހޭނެ އެވެ.

އެކަމަކު، މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލައި، ބަދަލު ނަގައިދެވޭނެ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ އިތުރު އެހެން ބައެއް ކަންކަން ވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.





More from Mihaaru