ދިވެހީންގެ އިރުއޮއްސުމެއް ނެތް ހަވީރު ސައި

Fri, 18 Oct 2024 07:44 AM

View on this article on Mihaaru

ދިވެހީންގެ އިރުއޮއްސުމެއް ނެތް ހަވީރު ސައި

އިނގިރޭސި ސަފީރުގެ ގޮތުގައި ކެރޮން ރޮސްލާ 2019 ގައި ވަޑައިގަންނަވަން ޖެހުނު މި ރާއްޖެ އަކީ، އަމިއްލަ ވަޒަނާ މާ ދުރުގައި އޮތް، ހުރިހާ ގޮތަކުން ވެސް އޭނާ އަށް އޭރު ބީރައްޓެހި ގައުމެކެވެ. ނަމަވެސް ރާއްޖެ ވަޑައިގަތުމުން ފާހަގަކުރެއްވުނީ ދެ ގައުމުގެ ސަގާފަތުގައި ވެސް އެއްގޮތް ބައެއް ކަންކަން ހުރި ކަމެކެވެ. އޭގެ ތެރެއިން އޭނާގެ ހިތުން އެންމެ ހާއްސަ ޖާގައެއް ދެއްވުނީ ދިވެހީންގެ ހަވީރުގެ ސަޔަށެވެ.

ރާއްޖެ އަށް ފުރުއްވުމުގެ ކުރިން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީ އަށް ކެރޮން ޒިޔާރަތްކުރެއްވި ދުވަހު، އެ ތަނުން މެހެމާންދާރީ އަދާކުރީ ވެސް ދިވެހި ހެދިކާ ހިމެނުނު ހަވީރުގެ ސަޔަކުންނެވެ. އެކަމަކު އެއީ ދިވެހީންގެ ކެއުމުގެ މުހިއްމު ބައެއްކަން އެނގިވަޑައިގަތީ މާލޭގައި ހުންނަވަން ފެށްޓެވުމާ އެކު ލިބެން ފެށި ސައިގެ ދައުވަތުތަކުންނެވެ.

"ދިވެހިރާއްޖޭގެ އާދަކާދަތަކުގެ ތެރެއިން އިނގިރޭސިއެއްގެ ހައިސިއްޔަތުން އަހަންނަށް ވަރަށް ޝައުޤުވެރިކަމާ އެކު ގުޅުވައިލެވޭ އެއްކަމަކީ ހަވީރުގެ ސައި. މެންދުރުފަހަށް އަޅާލައި ގައިގެ ހަކަތަ ދަށްވެލި ވަގުތު މި ލިބުނީ ދިވެހި ކަނޑުމަހުން ތައްޔާރު ކޮށްފައިވާ ކުޅި ކާތަކެއްޗާއި މުޅި ހިސާބުގައި މީރުވަސް ފަތުރާލަދޭ ފޮނިކާތަކެތި،" ހެދިކާ އަޅާފައިވާ ތަށިބަރިއެއްގެ ފޮޓޯއަކާ އެކު، ކެރޮން، އޭނާ ރާއްޖެ ވަޑައިގެންނެވިތާ ކައިރީގައި އިންސްޓަގްރާމް ކުރައްވާފައި ވެ އެވެ.

ކެރޮން އަށް މީހަކު ހަދިޔާކުރި ހެދިކާ ތަށިބަރި.

ލުއި ކާނާއާ އެކު ހަވީރު ވަގުތު ސައިބޯ ބައެއްގެ ގޮތުގައި މުޅި ދުނިޔޭގައި އެންމެ މަޝްހޫރީ އިނގިރޭސިންނެވެ. އެ ގައުމުން އިސްތިއުމާރުކުރި ވަރަށް ގިނަ ގައުމުތަކަށް ވެސް އެކަން އޮތީ ފޯރައިފަ އެވެ.

ނެލްސަން މަންޑޭލާ ވެސް ވިދާޅުވަނީ ދެކުނު އެފްރިކާ އަށް އިނގިރޭސިން ގެނެސްދިން ކަންކަމުގެ ތެރެއިން އެންމެ ރަނގަޅު ކަމަކީ ހަވީރުގެ ސައި ކަމަށެވެ. ރާއްޖެ އަކީ ވެސް އެއް ދުވަސްވަރެއްގައި އިނގިރޭސިން އިސްތިއުމާރުކުރި ގައުމަކަށް ވާތީ، ދިވެހީންނަށް ވެސް ހަވީރުގެ ސައި ތައާރަފު ކޮށްދިނީ އިނގިރޭސިން ކަމަށް ހީވެދާނެ އެވެ. އެކަމަކު އެއީ އޭގެ މާ ކުރިން ވެސް މި ރާއްޖޭގައި އޮތް ސަގާފަތެކެވެ. އިނގިރޭސީންގެ ހަވީރުގެ ސަޔާއި ދިވެހީންގެ ހަވީރުގެ ސައިގައި ތަފާތުތަކެއް ވެސް ވެ އެވެ.

"އިނގިރޭސި ސަގާފަތުގައި ހަވީރުގެ ސަޔަކީ ހާއްސަ ދުވަސްތަކުގައި ބޯ އެއްޗެއް،" ކެރޮން ވިދާޅުވި އެވެ.

"އެކަމަކު ރާއްޖޭގައި އެއީ ހަމަ ކޮންމެ ދުވަހެއްގެ އާދައެއް."

އަސުރުން ފައިބައިގެން ހަވީރު ވަގުތު ކަޅުސައިތަށްޓެއްގެ މިންވަރު ނަމަވެސް ބޯނުލާ ނަމަ ވަރަށް ގިނަ ދިވެހީން ހިތަށް ހަމަޖެހުމެއް ނުލިބޭނެ އެވެ. ދުވަހުގެ މަސައްކަތަށް ފަހު ސިކުނޑި ތާޒާކޮށްލަން، އާއިލާ މީހުންނާއި ރަށްޓެހިންނާ ގުޅުން ބަދަހިކޮށްލަން، ކަމަކާ މަޝްވަރާކޮށްލަން ނުވަތަ ހާއްސަކަމެއް ފާހަގަކޮށްލަން ވިޔަސް ހަވީރުގެ ސަޔަކީ ދިވެހީންގެ އެންމެ ގާތް އެކުވެރިޔާ އެވެ. މިހާރު ކޮފީއަށް ދިއުމޭ ކިޔަސް، ފަހަކާ ޖެހެންދެން ވެސް ސަޔަށް ދިއުމަކީ، ދިވެހީންގެ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ މުހިއްމު އާދައެކެވެ.

ކެރޮން (ކ) ދިވެހި ޒުވާނުންތަކާ އެކު ސައިމޭޒެއްގައި.

އިނގިރޭސީންގެ ސަޔާއި ދިވެހީންގެ ސައިގައި ހުރި އަނެއް ތަފާތަކީ ސަޔާ އެކު، ކާ ތަކެއްޗެވެ. އިނގިރޭސީންގެ ސައިގެ ސުފުރާގައި މައިގަނޑުކޮށް އެކުލެވެނީ އަނގަޔަށް ލުއި، ދުލަށް މީރު އެކި ވައްވަތުގެ ސޭންޑްވިޗާއި ޕޭސްޓްރީސްގެ ބާވަތްތަކެވެ. ދިވެހީންގެ ސައި މޭޒުތައް މައިގަނޑުކޮށް މުއްސަނދިވެފައި ހުންނަނީ ކުޅިކޮށް ހަދާފައިވާ ހަވާދު އެކުލެވޭ ތެއްލި ހެދިކާ އިންނެވެ.

"އަހަންނަށް ވަރަށް ކަމުދޭ ދިވެހި ހެދިކާގެ ރަހަތައް. ކަޅު ސަޔާ އެކު ކާލަން ރަހައިގެ ގޮތުން ހަމަ އެއް ވަނަ އެއީ،"

ދިވެހީން ހަވީރު ސަޔަށް ތައްޔާރުކުރާ ހެދިކާތަކުގެ ތެރެއިން ބައެއް ބާވަތްތަކީ ސީދާ ރާއްޖޭގެ އުފެއްދުންތަކެވެ. ބޭރުން ތައާރަފުވި ބާވަތްތަކާއި ދިވެހީން ބައެއް ބަދަލު ގެނެސްގެން ތައްޔާރުކުރާ ބާވަތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހެދިކާ އަކީ ބަޖިޔާ އެވެ. މީގެ އަސްލަކީ، އިންޑިއާގެ މަޝްހޫރު ސަމޯސާ އެވެ. ބަޖިޔާ އަކީ، ކުޅި އެއްޗެއް ކަމަށް ވިޔަސް އޭގެ މަސްގަނޑަށް ގިނައިން ފިޔާ އަޅައި، ކުޑަ ހަކުރުކޮޅެއް ވެސް ލައި، ފޮނި ރަހައެއް ވެސް ލައްވަ އެވެ.

އަލް މަރްހޫމާ ޒަހުރާ ޔޫސުފް: އޭނާ އަކީ މަޝްހޫރު ހުސްނޫގޭ ބަޖިޔާގެ ބާނީ.

ބަޖިޔާ އަކީ ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ވެސް ވަރަށް މީރު ހެދިކާ އެކެވެ. ވެލާނާގެ އަށް އެއް ދުވަހެއްގައި މާލޭގެ ގެއަކުން ގެނައި ބަޖިޔާތަކެއް ފަރިއްކުޅުވުމަށް ފަހު އެ މަނިކުފާނު ވަނީ މަސްގަނޑުގެ ތެރެއަށް ކުޑަ ބަޓަރުކޮޅެއް ލައިފި ނަމަ އިތުރަށް ރަހަ ރަނގަޅުވާނެ ކަމަށް ވިދާޅުވެ އިރުޝާދު ދެއްވައިފަ އެވެ. އޭރު މާލޭގައި އެންމެ މަޝްހޫރީ ލޯޖެހިގެ އާއި ހުސްނޫގޭ ބަޖިޔާ އެވެ. އޭގެ ތެރެއިން ހުސްނޫގޭގައި އޭރުގެ ރެސިޕީ އަށް މެދުކެނޑުމެއްނެތި މިހާރު ވެސް ބަޖިޔާ ހަދަ އެވެ.

ސައިގިރާ ކޮންމެ ސަމުސަލެއް ވެސް ޖޯޑު ފުލުގައި ގޭނިގޭނި ހުސްވަމުންގޮސް ދަނޑިއާ ޖެހުނީމާ ދެން ދޫކޮށްލަނީ އެވެ. މިގޮތަށް މިހާރު ތިރީސް އެތައް ސަމުސަލެއް ހުސްވެއްޖެ ކަމަށް ކުޑަ ހުސައިނު ބުނުއްވައެވެ. އާދެ! އޭނާގެ ސައިފިހާރައިން ސައި ބުއި މީހުންނަށް ތިރީހަކަށް ސަމުސަލުގެ ލޮއި މިހާރު ވާނީ ބޮވިފަ އެވެ،"

ބަޖިޔާގެ އަސްލު ގުޅިފައިވާ އިންޑިއާގެ ސަމޯސާ އަކީ، އެ ގައުމަށް މެދުއިރުމަތިން ތައާރަފުވި ސަމްބޯސާ އެވެ. މިއީ ބަޖިޔާގެ ބައްޓަމަށް އެކަމަކު ފިހެގެން ތައްޔާރުކުރާ ބާވަތެކެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި ސަމްބޯސާ އޭގެ ގަދީމީ ގޮތުގައި ހަދަ އެވެ. މާލޭގައި އިހުގައި އެންމެ މަޝްހޫރުކޮށް ސަމްބޯސާ ތައްޔާރުކުރީ ކަކާގޭގަ އެވެ. އެ ގޭގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވި މަލިކު އަންހެނެއްގެ ފަރާތުން ތައާރަފުވި އެ ހެދިކާ ހެދީ މިހާރުގެ ޕެޓީސް ހުންނަ ބައްޓަމަށެވެ.

ގާދޫކޮލުން ރާއްޖެ އެތެރެވި ހެދިކާގެ ބާވަތްތަކުގެ ތެރެއިން މިސްރުގެ ބަލަހްއަލްޝާމް އަކީ 1970ގެ އަހަރުތަކުގައި މާލޭގައި ވަރަށް ހިނގި އެއްޗެކެވެ. ގިތެޔޮ އަޅައިގެން ތައްޔާރުކުރާ އެ ފޮނި ހެދިކާ ހަދައި ވިއްކަން ފެށީ މ. އެންދެރިމާގޭގަ އެވެ. އެއީ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމް، އެ މަނިކުފާނުގެ ފިރިކަލުން ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު މިސްރުގައި ކިޔަވައި ވިދާޅުވާން އުޅުއްވިއިރު ތައްޔާރު ކުރައްވަން ދަސްކުރެއްވި އެއްޗެކެވެ. ނަމަވެސް މާލޭގައި ބަލަޚްޝާމް މަޝްހޫރުވީ، ފޮނި ކާމަރަނގައިގެ ގޮތުގަ އެވެ. އެއީ ހުތް މޭވާއެއް ކަމަށްވާ ކާމަރަނގައާ އެއް ބައްޓަމަކަށް ހުންނާތީވެ އެވެ.

އެންދެރިމާގޭގައި ތައްޔާރުކުރާ ބަލަހްއަލްޝާމް.

ނަމަވެސް، ގިތެޔޮ އަޅައިގެން ތައްޔާރުކުރާ ފޮނި އެހެން އެއްޗެއް ކަމަށްވާ މިސްރު ބޯކިބަލަކީ، ނަމުގެ ކުރިއަށް މިސްރު އައި ނަމަވެސް ދިވެހި އުފެއްދުމެކެވެ. އެ ހެދިކާގެ އަސްލު ގުޅިފައިވަނީ 1956 ވަނަ އަހަރު މިސްރުގެ ސުއޭޒުގެ މައްސަލައިގައި ކުރި ދެ ވަނަ އަރަބި-އިޒްރޭލް ހަނގުރާމައާ އެވެ.

އެ ދުވަސްވަރު މާލޭގައި ވެސް އެންމެ ހިނގީ އެ ހަނގުރާމައިގެ ވާހަކަތަކެވެ. ދިވެހީން ތިބީ މިސްރަށް ކާމިޔާބު ލިބޭތޯ ދުއާކޮށްލަކޮށްލަ އެވެ. އެހެންވެ އެ ދުވަސްވަރު މާލޭގެ ހޮޓަލެއްގައި، ގެރިކިރު ދަޅު ދެ ބުރިކޮށްގެން އޭގެ ފުލުގައި ކުޑަކުޑަ ފޮނި ބޯކިބާއެއް ފިހެ މިސްރު ބޯކިބާގެ ނަމުގައި ތައާރަފުކުރީ އެވެ. އެ ވާދަވެރިކަމުގައި އެހެން ހޮޓަލެއްގައި ހަމަ އެ ބައްޓަމަށް އެކަމަކު ކުޅިކޮށް އިޒްރޭލު ބޯކިބާގެ ނަމުގައި ވެސް ހެދިކާއެއް ހެދި އެވެ. އެކަމަކު، ވައިގައި ހިފާގޮތްވީ އަދި މިއަދާ ހަމަޔަށް ވެސް ދިވެހިންގެ މަގުބޫލު އެއްޗެއްގެ ގޮތުގައި އޮތީ މިސްރު ބޯކިބަލެވެ.

ކުކުޅު ބިހާއި ކެބެޖު އަޅައިގެން ތައްޔާރުކުރާ އެއްޗެއް ކަމުން ބިސްކީމިޔާ އަކީ ބޭރު އެއްޗެއް ހީވިޔަސް، އެއީ ސައްތައިން ސައްތަ ދިވެހި ހެދިކާ އެކެވެ. އެއީ، މަސް ލިބުން ދަތި ދުވަސްވަރެއްގައި، މަސް ނުލައި ހެދިކާއެއް ހެދުމުގެ ބޭނުމުގައި، އޯކިޑް އުފާ ހޮޓަލުގައި ތައްޔާރުކުރި ބާވަތެކެވެ. އެކަމަކު ފެނުކެއްކި ބިހާއި ކެބެޖު ތުނިކޮށް ކޮށައި އެތެރެއަށް އަޅައި ތެއްލައިގެން މިހާރު އެ ހެދިކާ ހެދި ނަމަވެސް، އޭރު ތައްޔާރުކުރީ، ޕެޓީސް ފުށްގަނޑުގެ ތެރެއަށް ރޯބިހެއް އަޅާލުމަށް ފަހު ތެއްލައިގެންނެވެ.

ގޭގައި ތައްޔާރުކޮށްލާ ހެދިކާގެ ބާވަތަކާއި، ފާރޮށްޓެއް ނުވަތަ ބަނަހަކާ އެކު ބޮމުން އައި ހަވީރުގެ ސައި އެހެން ހަރުފަތަކަށް އެރީ 1900ގެ ފަހު ފަންސަވީހުގެ އަހަރުތަކުގައި މާލެ އަށް އޯކިޑް އުފަލާއި އީވްނިން ގްލޯރީ އާއި ކުއީން އޮފް ދަ ނައިޓާއި މާކަރީ ލައިޓާއި ދަނބުމާ ކެފޭ ފަދަ ހޮޓާތައް ތައާރަފުވި ހިސާބުންނެވެ. އޭގެ މާ ކުރިން ވެސް މާލޭގައި، އާދައިގެ ގޮތަކަށް ނަމަވެސް ސައި ފިހާރަތައް އައީ ހިންގަމުންނެވެ.

ކުޑަ ހުސައިނު އޭނާގެ ސައި ފިހާރައިގައި ސައި ގިރަނީ. --ފޮޓޯ: ދިވެހި ޑައިޖެސްޓްސް

މާލޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ސައި ފިހާރަ ހިންގި އެކަކަކީ ނާވައިދޫ ކުޑަ ހުސައިނެވެ. މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި، ހެންވޭރު ބާޒާރުގައި އޭނާ ފެށި ސައި ވިޔަފާރި އެންމެ މަޝްހޫރުވީ ދަނބުގޭ ގޯޅިތެރޭގައި ނެލުހޮޓަލުގެ ނަމުގައި ހިންގި ދުވަސްވަރެވެ. ކުޑަ ހުސައިނުގެ އެންމެ ފާހަގަކުރެވޭ ކަމަކީ ކުރާގައި ސައި ހެދުމުގެ ބަދަލުގައި ކޮންމެ ސައިތަށްޓެއް ވެސް ވަކިން، ކިރާއި ހަކުރު އަޅައިގެން ސީނުތަށީގައި ގިރާތީވެ އެވެ. އެގޮތަށް ގިރާގިރާ އޭނާ އަތުން ތިރީހަކަށް ލޮއި ސަމުސާ ގޭނި ހުސްވި އެވެ.

"ސައިގިރާ ކޮންމެ ސަމުސަލެއް ވެސް ޖޯޑު ފުލުގައި ގޭނިގޭނި ހުސްވަމުންގޮސް ދަނޑިއާ ޖެހުނީމާ ދެން ދޫކޮށްލަނީ އެވެ. މިގޮތަށް މިހާރު ތިރީސް އެތައް ސަމުސަލެއް ހުސްވެއްޖެ ކަމަށް ކުޑަ ހުސައިނު ބުނުއްވައެވެ. އާދެ! އޭނާގެ ސައިފިހާރައިން ސައި ބުއި މީހުންނަށް ތިރީހަކަށް ސަމުސަލުގެ ލޮއި މިހާރު ވާނީ ބޮވިފަ އެވެ،" ކުޑަ ހުސައިނާ ބެހޭގޮތުން 'މޫންލައިޓް' ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވެ އެވެ.

ހަވީރުގެ ސަޔަކީ، މާގިނަ ލާރިތަކެއް ނުގޮސް، ބަނޑުފުރާލެވޭ ގޮތެއް ކަމަށް ވުމަކީ ވެސް، ކެއުންބުއިމުގެ މި އާދަ ހަރުލީ ސަބަބެކެވެ. ހަމައެކަނި ދިވެހިންގެ ތެރޭގަ އެއް ވެސް ނޫނެވެ. ރާއްޖެ އަށް 1991 ވަނަ އަހަރު ޒިޔާރަތްކުރި އޮސްޓްރޭލިއާގެ ދަތުރުވެރި-ލިއުންތެރިޔާ ޕީޓާ މުއާ ލިޔެފައިވާ ގޮތުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ރެސްޓޯރަންޓަކުން ވިއްކާ އަގުބޮޑު ކެއުންތަކަށް ހޭދަކުރެވޭނެ ފަދައެއް ނެތް އެ ދަތުރުގައި ހައިހޫނުކަން ފިލުވާލަދިނީ ސަޔާއި ހެދިކާ ކަމަށެވެ.

"އަހަންނަށް އެނގިފައި އޮތީ ދިވެހިން އާއްމުކޮށް ވަދެ އުޅޭ ކެފޭތަކެއް ހުންނަކަން. ހައިރާން ވެސް ވި އެ ތަންތަނަށް ހޮޓަލޭ ކިޔާތީ،" އެފަދަ ތަނެއް ހޯދަން ނުކުމެ އުޅެނިކޮށް އޭނާ އަށް ވަދެވުނީ ދަނބުމާ ކެފޭ އަށެވެ.

"ވަން އިރު މޭޒުމަތީގައި ހުރީ އެއްޗެހި އަތުރާފައި. ދެން ކާނެ ވަރަކަށް ކާންވީ. ކައި ނިމުމުން ވެއިޓަރު އައިސް ކޭ އެއްޗެހި ގުނުމަށް ފަހު އަގެއް ބުނޭ."

ދަނބުމާ ކެފޭގައި މުއާ ސައި ބޮނީ. --ފޮޓޯ: ޕީޓާ މުއާ ބްލޮގް.

އެކަމަކު ސަޔަކީ މިހާރު ހަމައެކަނި ހޮޓާހޮޓަލުގެ ރަމްޒެއް ނޫނެވެ. އެންމެ މަތީ ފެންވަރުގެ ރެސްޓޯރަންޓްތަކުގައި ވެސް ސައިގެ މެނޫ ހިމެނެ އެވެ. ޖާފަތެއް ނުހިމެނޭ ނަމަ ކުރިން އައިބު ކަމަށް ބެލެވުނު އެތައް ރަސްމިއްޔާތުތަކާއި ހަފުލާތައް ސައިން ފަޅުފިލުވާލަ ދެ އެވެ. އެއީ ލުއި ކެއުމެއްގެ ތެރެއިން ދިވެހި ރަހަ އާއި ސަގާފަތް ތަޖުރިބާކޮށްލަދޭން ވެސް ބޭނުން ހިފަމުން އަންނަ ކަމެކެވެ.

"އިނގިރޭސި ވިލާތުން އިސްވެރިޔަކު ވަޑައިގަތަސް އަހަރެމެން މިހާރު ހަވީރުގެ ސަޔެއް ރާވަން. އޮފީހަށް ހެދިކާ ގެނެސްގެން ނޫނީ ކޮންމެވެސް ކެފޭއަކަށް ގޮސް އެހެން ބޯލާ ސަޔަކީ، ރަސްމީ ގޮތްގަނޑު ކަނޑުވާލައި، ރާއްޖޭގެ އާދަކާދައެއް ތަޖުރިބާކޮށްލަން އެ މީހަކަށް ދެވޭ ފުރުސަތަކަށް ވެފައި އޮންނަނީ،" ކެރޮން ވިދާޅުވި އެވެ.

ދައުރު ހަމަކުރައްވައި މި އަހަރު ފަހުކޮޅު ކެރޮން އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާއިރު، ގެންދަވާނެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައިވަނީ އެފަދަ ސައިތަކާ އެވެ. ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި، ލޮކްޑައުންވެގެން ތިބިއިރު ކުޑަ ނަމަވެސް ހަމަޖެހުމެއް ހިތަށް ގެނެސްދިން 'ކަރަންޓީނު ސައި' އޭނާ ފާހަގަކުރައްވަ އެވެ.

"ގޭގެ އެއް ބުރިން އަނެއް ބުރިއަށް ތަށިބަރީގައި ފޮނުވި ހެދިކާ. މަސްރޮށްޓާއި ބަޖިޔާ އެއީ އަހަންނަށް އެންމެ މީރު ހެދިކާއަކީ. ކްރީމް ޖެހި ބަނަހަކީ އަހަރެންގެ ބަލިފައި،" ކެރޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހީންގެ ހަވީރު ސައި ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ހަމައެކަނި ހެދިކާގެ މީރު ރަހަ އާއި ސައިތަށިގެ ހޫނުކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ތަކުރާރު ކުރެވޭ ސައި ބުރުތަކުން އާލާވާ ގުޅުންތަކުން ދިވެހީންގެ އެއްބައިވަންތަކަމެވެ. އަސުރުން އިރު އޮބާލުމުން ބޯން ފަށާ ދިވެހީންގެ ހަވީރުގެ ސަޔަށް އިރުއޮއްސުމެއް ނާންނަނީ އެހެންވެ އެވެ.





More from Mihaaru