އިޒްރޭލުން ހަމާސްގެ އާ ލީޑަރު ސިންވާރު އަވަހާރަކޮށްލައިފި: މިޑީއާ

Thu, 17 Oct 2024 09:37 PM

View on this article on Mihaaru

އިޒްރޭލުން ހަމާސްގެ އާ ލީޑަރު ސިންވާރު އަވަހާރަކޮށްލައިފި: މިޑީއާ

ގުދުސް (17 އޮކްޓޯބަރު) - އިޒްރޭލްގެ އަސްކަރިއްޔާއިން، ހަމާސްގެ އާ ލީޑާރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލްގެ މީޑީއާތަކުން ބުނެފި އެވެ.

އިޒްރޭލްގެ އަސްކަރިއްޔާއާ ހަވާލާދީ ޖެރޫސަލްމަ ޕޯސްޓުން ބުނީ ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާ ކަމަށް ބުނެ އިޒްރޭލްގެ އަސްކަރީ އޮފިޝަލުން އުފާފާޅު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އިޒްރޭލްގެ އަސްކަރިއްޔާއާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ޣައްޒާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަވެފައި ވޭތޯ ކަށަވަރު ކުރުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ބަލަމުން އަންނަ ކަމަށެވެ.

ސިންވާރު، 61، އަވާހަރަކޮށްލާފައިވާކަން ކަށަވަރުކުރުމަށް ފަހު އެކަން ރަސްމީކޮށް އިއުލާން ކުރާނީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ވެސް އަލް ޖަޒީރާއިން ބުނެ އެވެ.

ހާމާސްގެ ކުރީގެ ލީޑަރު އިސްމާއީލް ހަނިޔާ އިރާނުގައި ހުންނަވަނިކޮށް އިޒްރޭލްގެ ހަމަލާއެއްގައި އޭނާ މިދިޔަ ޖުލައި މަހު އަވާހާރަކޮށްލުމުން ހަމާސްގެ ލީޑާރު ކަމަށް ސިންވާރު އައްޔަން ކުރި އެވެ.

އިޒްރޭލްގެ ޖަލަުގައި ގިނަ އަހަރުތަކެއް ވަންދެން ހައްޔަރު ވެސް ކުރި ސިންވާރަކީ ހިބްރޫ ބަހަށް ފަރިތަ މީހެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާއަކީ އޭނާގެ ރޭވުންތެރިކަމުގެ ދަށުން ދިން ހަމަލާއެކެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.





More from Mihaaru