ޣައްޒާގައި ޝަހީދުވި މާބަނޑު މީހާގެ ބަނޑުން ނެގި ދަރިފުޅު ވެސް ނިޔާވެއްޖެ

Fri, 26 Apr 2024 08:50 PM

View on this article on Mihaaru

ޣައްޒާގައި ޝަހީދުވި މާބަނޑު މީހާގެ ބަނޑުން ނެގި ދަރިފުޅު ވެސް ނިޔާވެއްޖެ

ފަަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން މިދިޔަ ހަފްތާ ބަންދުގައި ދިން ހަމަލާއެއްގައި ޝަހީދުވި މާބަނޑު މީހެއްގެ ބަނޑުން ނެގި ދުވަސްނުފުރާ ދަރިފުޅު ވެސް ސަލާމަތް ނުކުރެވި ނިޔާވެއްޖެ އެވެ.

މިއީ އެއް އާއިލާއެއްގެ 19 ވަރަކަށް މީހުން ޝަހީދުކޮށްލި މިސައިލް ހަމަލާއެއްގައި އާއިލާއިން ސަލާމަތްވި ކުއްޖެއްގެ ގޮތުގައި ބެލެވުނެވެ. ސަބްރީން އަލް ރޫހްގެ ނަން ދިން މި ކުއްޖާގެ މަންމަ ސަބްރީން އަލް ސަކާނީ ހޮސްޕިޓަލަށް ގެންދިޔައިރު ފުރާނަ ހުއްޓެވެ. އޭނާގެ ބޮލާއި ބަނޑާއި އެކި ތަންތަނަށް ލިބިފައި ހުރި ސީރިއަސް ޒަހަމްތަކުގެ ސަބަބުން ނިޔާވުމުގެ ކުރިން ސިޒޭރިއަން ހަދައި ކުއްޖާ ނެގީ އެވެ.

މަންމަގެ ފުރާނަ ދިއުމުގެ ކުރިން ނެގި އަންހެން ދަރިފުޅަށް ފަރުވާ ދެމުން ދިޔަ ރަފަހް ސިޓީގެ އެމިރާތީ ހޮސްޕިޓަލުން ބުނީ ކުއްޖާ ނިޔާވީ އިއްޔެ ކަމަށެވެ.

ކުއްޖާގެ ބޮޑުބޭބެއެއް ކަމަށްވާ ރާމީ އަލް ޝައިޚް އޭއެފްޕީ އަށް ބުނީ ކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭތޯ ހޮސްޕިޓަލްގެ ސްޓާފުންނަށް ކުރެވުުނުހާ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ހާލަތު ގޯސްވެ ފުރާނަ ސަލާމަތް ނުކުރެވުމުން އެކަން ހޮސްޕިޓަލުން ގުޅައި އެންގި ކަމަށެވެ.

"އެ ތުއްތު ދަރިފުޅު ވަނީ އެނބުރި އާއިލާގެ ގާތަށް ގޮސްފައި،" އޭނާ ބުންޏެވެ. "އަހަރެން ހޮސްޕިޓަލަށް ގޮސް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ކުއްޖާގެ ހަށިގަނޑު މިއަދު ގެޔަށް ގެނައީ."

"އަހަރެން އެ ކުއްޖާގެ ބައްޕަގެ މަހާނަ ކޮނެ އެ ތަނުގައި އެ ކުއްޖާ ވަޅުލީ،" ރާމީ ބުންޏެވެ.

މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި މި ތުއްތު ކުއްޖާގެ ބައްޕަ އާއި ދައްތަ ވެސް ހިމެނޭ ގޮތުން، އާއިލާގެ 19 މީހަކު ޝަހީދުވީ އެ މީހުންގެ ގެޔަށް އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ.

މަންމަގެ ބަނޑުގައި މި ކުއްޖާ އޭރު މަރު ނުވެ ސަލާމަތުން އޮތުން ވެސް ޑޮކްޓަރުން އަޖައިބެއްގެ ގޮތުގައި ސިފަކުރި އެވެ.

މީގެ ހަ މަސް ކުރިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،356 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި މިހާރު ބުނަމުން ދަނީ ހަމަލާތަކުން ސަލާމަތްވާން އާންމުން ޖަމާވެފައިވާ ރަފަހް އަށް ވެސް އަރާނެ ކަމަށެވެ. -- އޭއެފްޕީ





More from Mihaaru