އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ޝަރުތުކުރުމަށް ފަހު ކޯޓުން ދޫކޮށްލައިފި

Tue, 07 May 2024 06:57 PM

View on this article on Mihaaru

އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ޝަރުތުކުރުމަށް ފަހު ކޯޓުން ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރި ހިންގި ބިދޭސީ މީހާ އަށް ޝަރުތުކުރުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ވެލާނާ އެއާޕޯޓުން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް އެ މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ.

ނަމަވެސް އެ މީހާ އަށް ކުރި ޝަރުތަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ބިދޭސީ މީހާ އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ. އެ ތަނުގައި އެ ވަގުތު ހުރި މީހަކު "މިހާރު" އަށް ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.

ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށީ އެ ބިދޭސީ މީހާގެ ލަގެޖުތައް ބެލްޓުން ބޭލުމުން ކަމަށް އޭނާ ބުންޏެވެ.

"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.

އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.

އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ އެއާޕޯޓަށް ފުރަން ގޮސް ހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު، ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި މުވައްޒަފަކަށް ހަމަލާ ދޭ ތަނެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީ މީހާ ޖަހާ ތަން ފެނެ އެވެ.

ބިދޭސީމީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ. އަދި އާންމުންގެ މީހަކު ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް އޭނާ ގޮވައިގެން ދުރަށް ދެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ ފަހުންނެވެ.





More from Mihaaru