އައިޖީއެމްއެޗުގައި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި

Tue, 07 May 2024 04:34 PM

View on this article on Mihaaru

އައިޖީއެމްއެޗުގައި ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗުގައި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ކަމަށް ބުނެ ކުރި ތުހުމަތު އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ވާހަކަތައް ދެކެވެމުން ދާތީ ހިތާމަކުރާ ކަމަށެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެއްކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ މި މައްސަލާގައި ވެސް ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ބަލި މީހާގެ އާއިލާއާ މަޝްވަރާކޮށް، ތަފުސީލުކޮށް ކިޔައިދީފައި ވާނެ ކަމަށެވެ.

ފަރުވާދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށް ދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާ ނަމަ ނުވަތަ އެ ކަހަލަ ކަމެއް ފާހަގަކުރެވޭ ނަމަ އެ ކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އޭގެ ފަހުން ވެސް މައްސަލައެއް އޮތް ނަމަ ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވާނެ ކަމަށް ބުންޏެވެ.

ހިތްހަމަނުޖެހޭ ހާލަތްތަކުގައި އަމަލުކުރަން އޮންނަ އުސޫލާ ހިލާފަށް ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކައި، ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ހެދުމަކީ އެ ބޭފުޅުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ އަމަލުތަކަކަށް ވާތީ އައިޖީއެމްއެޗުގެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެ ކަހަލަ ހާލަތްތަކުގައި ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.

ޝޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކާކުކަން ނޭނގޭ އައިޑީއަކުން ކުރި ޕޯސްޓެއް ބުނެފައި ވަނީ އައިޖީއެމްޗުގައި ވިހެއި ތުއްތު ކުއްޖެއްގެ ލޭގެ ޓެސްޓުތައް ހެދުމުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން އެނގުމުން ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދީފައިވާ ކަމަށެވެ. ކުއްޖާގެ މަންމަ އެކަން ހުއްޓުވަން އުޅުމުން އެއީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި ޑޮކްޓަރު ކަމާ ބެހޭ އިދާރާ އަށް އެ މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރި އެވެ. އޭގެ ފަހުން ކުއްޖާ މަންމައާ ދުރުގައި ބޭއްވީ ކަމަށް އާއިލާ އިން ބުންޏެވެ.

އެ ޕޯސްޓުގައި ބުނި ގޮތުގައި، ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށް ލި އެވެ. އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޯވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް ބުންޏެވެ.





More from Mihaaru