ޓެކްސީތަކާ ގުޅޭ 30 އަށް ވުރެ ގިނަ ޝަކުވާ ކިއުއާރު ކޯޑު މެދުވެރިކޮށް އިއްޔެއާ ހަމައަށް ލިބުނު: މިނިސްޓްރީ

Tue, 07 May 2024 04:27 PM

View on this article on Mihaaru

ޓެކްސީތަކާ ގުޅޭ 30 އަށް ވުރެ ގިނަ ޝަކުވާ ކިއުއާރު ކޯޑު މެދުވެރިކޮށް އިއްޔެއާ ހަމައަށް ލިބުނު: މިނިސްޓްރީ

ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެކި އަގުތައް ނަގާ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ގާއިމްކުރި ކިޔުއާރު ކޯޑު މެދުވެރިކޮށް މިހާތަނަށް 30 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އެހެން ބުނީ، މިދިޔަ މަހު ތައާރަފްކުރި ޓެކްސީ ލައިން ބޭނުން ނުކުރެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު މިއަދު ވީޑިއޯއެއް އާންމުކޮށް ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓެކްސީތަކުގެ މައްސަލަތައް ރިޕޯޓު ކުރުމަށް ގާއިމް ކޮށްފައިވާ ކިއުއާރު ކޯޑު ބޭނުން ނުކުރެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އެ ކޯޑު ބޭނުން ކުރަން ފެށި ފަހުން އަދި އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އިއްޔެ ވެސް މިއަދު ވެސް ހަމަ އެ ކޯޑަށް މައްސަލަތައް ހުށަހަޅަމުންދޭ. ބައެއް ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް ބޮޑު އަގު ނަގާ ކަމަށް މައްސަލަ ހުށަހެޅޭ ހިސާބުން އެ މީހަކަށް ގުޅައި، ޓެކްސީ ސެންޓަރަަށް ވެސް ގުޅައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޑޮމެސްޓިކް ޓާމިނަލްގެ ޓެކްސީ މަޑުކުރަން ހާއްސަ ސަރަހައްދުގައި ޓޫރިސްޓަކު ހުއްޓިލައިގެން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިއްޔެގެ ނިޔަލަށް 30 އަށް ވުރެ ގިނަ ޝަކުވާ ކިއުއާރު ކޯޑު މެދުވެރިކޮށް ލިބިފައިވާ ކަމަށާއި ކޮންމެ ޝަކުވާއެއް ވަކިން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮންނަނީ އެ ކަމަށް، އެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޓީއެއް ނަގާފައި. އެ ކޮމިޓީން އެ މައްސަލަތައް ބަލަމުން އެ ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކޮމިޓީން ކުރާ މަސައްކަތަކީ އެގޮތަށް މައްސަލައެއް ހުށަހެޅުމުން އެ ޑްރައިވަރަކަށް ގުޅައިގެން ވާހަކަ ދައްކައި އެފަހަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނަސޭހަތް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެކްސީތަކުން ކަނޑައަޅައިފައިވާ އަގަށް ވުރެ އިތުރަށް ފީ ނަގާ ކަމުގެ ކަންބޮޑުވުމާ އެކު، ޓެކްސީގެ ހިދުމަތުގެ މައްސަލަ ހައްލު ގެންނައުމަށް ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.





More from Mihaaru