ޖަރީމާތައް ހިންގި ޓެލެގްރާމް ގްރޫޕްތައް ހިންގުމުގައި އުޅުނު އެކެއްގެ ބަންދަށް އިތުރު 15 ދުވަސް

Fri, 26 Apr 2024 08:26 PM

View on this article on Mihaaru

ޖަރީމާތައް ހިންގި ޓެލެގްރާމް ގްރޫޕްތައް ހިންގުމުގައި އުޅުނު އެކެއްގެ ބަންދަށް އިތުރު 15 ދުވަސް

ހަށިވިއްކުމާއި ޑްރަގް ވިއްކުން ފަދަ ބޮޑެތި ޖަރީމާތައް ހިންގައި އެ ކަންކަމަށް ހިތްވަރުދީ ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި ހައްޔަރު ކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކޯޓުން ދިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތައް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، މި ޖަރީމާތަކުގެ ތުހުމަތަށް ފުލުހުން މި އަހަރު މާޗު 6 ގައި ހައްޔަރުކުރި ދެ މީހުންނަކީ ދެމަފިރިންނެވެ.

އެއީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ.

އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކޮށް މުއްދަތު އިތުރު ކޮށްދޭން ފުލުހުން މިއަދު އެދުމުން ބޭއްވި އަޑުއެހުމުގައި އަންހެން މީހާ ވަނީ އޭނާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި އެހެންވެ ވީހާ ވެސް އަވަހަށް ތަހުގީގު ނިންމައިދޭން އެދިފަ އެވެ. ނަމަވެސް ތަހުގީގު ނިމޭނީ ކޮން ދުވަހަކުން ކަމެއް ބުނަން ނޭނގޭ ކަމަށް ފުލުހުންގެ އައިއޯ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ ވެސް އަދިވެސް ހުރީ ބަންދުގަ އެވެ.

އެ މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ ކުށުގެ އަމަލުތައް ހިންގަމުން ދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ޓެލެގްރާމް ޗެނަލްތަކަށް 7،000 އަށް ވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ޗެނަލް އިން ބަނގުރާގެ ބާވަތްތަކާއި ފޯޖަރީކޮށްގެން ހަދާފައިވާ މެޑިކަލް ސެޓްފިކެޓާއި ހަޝިޝް ތެޔޮ ވިއްކުމާއި ހަށިވިއްކުމާ ގުޅޭ ކަންކަން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.





More from Mihaaru