ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ފިލަން ރާއްޖޭން ބޭރަށްދާން އެއާޕޯޓަށް ގޮސް ހުއްޓާ: ފުލުހުން

Fri, 26 Apr 2024 08:03 PM

View on this article on Mihaaru

ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ފިލަން ރާއްޖޭން ބޭރަށްދާން އެއާޕޯޓަށް ގޮސް ހުއްޓާ: ފުލުހުން

ހދ. ކުޅުދުއްފުށީ ކެމްޕެއިން ޖަގަހައެއްގައި ހުޅުޖަހައި ގެއްލުން ދިން މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މީހާ އަތުލައިގަތީ ފިލަންވެގެން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް ފުލުހުން ބުނެފި އެވެ

މި މަހު 16 ގައި، ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އަންވަރު މުހައްމަދު، 31، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

ރޯކޮށްލާފައި ވަނީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާ އަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ އޭނާ އަށް ލިބިފައި ހުރި ބައެއް ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ހޮސްޕިޓަލެއް ހުރި ނަމަވެސް އޭނާ ފަރުވާ ހޯދާފައި ވަނީ އެހެން ރަށަކަށް ގޮސްގެން ކަމަށެވެ.

އަންވަރު ފުރަން އެއާޕޯޓަށް ގޮސް ހުރީ ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް ހާޒިރު ނުވެ ހުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ ވެސް ފިލަން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓާ ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވި އެވެ.

ނަމަވެސް ދިފާއުގައި އަންވަރު ބުނެފައި ވަނީ އޭނާ ރަށުން ދިޔައީ ފިލައިގެން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދައްކަން ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އަންވަރު ހައްޔަރުކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި ބަންދަަށް 10 ދުވަސް ދީފަ އެވެ.





More from Mihaaru