ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ، އަނެއްކާވެސް ކުނިވެއްޖެ

Fri, 26 Apr 2024 02:55 PM

View on this article on Mihaaru

ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ، އަނެއްކާވެސް ކުނިވެއްޖެ

ހދ. ވައިކަރަދޫ ފަޅުތެރެއަށް ވަން އެތައް ހާސް މުށިމަސް މަރުވެ، ފަޅުތެރެ މި ފަހަރުވެސް އެއްކޮށް ކުނިވެއްޖެ އެވެ.

ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް "މިހާރު" އަށް ވިދާޅުވީ، އެ ރަށު ފަޅަކީ އާންމުންކޮށް ވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެއް ކަމަށާއި އާންމު ހާލަތްތަކުގައި ފަތިހު ވަދެފައި އިރު އޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނުކުންނަ ކަމަށެވެ.

ނަމަވެސް ރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ވަގުތު ރަށުގެ ރައްޔިތުން ނިކުމެ ގިނަ އަދަދެއްގެ މަސް ހިފި ކަމަށާއި މަރުވީ ނުހިފި ބާކީ ހުރި ބައި ކަމަށެވެ.

"ފެންގަނޑު އެރި ގަޑީގައި މަސް ހިފި މީހަކު ހާހެއް ކަހަލަ ގޮތަކަށް. މިއަދު ނުހިފުނު ބައި މަރުވެގެން މައްޗަށް މި އެރީ،" ނުހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިރު އެރިއިރު އެތައް ހާސް މަހެއް މަރުވެ ކުނިވެގެން މައްޗަށް އަރާފައިވާ ކަމަށެވެ. ރަށު ޒުވާނުންނާއި ކައުންސިލް ގުޅިގެން ހެނދުނު މައްޗަށް އަރާފައިހުރި ބައި އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި މެންދުރު ފަހު އަނެއްކާ ވެސް އެކަމަށް ރަށު ރައްޔިތުންނަށް ގޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެނދުނު ކައުންސިލާއި ރައްޔިތުން ގުޅިގެން ނަގައިގެން ވަޅުލިން ދެ ޕިކަޕަށް ވުރެ ގިނަ މަސް، ޖޭސީޕީ 10 ލޯޑުވަރު ގެންދިޔައިން. މިހާރު މުޅި ފަޅު އެއްކޮށް ކުނިވެފައި އޮތީ، މީހުންނަށް އުޅެން އުނދަގޫވާ ވަރަށް،" އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެ ކުނިވެފައި - ފޮޓޯ: ފޭސްބުކް

ވައިކަރަދޫ ބަނދަރު ހަދާފައި އޮތީ ރައްޔިތުން އޭރު އެދުނު ގޮތަށް އެއްވެސް ވަރަކަށް އޮއެނުދެމޭ ގޮތަށް ކަމަށްވާތީ، ކޮންމެ ހޫނު މޫސުމެއްގައި ވެސް މިކަން ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކަން ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެ، ފަޅުތެރޭގައި އޮކްސިޖަން ހުސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރަށް އެކި ފަހަރަުމަތީން ދަންނަވާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލައަށް ހައްލު ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެތެރެ ތޮއްޓާއި ބޭރރު ތޮށި މަރާމާރުކުރަން ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މިއީ އަވަސް ހައްލެއް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ.





More from Mihaaru