އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ

Fri, 26 Apr 2024 10:10 AM

View on this article on Mihaaru

އެމްއައިބީއިން ހިއްސާދާރުންނަށް 65 މިލިއަން ރުފިޔާ ބަހަނީ

މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންނަށް 2.90ރ. ގެ މަގުން ޖުމުލަ 65 މިލިއަން ރުފިޔާ ބަހަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައިފި އެވެ.

އެ ބޭންކުން ބުނީ، ޖުމްލަ ފައިދާގެ 37 ޕަސެންޓު ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައި އަހަރީ އާންމު ޖަލްސާގައި ހުށަހަޅާނެ ކަމަށެވެ. ހިއްސާދާރުންނަށް އެ އަދަދު ބަހާނީ އެމްއައިބީގެ 14 ވަނަ އަހަރީ އާންމު ޖަލްސާގައި ނަގާ ވޯޓަށް ފަހު އެވެ.

އެމްއައިބީ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ބޯޑުން ނިންމި އަދަދަކީ މިދިޔަ އަހަރަށް ވުރެ 65 ޕަސެންޓު ބޮޑު އަދަދެކެވެ. އެ ބޭންކުން ބުނީ މިއީ އެ ކުންފުނި ލިސްޓު ކުރި ފަހުން ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދު ކަމަށެވެ.

މިދިޔަ އަހަރު އެމްއައިބީ އަށް ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބުނެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 56 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފައިދާ އެހާ ބޮޑަށް އިތުރުވީ މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 401 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއައިބީ އިން ބުނިގޮތުގައި، މިދިޔަ އަހަރު އެ ބޭންކުގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެ މީހަކު ހުރި ތަނަކުން ބޭންކުގެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެ ބޭންކްގެ ހިއްސާގެ ފައިދާ ލިބޭނީ އަންނަ މަހުގެ 8 ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުރަތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކި އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.





More from Mihaaru