އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން!

Tue, 07 May 2024 01:51 PM

View on this article on Mihaaru

އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން!

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު ބިދޭސީއަކު މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން ކަމަށް، އެ މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.

އެ ތަނުގައި އެ ވަގުތު ހުރި މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އޭނާ ފުރަން ގޮސް، ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ ސްޓާފުން އެދުމުން އެންމެ ފުރަތަމަ އެއްޗެހި ކިޔައި ހަޅޭއްލަވަން ފެށި ކަމަށެވެ.

ފައިސާ ނުދައްކާ އެއްޗެހި ކިޔަން ފެށުމުން ސްޓާފުން އޭނަގެ ލަގެޖްތައްތައް ބެލްޓުން ބޭލި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެތަނުގައި ހުރި އެހެން މީހަކު އެ ގަޑީގައި ދިޔައީ ސެކިއުރިޓީ މީހުން ހޯދަން. ދަނިކޮށް ފަހަތުން ގޮސް އެ މީހާގެ ގައިގައި ޖެހީ،" އޭނާ ބުންޏެވެ.

އެ ބިދޭސީ މީހާ އަކީ އެމެރިކާގެ ޕާސްޕޯޓް އޮތް މީހެއް ކަމަށާއި އޭނާ ދަތުރު ކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވެ އެވެ.

ސޯޝަލް މީޑިއާގައި އެ ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް އާންމު ވެފައި ވާއިރު އޭގައި ފެންނަނީ އެއާޕޯޓަށް ފުރަން ގޮސްހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާ އެކު ހިނގާފައި ގޮސް އިއްތިހާދު އެއާވޭސްގެ ޗެކިން ކައުންޓަރުގައި ހުރި ސްޓާފަކަށް ހަމަލާ ދޭ ތަނެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީމީހާ ޖަހާ ތަން ފެނެ އެވެ.

ބިދޭސީމީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރާތަން ވީޑިއޯ އިން ފެނެ އެވެ. ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް ގޮވައިގެންދާ މަންޒަރު ވެސް ފެނެ އެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.





More from Mihaaru