ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ

Fri, 26 Apr 2024 09:34 AM

View on this article on Mihaaru

ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ

ތުރުކީ އާ އެކު ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަން ހަމަޖައްސައި ދޭން ތުރުކީ ސަރުކާރުގައި މިހާރު އެދިފައިވާ ކަމަށެވެ.

ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ދެ ގައުމުގެ މެދުގައި އެ ކަމުގެ މަޝްވަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެކަމުގެ ދަށުން އިއްޔެ ވަނީ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވާފަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ތުރުކީއާ އެކު ކުރިއަށް ގެންދާ އެއްބަސްވުމުގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން އެކްސްޕޯޓު ކުރާ ބައެއް މުދާތަކުން ލުއި ގޮތްތައް ހަމަޖެހިގެންދާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ހިމެނޭނެ މުދަލުގެ ތަފްސީލު ހާމަކޮށްފައިނުވިޔަސް، ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ކާޑުގެ ބާވަތްތައް ގެންނަން ވަނީ ފަށައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު ގާތްގުޅުމެއް ވަނީ ބާއްވަން ފައްޓަވައިފަ އެވެ. އެ މަނިކުފާނު މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ.





More from Mihaaru