އެއްވެ އުޅުމުގެ މިނިވަންކަން ބޮޑަށް ފަހިކޮށްދިނުމަށް، އާ މަޖިލީހާއެކު ގާނޫނަށް އިސްލާހު ހުށަހަޅަނީ

Mon, 06 May 2024 05:53 PM

View on this article on Mihaaru

އެއްވެ އުޅުމުގެ މިނިވަންކަން ބޮޑަށް ފަހިކޮށްދިނުމަށް، އާ މަޖިލީހާއެކު ގާނޫނަށް އިސްލާހު ހުށަހަޅަނީ

އެއްވެ އުޅުމުގެ މިނިވަންކަން ވީހާ ވެސް ބޮޑަށް ފަހިކޮށްދިނުމަށް، އާ މަޖިލީހާއެކު އެ ގާނޫނަށް އިސްލާހު ހުށަހަޅަން ފޮނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި ބަދަލުތަކަށް، މި މަހުގެ 28 ވަނަ ދުވަހު ފެށިގެންދާ އާ މަޖިލީހާއެކު އިސްލާހު ހުށަހެޅުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ބޮޑަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ހީނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުން އެބަހުރި އަންނަ މަޖިލިސް ފެށިގެންދާއިރު އެ ގާނޫނަށް އިސްލާހު ހުށަހަޅަން. ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ބޮޑަށް އެއްވެ އުޅުން، ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައި ބޭއްވުން. އެހެންވީމަ، އަންނަ މަޖިލީހުގައި އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު އިރާދަކުރެއްވިއްޔާ ހުށަހެޅިގެންދާނެ." އޭނާ ވިދާޅުވި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމިއިރު، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ އާންމު ތަންތަނުގައި އެއްވެ އުޅުން މަނާކުރާ މާއްދާ އެއްކޮށް ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުން މިހާރު ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު އެއްކޮށް ދޫކޮށްނުލާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ އެ ގާނޫނުގެ ދަށުން ލުއިތަކެއް ދިނުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ މާލޭގެ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭތީ، އެ ގާނޫނު އުވާލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް، އޮގަސްޓް 8، 2019 ގައި މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ މާއްދާ އުވާލަން ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް އަދިވެސް މަޖިލީހުން ނިންމާފައެއް ނުވެ އެވެ.





More from Mihaaru