ވޯލްޑް ޓްރެވަލް އެވޯޑްސްގެ މުހިއްމު ހަތަރު އެވޯޑެއް ރާއްޖެއަށް

Mon, 06 May 2024 06:15 PM

View on this article on Mihaaru

ވޯލްޑް ޓްރެވަލް އެވޯޑްސްގެ މުހިއްމު ހަތަރު އެވޯޑެއް ރާއްޖެއަށް

ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން، ރާއްޖެ އަށް ހަތަރު އެވޯޑު ލިބިއްޖެ އެވެ.

އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ކުރިއަށް ދިޔަ މި އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފަ އެވެ. އެ އެވޯޑު ޖެހި ޖެހިގެން ހަތަރު ފަހަރު ރާއްޖެއަށް ލިބިފައިވެ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފުވެރި ގިނަ އެވޯޑުތަކެއް ރާއްޖެއިން ހާސިލުކޮށްފައިވެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު އުފެދިގެން އައި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ. ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ.

އޭޓީއެމްގެ ރާއްޖޭގެ ސްޓޭންޑް ސަރަހައްދުގައި ސަގާފީ ކުޅިވަރު ކުޅެނީ -- ފޮޓޯ: އެމްއެމްޕީއާރްސީ

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަޕާސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގާއި ޓޫރިޒަމް ޑިވެލޮޕްމަންޓަށް ރައީސް އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލް ބައިވެރިވެ ވަޑައިގެން ރާއްޖެއަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވެ ވަޑައިގަތެވެ.

މިއަދު ފެށި އޭޓީއެމް ފެއާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް 123 ދަތުރުފަތުރާއި ޓޫރިޒަމް ދާއިރާގެ ފަރާތްތައް އަދި 253 މަންދޫބުން ބައިވެރިވެފައިވެ އެވެ. ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެށި މި ފެއާ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ ޝަރަފްފުވެރި އެވޯޑަކާއި މިނިސްޓަރު ފައިސަލް ހަވާލުވަނީ -- ފޮޓޯ: އެމްއެމްޕީއާރްސީ

މެދުއިރުމަތީގެ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެއް ކަމަށް އެމްއެމްޕީއާރްސީއިން ބުނެފައިވެ އެވެ. މި އަހަރުގެ މާޗް މަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން ޖުމްލަ 13,974 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މެދުއިރުމަތީގައި ރާއްޖެއަކީ ކުރިއަމުންދާ މަންޒިލަކަށް ހެދުމަށްޓަކައި އެމްއެމްޕީއާރުސީން ކޮންމެ އަހަރަކު ވެސް ތަފާތު ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ.





More from Mihaaru