މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ވާރޭ ވެހުން އެކަށީގެންވޭ: މެޓް

Mon, 06 May 2024 04:20 PM

View on this article on Mihaaru

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ވާރޭ ވެހުން އެކަށީގެންވޭ: މެޓް

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަންނަ ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ވަރާއި އެންމެ ދަށަށް ދާނެ ވަރު ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ވާރޭވެހޭނެ ވަރު އަންދާޒާކޮށްފައިވާ ޗާޓެއް.

ކުރިއަށް އޮތް މަސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވާރެވެހޭނެ ވަރާއި އަދި ފިނިހޫނުމިން ހުންނާނެވަރު އަންދާޒާކޮށް ސައުތު އޭޝިއާ ކްލައިމެޓް އައުޓްލުކް ފޯރަމް (ސާސްކޮފް) އިން އާންމު ކޮށްފައިވާ ޗާޓުތަކުގައިވާ ގޮތުގައި، ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ފިނިހޫނުމިން އެންމެ ދަށަށް ދާނީ އުތުރާއި ދެކުނުގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން މި ސަމާލު ނެރުނު އިރު، މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ގިނަ ހާދިސާތައް ހިނގާފައިވެ އެވެ. އަދި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ނުހިނގާ ރަށްރަށުން ވެސް ރިޕޯޓްތައް ލިބިފައިވެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ފިނިހޫނުމިން ހުންނާނެ ވަރު އަންދާޒާކޮށްފައިވާ ޗާޓެއް.

މިހާރު އާންމުކޮށް ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މެއި މަހުގެ މެދުތެރޭގަ އެވެ. އަދި ހުޅަނގު މޫސުން ނިމި އިރުވައި ފެށެނީ ޖެނުއަރީގަ އެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ވެސް އާދަޔާ ހިލާފަށް ހޫނުގަދަވުމާއި އާދަޔާ ހިލާފަށް ވިއްސާރަކުރުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

މި އަހަރު ރާއްޖޭގެ ހޫނުމިން ވެސް އާދަޔާ ހިލާފަށް މައްޗަށް ވަނީ އަރައިފަ އެވެ. ބައެއް ދުވަސްދުވަހު އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް މިހާރު ހުންނަނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ. އަދި މިދިޔަ މަހު 10 ގައި ވަނީ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސް އަށް ވެސް އަރައިފަ އެވެ. އެއީ ރިކޯޑެކެވެ.





More from Mihaaru