އޭސީސީގެ ރިޕޯޓު ބޮލާލައި ޖަހައިފިނަމަ ގިނަ ބައެއްގެ ހައްގު ގެއްލިގެންދާނެ: ސަރުކާރު

Mon, 06 May 2024 05:05 PM

View on this article on Mihaaru

އޭސީސީގެ ރިޕޯޓު ބޮލާލައި ޖަހައިފިނަމަ ގިނަ ބައެއްގެ ހައްގު ގެއްލިގެންދާނެ: ސަރުކާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓު ތަހުގީގުކުރުމަށް ފަހު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ރިޕޯޓު "ބޮލާލައި ޖަހައިފި" ނަމަ ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން އަޅާ 4،000 ފްލެޓު ހަވާލު ކުރުން ލަސްވެފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފަ އެވެ. ނަމަވެސް ފްލެޓްތައް ދޫކުރުމުގައި ކުރީގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި ބެލުމުން ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ދޫކުރުން ހިމެނެ އެވެ.

އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

ކަން މިހެން އޮއްވައި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓްތައް ލިބުނު މީހުންނާ ހަވާލު ކުރަން ސަރުކާރަށް އަންގަން ފާސްކޮށްފަ އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރާނެ ގޮތަކާމެދު "މިހާރު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އޭސީސީގެ ރިޕޯޓުގައި ފްލެޓު ލިސްޓާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ހީނާ ވިދާޅުވީ، މިހާރު އޮތް ފްލެޓު ލިސްޓަށް ބަލައިގެން ފްލެޓު ދޭއިރު އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

"އެ ހުރިހާ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓަށް ބޮލާލައި ޖަހައި އަޅުގަނޑުމެން އެހެން ގޮތަކަށް ނިންމުމަކީ ފްލެޓު ނުލިބޭ ފަރާތްތަކުގެ ވެސް ފްލެޓު ލިިބިފައި ފަރާތްތަކުގެ ވެސް ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ވަކި ގޮތަކަށް އަމަލުކުރައްވާނެ ކަމަށް ސީދާ ވިދާޅުނުވިނަމަވެސް ހީނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރިގޮތަކަށް މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ.

ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކުރުމުގައި ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް ނިންމުމަށް ފަހު ރިޕޯޓު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. މިހާރު އެ ފްލެޓުތަކުގެ މައްސަލަ ބަލަމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.





More from Mihaaru