ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކުވިޔަ ނުދީ: އާދަމް ޝަރީފް

Fri, 26 Apr 2024 12:11 AM

View on this article on Mihaaru

ބޭރުގެ ނުފޫޒުން ދިވެހި ބަސް ހަލާކުވިޔަ ނުދީ: އާދަމް ޝަރީފް

ބޭރުގެ އެކި ބަސްތަކުގެ ނުފޫޒުން ދިވެހި ބަސް ހަލާކުނުކޮށްލުމަށް ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ގައުމެއް ކުރިއަށް ގެންދިއުމުގައި ގައުމުގެ މާދަރީ ބަހަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށާއި ދިވެހި ބަހަށް ބަލާއިރު އެ ބަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ގުޅުން ގުޅުވައިދޭ ހަތިޔާރެއް ކަމަށެވެ.

"ހާއްސަ ގޮތެއްގައި މި ގައުމުގެ ގައުމިއްޔަތު ދިރުވަން ބޭނުންވާ ކަމަށް ވަންޏާ، އާލާކުރަން ބޭނުންވާ ނަމަ ދިވެހި ބަސް ރައްކާތެރިކުރަންޖެހޭ، ހިމާޔަތްކުރަންޖެހޭ. އަދި ހަމައެހެންމެ، ތަރައްގީކުރަންޖެހޭ،" ދިވެހި ބަހުގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިވަގުތުގެ ހާލަތު ހުރި ގޮތާއި ކަންކަން ވަމުންދާ ގޮތުން ކަންބޮޑުވާން ޖެހޭ ފަދަ ކަންކަން އެބަހުރި ކަމަށެވެ. ސަބަބަކީ ދިވެހިންގެ ތެރޭގައި ދިވެހި ބަހަށް ކޮށި އަދި ބަހުގެ ހަމަތައް ރަނގަޅަށް ނޭނގޭ މީހުން ތިބުމާއި މާރުކޭޓްތަކާއި އަދިވެސް އެކި ތަންތަނުގައި ހަރުކޮށްފައި ހުންނަ ލިޔުންތަކުގައި ވެސް ގިނަ މައްސަލަތަކެއް ހުންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ލަދު ގަންނަ ވަރުގެ ކަމެކެވެ.

"ދިވެހި ބަހުގެ ފަރިކަމާއި ފޮނިކަމާއި ފަރިތަކަން އަޅުގަނޑުމެންގެ ތެެރެއިން ނެތިގެންދާ ކަމުގެ ބިރު އެބަ އޮތް. އެކަން އެހެން އޮތް ނަމަވެސް އަޅުގަނޑުމެން އަޒުމު ކަނޑައަޅަން ޖެހެނީ ދިވެހި ބަސް އަޅުގަނޑުމެންގެ އަތުން ބީވެގެން ނުދާނެ ގޮތަށް މި ނަސްލު ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ،"

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އޭޕްރީލް މަހެއްގެ 14 ވަނަ ދުވަހު އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ މިއަހަރު އެ ދުވަސް ފާހަގަކުރުން ލަސްވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ދިވެހި ބަހުގެ ލަފްޒުތައް ވަކިކުރާނެ ގޮތުގެ އުސޫލުތައް ހިމެނޭ ފޮތަކާއި ތިކިޖެހި ތާނަ ބޭނުން ކުރާނެ ގޮތް ހިމެނޭ ފޮތެއް ވެސް ނެރެފަ އެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މިރޭ ނެރުނު ފޮތްތައް ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލުތަކާއި ނޫސްތަކަށް ފޮނުވާނެ ކަމަށެވެ.

އަޝްރަފު ވިދާޅުވި ގޮތުގައި ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކުން އިނގިރޭސި ބަހުން ފޮނުވައި އީމެއިލްތަކަށް މިހާރު ޖަވާބެއް އެ އެކަޑަމީން ނުދެ އެވެ. އޭގެ ބަދަލުގައި ދިވެހިން އީމެއިލް ކުރުމަށް އަންގަ އެވެ.

"މިހާރު އަޅުގަނޑު ދިވެހި ބަހުގެ އެކަޑަމީގެ ހުރިހާ މުވައްޒަފުންނަށް ދަންނަވާފައި އޮންނާނެ ދިވެހި ރާއްޖޭގެ ދިވެހި މުއައްސަސާއަކުން އިނގިރޭސި ބަހުން ފޮނުވާ އީމެއިލްތަކަށް ޖަވާބުދީގެން ނުވާނެއޭ. އޭގައި ހުރި ކަންތައްތައް ކޮށްދީގެން ވެސް ނުވާނޭ. އޭގެ ބަދަލުގައި މި އަންގަނީ ދިވެހިރާއްޖޭގެ ދިވެހި ބަހުގެ އެކަޑަމީއަށް މުއާމަލާތް ކުރަން ވާނީ ދިވެހި ބަހުންނޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، އަޝްރަފު ވަނީ ސަރުކާރުގެ އެހެން މުއައްސަސާތަކަށް އެހެން އިދާރާތަކުން އިނގިރޭސި ބަހުން ފޮނުވާ މެއިލްތައް ބަލައިނުގަތުމަށް ވެސް ގޮވާލައްވައިފަ އެވެ. އެއީ ދިވެހި ބަހަށް ގެނެވޭނެ ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.





More from Mihaaru