ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ހައުސިން ލޯނު ސްކީމެއް ބީއެމްއެލް އިން ތައާރަފު ކޮށްފި

Mon, 06 May 2024 03:49 PM

View on this article on Mihaaru

ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާގެ ހައުސިން ލޯނު ސްކީމެއް ބީއެމްއެލް އިން ތައާރަފު ކޮށްފި

ގެދޮރު އިމާރަތްކުރުމާއި މަރާމާތުކުރުމަށް ޑިމާންޑު އިތުރުވަމުން ދިއުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ބިލްޑިންގް ލޯނާއި ހޯމް އިކުއިޓީ ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހޯމް ބިލްޑިންގް ލޯނު ނެގޭނެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު ހަދަން ބޭނުން ކުރެވޭނެ ލޯނެކެވެ.

މި ލޯނުގެ އިންޓްރެސްޓު ރޭޓަކީ ނުވަ ޕަސެންޓެވެ.

ހޯމް އިކުއިޓީ ލޯނަކީ ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރި ލޯނެކެވެ. ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށް ހޯމް އިކުއިޓީ ލޯނު ބީއެމްއެލް އިން ދޫކުރާނެ އެވެ.

ހޯމް އިކުއިޓީ ލޯނު ދޫކުރަނީ 50،000ރ. އަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ މީހުންނަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެ ލޯނު ދޫކުރާނީ 10 ޕަސެންޓުގެ ރޭޓުގަ އެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި ގޮތުގައި މި ލޯނަކީ ކަސްޓަމަރުންނަށް ފަސޭހައިން ގެދޮރު ހެދުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ލޯނެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.





More from Mihaaru