ފްލެޓް ލިސްޓަށް ބަދަލެއް ނުގެނެސް ހަވާލުކުރަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކޮށްފި

Mon, 06 May 2024 03:42 PM

View on this article on Mihaaru

ފްލެޓް ލިސްޓަށް ބަދަލެއް ނުގެނެސް ހަވާލުކުރަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓްތައް ލިބުނު މީހުންނާ ހަވާލު ކުރަން ސަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލިހުގައި މިހާރު އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ވޯޓުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހަވާލު ކޮށްފައިވާ 4،000 ފްލެޓު ހަވާލު ކުރުން ލަސްވެފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅާފަ އެވެ. ނަމަވެސް ފްލެޓްތައް ދޫކުރުމުގައި ކުރީގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި ބެލުމުން ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ފްލެޓް ދޫކުރުން ހިމެނެ އެވެ.

އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

ފްލެޓްތައް ދޫކުރުން ލަސްވާ މައްސަލަ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން ބެލުމަށް ފަހު ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައިވާ ގޮތަށް ފްލެޓުތައް ލިބޭނެ ކަމަށް ބަޔާންކޮށް ގެޒެޓު ކޮށްފައިވާ މީހުންނަށް ލަސްނުކޮށް ހަވާލު ކުރަން އެންގުމަށެވެ.

އެ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތައް ލިބޭނެ މީހުން ހިމަނައި ގެޒެޓު ކޮށްފައިވާ ލިސްޓަށް އުނި އިތުރެއް ނުގެނެސް އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓު ދޫކުރުމަށް ވެސް ވަނީ ކޮމިޓީން ނިންމައިފަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކުރުމުގައި ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް ނިންމުމަށް ފަހު ރިޕޯޓު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. މިހާރު އެ ފްލެޓުތަކުގެ މައްސަލަ ބަލަމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ އެ ފްލެޓުތައް އިމާރާތް ކޮށް ނިމެންވާއިރަށް އެ މައްސަލަތައް ނިންމާ ހައްގުވެރިންނާ ހަވާލު ކުރާނެ އެވެ.





More from Mihaaru