ލަންކާގެ ދަރަނި ލުއިކުރުމުގެ މަޝްވަރާ ކޮޅެއްގައި ނުޖެހުނު

Wed, 17 Apr 2024 05:39 AM

View on this article on Mihaaru

ލަންކާގެ ދަރަނި ލުއިކުރުމުގެ މަޝްވަރާ ކޮޅެއްގައި ނުޖެހުނު

ބަނގުރޫޓުވެފައިވާ ސްރީ ލަންކާގެ "ސަވަރިން ބޮންޑް ހޯލްޑާސް" އާ އެކު ތިން ހަފްތާ ވަންދެން ކުރި މަޝްވަރާތަކުން ވެސް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވުނު ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުން ސަލާމަތްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދޭ އެހީގެ ޝަރުތުތަކުގެ ތެރޭގައި، ލަންކާގެ ދަރަނި ޖޫން މަހުގެ ނިޔަލަށް ރީސްޓްރަކްޗާކުރުން ހިމެނެ އެވެ. އެހެންވެ މި ކުރި މަޝްވަރާތަކުން ހައްލެއް ނުލިބުމުން ހާސްކަން ވަނީ ބޮޑުވެފަ އެވެ.

"ވަރަށް ބިނާކުރަނިވި މަޝްވަރާތެއް ކުރެވުނަސް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޓާމްސްގެ ތަކާ ބެހޭ ގޮތުން އެ ފަރާތަކާ އެކު އެއްބަސްވުމަކަށް ނާދެވުނު،" ލަންކާގެ ހުށަހެޅުންތަކާއި ދަރަނި ދޫކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ބައެއް ތަފްސީލާ އެކު ފިނޭންސް މިނިސްޓްރީން ނެރުނު 19 ސަފުހާގެ ބަޔާނުގައި ބުންޏެވެ. އޭގައިވާ ގޮތުން ލަންކާގެ ނުދެއްކި ހުރި 12.5 ބިލިއަން ޑޮލަރުގެ ދަރަނިން 28.8 ޕަސެންޓް އުނިކޮށްދިނުމަށް ލަންކާއިން ހުށަހެޅި އެވެ. އެކަމަކު ދަރަނި ދޫކުރި ފަރާތްތަކުން އެ ހުށަހެޅުމަށް ދެކޮޅުހަދައި ބުނެފައިވަނީ އައިއެމްއެފުން ދީފައިވާ އިގްތިސާދީ ކުރިއެރުމުގެ ޓާގެޓް ލަންކާއަށް ހާސިލް ނުކުރެވިއްޖެ ނަމަ ދަރަނިން ޑިސްކައުންޓް ދެވިދާނެ ކަމަށެވެ.

ލަންކާއަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާހާ އިގްތިސާދީ ދަތިކަމެއް 2022 ވަނަ އަހަރު ކުރިމަތިވެ ބޭރުގެ ދަރަނި އަދާނުކުރެވޭ ހިސާބަށް ގޮސް ގައުމަށް ބޭނުންވާ އަސާސީ މުދާ ވެސް ނުގަނެވޭ ދަރަޖައަށް ދިއުމުން ވަނީ އައިއެމްއެފުން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ނަގައިފަ އެވެ. މިއީ ހަތަރު އަހަރުގެ ޕެކޭޖެކެވެ.

ބެއިލްއަޓްގެ ޝަރުތުތަކުގެ ތެރޭގައި، ޖޫންގެ ނިޔަލަށް ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނޭއިރު އެކަން ނުކުރެވިއްޖެ ނަމަ އައިއެމްއެފްގެ ފައިސާ ލިބުން އެ ހިސާބުން ހުއްޓާލާނެ އެވެ.

ލަންކާއިން ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓަކީ ޗައިނާގެ ލޯނުތަކެވެ. މި ލޯނުތައް ދެއްކުމުގައި ލުއި ގޮތެއް ހަމަޖެހޭތޯ ބެލުމަށް ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.





More from Mihaaru