ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީއަށް

Tue, 30 Apr 2024 09:57 AM

View on this article on Mihaaru

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީއަށް

ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމައި ސްކޫލްތަކުގެ ޗުއްޓީ މިއަދު ފަށައިފި އެވެ.

ރާއްޖޭގެ 216 ސްކޫލެއްގައި މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދީ ޗުއްޓީ ފަށާފައި ވާއިރު ދެން އަލުން ކިޔެވުން ފެށޭނީ އަންނަ މަހު 26 ގަ އެވެ.

މުޅި ރާއްޖޭގައި މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 84،200 ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވެ އެވެ. އެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރި އެވެ.

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ރިޕޯޓު ފޯމް ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަންނަ މަހު ދިރާސީ އާ އަހަރު ފަށާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ވަކި މާއްދާއެއް ގޮތުގައި "ގައުމިއްޔަތު" ކިޔަވައިދޭން ފަށާނެ އެވެ.

މިއީ ގައުމާ މެދު ތުއްތު ކުދިންގެ ހިތުގައި ލޯބި އުފެއްދުމުގެ ބޭނުމުގައި ތައާރަފްކުރާ މާއްދާއެއް ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ. ގައުމަށް ހަމަޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީކޮށްގެން ކަމަށާއި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަހުލާގު ދަސްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ބެލެނިވެރިޔަކާ އެކު ރިޕޯޓްފޯމް ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަންނަ އަހަރަށް ފައިނަލްކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ކިޔެވުން ނިމޭނީ އަންނަ މާޗް 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.





More from Mihaaru